04 Jan 2016, 15:47
ދަރުމަވަންތަ ސްކޫލުގެ އިމާރާތުގެ ފެންވަރު ދަށްވެ، އެ އިމާރާތް ބާވެފައިވުމުން، އެ ސްކޫލުގެ ދަރިވަރުންނަށް އިމާރާތް ކުރި ވަގުތީ އިމާރާތަށް އެ ސްކޫލު ބަދަލުކޮށްފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް އިސްމާއިލް "ސަން"އަށް މިއަދު ވިދާޅުވީ، ދަރުމަވަންތަ ސުކޫލުގައި ހުރި އޮފީސް ސާމާނާއި ކުލާސް ރޫމުތަކުގެ ޑެސްކު ފަދަ އެއްޗެއްހި ވަގުތީ ދަރުމަވަންތަ ސުކޫލަށް ބަދަލު ކުރުމުގެ މަސައްކަތް ރޭ ފަށާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ވަގުތީ އިމާރާތަށް ދަރުމަވަންތަ ސުކޫލުގެ އިދާރީ ތަކެތި ބަދަލުކޮށް ނިމިފައިވާ ކަމަށެވެ.
"އެތެރެއަށް ދޮންވެލި އަޅާ އެއްވަރު ކުރުމުގެ މަސައްކަތް ދަނީ. ވަރަށް ބޮޑަށް ސުކޫލު ސާފުވެސް ކުރަން ޖެހޭނެ ދެއްތޯ. ވަރަށް ހިރަފުސް ހުންނާނެ ދެއްތޯ އެ ސުކޫލުގައި. އެހެންވީމަ ސާފު ކުރުމުގެ މަސައްކަތް ވެސް އެބަދޭ،" އޭނާ ވިދާޅުވި އެވެ.
އިބްރާހިމް އިސްމާއިލް ވިދާޅުވީ ދަރުމަވަންތަ ސުކޫލުގެ ވަގުތީ އިމާރާތަށް ބޭނުންވާ ކަރަންޓު ވެސް މިހާރު ލިބިފައިވާ ކަމަށެވެ. އަދި ސުކޫލުގެ އެކި މަސައްކަތްތަކަށް ބޭނުންވާ ނެޓުވޯކު ކޭބަލުތައް މިހާރު ދިރާގުން އަޅަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ ސުކޫލުތައް ހުޅުވުމުގެ ކުރިން ހުރިހާ މަސައްކަތްތައް ނިންމާލެވޭނެ،" އިބްރާހިމް އިސްމާއިލް ވިދާޅުވި އެވެ.
ދެހާސް ދެ ވަނަ އަހަރު ހުޅުވި ދަރުމަވަންތަ ސުކޫލުގެ ދަރުމަވަންތަ ސްކޫލްގެ ވަގުތީ އިމާރާތެއް އަޅަން ނިންމީ އެ ސްކޫލްގެ އަމީރު އަހުމަދު މަގާވީ ފަރާތުގެ ބްލޮކުގެ ފުރަތަމަ ފަންގިލާގައި ހިމެނޭ ކްލާސްރޫމެއްގެ ކޮންކްރީޓެއްގެ ބައެއް ވެއްޓުމާ ގުޅިގެންނެވެ.
ދަރުވަމަންތަ ސުކޫލުގެ ވަގުތީ އިމާރާތް އަޅައި ނިންމާފައިވާއިރު އެ ސުކޫލުގެ އާ އިމާރާތް އަޅާނެ ބަޔަކު ހޯދުމަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަސް ތެރޭގައި ފިނޭންސް މިނިސްޓްރީން ވަނީ އިއުލާނުކޮށްފަ އެވެ.