ރައީސުލްޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީނު އަވަހާރަކޮށްލަން މަސައްކަތް ކުރިކަމުގެ ތުހުމަތަށް ރާއްޖޭގައި ހައްޔަރުކޮށްފައިވާ ސްރީލަންކާގެ ސްނައިޕަރު ދޫކޮށްލުމާ މެދު ވަކި ގޮތެއް ނިންމޭނީ އިތުރު ތަހުގީގުތަކަކަށް ފަހުގައި ކަމަށް ދިވެހި ސަރުކާރުން ބުނެފައިވާ ކަމަށް ލަންކާ އިން ބުނެފި އެވެ.

ލަންކާގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ޑރ. ހާޝާ ދި ސިލްވާ އާ ހަވާލާދީ އެގައުމުގެ ނޫހެއް ކަމަށްވާ ދަ ސަންޑޭ ޓައިމްސް ގައި ބުނެފައި ވަނީ ދިވެހި ސަރުކާރުން އޭނާގެ މައްސަލަ ބަލަމުން އަންނަނީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ކަމަށެވެ.

ހާޝާ ވިދާޅުވެފައި ވަނީ މައްސަލަ އަވަސް ކުރަން ލަންކާ އިން ބޭނުން ނަމަވެސް، އެހެން ގައުމެއްގެ ޝަރުއީ ނިޒާމުގެ ތެރެއަށް ނުވަދެވޭނެ ކަމަށެވެ.

"ދިވެހި ސަރުކާރުން ވަނީ މި މައްސަލައަކީ ވަރަށް ސީިރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުން އަންނަ މައްސަލަ އަކަށް ވުމުން، އޭނަ ދޫކޮށްލުމާ މެދު ވަކި ގޮތެއް ނިންމުމުގެ ކުރިން އިތުރު ތަހުގީގުތަކެއް ކުރަން ޖެހޭކަން އަންގާފައި،" ހާޝާ ވިދާޅުވެފައިވެ އެވެ.

ހާޝާގެ ވާހަކަތައް މިހެން ހުރި ނަމަވެސް ހައްޔަރުކޮށްފައިވާ 24 އަހަރުގެ ލަހިރޫ މަދުޝަންކާގެ ގާނޫނީ ވަކީލް ޝަބްދިކާ ވެލާމްޕިލް އެ ނޫހަށް ވިދާޅުވެފައި ވަނީ ލަންކާ އާއި ދިވެހި ސަރުކާރުގެ ވާހަކަތައް ދިމާނުވާ ކަމަށާއި، ދިވެހި ސަރުކާރުން މަދުޝަންކާ މިނިވަން ކުރުން ލަސްކުރަމުން އަންނަ ކަމަށެވެ.

"ރާއްޖެއިން މައްސަލަ ތަހުގީގު ކުރާ ފަރާތްތަކުން ތަކުރާރުކޮށް އަޅުގަނޑަށް އަންގާފައި އެބަ ވޭ މިހާރު އޭނާ މިނިވަން ކުރުން ލަސްވަނީ ކޮލަމްބޯގެ ކަމާބެހޭ ފަރާތްތަކުން ނިންމަން ޖެހޭ ބައެއް ކަންކަން ނުނިމިގެން ކަމަށް،" އޭނާ ބުނެފައި ވެއެވެ.

ނަމަވެސް އިތުރު ތަފްސީލެއް އޭނާ ދީފައި ނުވި ނަމަވެސް، ލަންކާ ސަރުކާރުގެ މަސައްކަތްތައް ލަސް ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

އަމާޒަށް ބަޑި ޖެހުމުގެ ގާބިލުކަން ލިބިފައިވާ ކަމަށް ދިވެހި ފުލުހުން ބުނާ މަދުޝަންކާ ރާއްޖެއިން ހައްޔަރު ކުރީ، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ޗައިނާއަށް ކުރެއްވި ދަތުރުފުޅަށްފަހު އެނބުރި ރާއްޖެ ވަޑައިގެންނެވި ދުވަހު އެވެ. އެއީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 24 ވަނަ ދުވަހެވެ.

އޭނަގެ ބަންދަށް މިދިޔަ މަހުގެ 28 ވަނަ ދުވަހު ވަނީ 15 ދުވަސް އިތުރުކޮށްފަ އެވެ. އެއީ އޭނާގެ ބަންދުގެ މުއްދަތު އިތުރު ކުރި ފަސް ވަނަ ފަހަރެވެ.

އޭނާ ހައްޔަރު ކުރީ ދިވެހީންގެ ބަޔަކު ފައިސާދީގެން އޭނަ ލައްވައި ރައީސް ޔާމީން އަވަހާރަކޮށްލަން އުޅޭ ކަމަށް ތުހުމަތު ކުރެވިގެންނެވެ.

ސަންޑޭ ޓައިމްސް ގައި ބުނެފައި ވަނީ މަދުޝަންކާ އަކީ އޭނާގެ އާއިލާއިން ރާއްޖޭގައި ކުރާ މަހުގެ ވިޔަފާރިއެއްގައި ވަރަށް ގިނައިން ރާއްޖެ ގޮސް ހަދާ މީހެއް ކަމަށް އޭނާގެ އާއިލާގެ ފަރާތުން އެގައުމުގެ ފޮރިން މިނިސްޓްރީއަށާއި އިތުރު މިނިސްޓްރީ ތަކަކަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

އޭގެ އިތުރަށް ލަންކާގެ ސަރުކާރުން ބެލި ބެލުމުން މަޑުޝަންކާ އަކީ ކުށުގެ ރެކޯޑެއް އޮތް މީހެއް ނޫން ކަމަށާއި ރާއްޖޭގެ ބައެއް މީޑިއާތަކުން އޭނާއަކީ ލަންކާގެ އަސްކަރިއްޔާގައި ޚިދުމަތްކޮށްފައިވާ މީހެއް ކަމުގައި ބުނި ނަމަވެސް، އެއީ ހަގީގަތެއް ނޫން ކަމަށް އޭނާގެ ވަކީލު ވިދާޅުވި އެވެ.