04 Jan 2016, 14:10
ހދ.އަތޮޅުގައި ފަތުރުވެރިކަން ނެތް މައްސަލައިގައި ސަރުކާރާ މަޝްވަރާ ކުރުމަށް އެ އަތޮޅުގެ ކައުންސިލަރުންގެ ވަފުދެއް މާލެ އައުމަށް ނިންމާފައިވާ ކަމަށް ހދ.އަތޮޅު ކައުންސިލުން ބުނެފި އެވެ.
އަތޮޅު ކައުންސިލްގެ ރައީސް، ޙުސައިން ޘަޤީފް ސަން އަށް ވިދާޅުވީ ސަރުކާރާ އެކު މަޝްވަރާ ކުރުމަށް އަންނަ ވަފުދުގައި އެ އަތޮޅުގެ ހުރިހާ ރަށެއްގެ ރަށު ކައުންސިލްތަކުގެ ރައީސުންނާއި، އަތޮޅު ކައުންސިލްގެ މެމްބަރުން ހިމެނޭނެ ކަމަށެވެ. 16 މެމްބަރުންގެ މި ވަފުދު މާލެ އައުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 17 ން 21 އަށެވެ.
ޘަގީފް ވިދާޅުވީ މި ދަތުރުގައި ސަރުކާރުގެ ފަސް މިނިސްޓްރީ އަކާއި ބައްދަލުކޮށް މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
"އަޅުގަނޑުމެންގެ ދަތުރަކީ ޓޫރިޒަމް ނެތް ހދ އާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށާ އަތޮޅަށް ދިމާވެފައިވާ އެހެނިހެން ގޮންޖެހުންތަކާ ގުޅިގެން ސަރުކާރާ މަޝްވަރާ ކުރުން،" ޘަގީފް ވިދާޅުވި އެވެ.
މަޝްވަރާ ކުރާނެ ކަންތައްތަކުގެ ތެރޭގައި އެ އަތޮޅުގައި ކުރިއަށް ނުގޮސް ހުއްޓިފައި ހުރި ބައެއް މަޝްރޫއުތައްވެސް ހިމެނެ އެވެ.
ހދ އަތޮޅަކީ ރާއްޖޭގައި އޮތް ރިސޯޓެއް ނެތް ހަމައެކަނި އަތޮޅެވެ. 2014 ވަނަ އަހަރު ރައީސް ޔާމީން ވަނީ އެ އަތޮޅުގައި ރިސޯޓް ހެދުމަށް ފަސް ރަށެއް ކަނޑައަޅުއްވައި އެ ރަށްތައް އިއުލާން ކުރައްވާފަ އެވެ.
އެ ފަސް ރަށަކީ ދިއްޕަރުފުށްޓާއި ވައިކަރުމުރާދޫގެ އިތުރުން ކަނަމަނަ އާއި ކުޑަފަރާއި ކޭލަކުނެވެ.
ނަމަވެސް މިއިން އެއްވެސް ރަށެއްގެ މަސައްކަތް އަދި ފެށިފައެއް ނުވެ އެވެ.
ހދ. އަތޮޅުގައި ރިސޯޓެއް ނެތުމުން ސޯޝަލް ނެޓްވޯކުތަކާއި އަތޮޅު ފެންވަރުގައިވެސް އެއަތޮޅުގެ ރައްޔިތުން ވަނީ ރިސޯޓް ބޭނުންކަމަށް ބުނެ ކެމްޕެއިންތަކެއް މީގެ ކުރިން ކުރިއަށް ގެންގޮސްފައެވެ.