ފޭސްބުކްގެ ސީއީއޯ މާކް ޒަކަބާގްގެ ގެއާއި އޮފީހުގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގާއިމު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

އޭއައި އަކީ މެޝިނެއް، ރޮބޮޓެއް ނުވަތަ ކޮމްޕިއުޓަރު ސޮފްޓްވެއާއެއްގެ އެހީގައި އިންސާނުން ކުރާ ކަހަލަ ކަންތައްތައް ކުރުމެވެ. މިސާލަކަށް ނަގާނަމަ މަޝްހޫރު ސައިންސް ފިކްޝަން ފިލްމު ކަމަށްވާ "އަޔަން މޭން"ގެ "ޖާވިސް" އަކީ އޭއައި އެކެވެ.

އެ ޓެކްނޮލޮޖީއަކީ ޖާވިސް ފަދަ ޓެކްނޮލޮޖީއަކަށް ހެދުމަށް މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިހާރު ތަރައްގީކޮށްފައިވާ ޓެކްނޮލޮޖީ ބޭނުންކޮށްގެން އޭއައި އިތުރަށް ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޒަކަބާކް ވިދާޅުވިއެވެ. އެގޮތުން އެ ޓެކްނޮލޮޖީ އިތުރަށް ތަރައްގީ ކޮށް އޭނާގެ އަޑު އެ ޓެކްނޮލޮޖީއަށް ދަސްކޮށްދޭނެ ކަމަށް ޒަކަބާކްވިދާޅުވިއެވެ.

ޒަކަބާގް ވިދާޅުވީ އެ ޓެކްނޮލޮޖީ ބޭނުންކޮށްގެން އޭނާގެ ގެއާއި އޮފީހުގެ ބޮކި ތަކާއި ގިނި ހޫނުމިނުގެ އިތުރުން އެހެނިގެން ކުދި ކުދި ކަންތައް ކޮންޓްރޯލް ކުރާނެ ކަމަށެވެ.

"އޭއައިއަށް ދަސްކޮށްދޭނަން ދޮރުގައި ބެލް އެޅުމުން ރަހުމަތްތެރިންގެ މޫނަށް ބަލާލުމަށް ފަހު އެ މީހުން ދެނެގަތުމަށް ފަހު ގެއަށް ވައްދައިދޭން ވެސް. އަދި ދަރިފުޅު މެކްސްއާ އެކު އަޅުގަނޑު ނޫޅޭ ވަގުތުތަކުގައި ދަރިފުޅު ކޮޓަރީގައި ހިނގާ ކަންތައްތައް އަޅުގަނޑު ބަލަން ބޭނުމިއްޔާ ބެލޭނެ ގޮތް އެއަށް ދަސްކޮށް ދޭނަަން،" ޒަކަބާގް ވިދާޅުވި އެވެ.

މަސައްކަތުގައި ލިބެމުންދާ ކުރިއެރުންތައް މި އަހަރުގެ އެކި ދުވަސްވަރުގެ މަތިން އާންމުނަށް ހިއްސާ ކުރަމުން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޓެކްނޮލޮޖީ އިމްޕްލިމެންޓް ކުރުމާ ގުޅިގެން ފޭސްބުކަށް ވެެސް ގިނަ ކުރިއެރުން ތަކެއް ލިބިގެން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.