04 Jan 2016, 14:45
އަށްސަތޭކަ ވިހި މީޓަރުގެ ދިގު މިނުގެ މަގެއް ތާރު އަޅައިގެން ތިލަފުށީގައި ހަދައި ދޭނެ ބަޔަކު ހޯދުމަށް އިއުލާން ކޮށްފި އެވެ.
ތިލަފުށި ކޯޕަރޭޝަން ލިމިޓެޑުން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ތިލަފުށި އެކެއް އަދި ޓީއައިޒެޑް ގުޅުވައިދިނުމަށް މިހާރު ހަދާފައިވާ ކޯސްވޭގައި، އެކްސެސް ރޯޑް ޕްރޮޖެކްޓްގެ ދަށުން ތާރު އަޅަައި 820 މީޓަރުގެ ދިގުމިނުގެ މަގެއް ޑިޒައިންކޮށް މަގު ހަދައިދޭނެ ފަރާތެއް ބޭނުންވާ ކަމަށެވެ.
އެ ކޯޕަރޭޝަނުން ބުނީ އެ މަސައްކަތް ކުރުމަށް ބޭނުންވާ ބީލަން ފޮތުގެ އަގަކީ 100 ޑޮލަރު ކަމަށެވެ. އަދި ބީލަން ހުށަހަޅާއިރު ބޭންކު ގެރެންޓީގެ ގޮތުގައި 19500 ޑޮލަރު ހުށަހަޅަންވާނެ ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުންޏެވެ. ތިލަފުށި ކޯޕަރޭޝަނުން ބުނީ ބޭންކް ގެރެންޓީގެ މުއްދަތަކީ މަދުވެގެން 90 ދުވަސް ކަމަށެވެ.
ތިލަފުށި ކޯޕަރޭޝަނުން ބުނީ ބީލަމުގައި ބައިވެރިވެވޭނީ ބީލަންފޮތް ބައްލަވައިގަންނަ ފަރާތްތަކަށް އެކަނި ކަމަށެވެ. ބީލަމުގައި ބައިވެރިވާ ފަރާތްތަކުން ޓެކްނިކަލް ޕްރޮޕޯސަލް އަދި ކޮމާޝިއަލް ޕްރޮޕޯސަލްގެ ގޮތުގައި ހުށަހަޅުއްވައި ޕްރޮޕޯޒަލްތައް އޮންނަންވާނީ ބަންދުކުރެވިފައިވާ ވަކި ދެ ސިޓީ އުރައެއްގައި ކަމަށް ވެސް އެ ކޯޕަރޭޝަންގެ އިއުލާނުގައި ބުނެފައިވެ އެވެ.