04 Jan 2016, 13:59
ބ. އޭދަފުށީގައި ހުންނަ އަތޮޅު ހޮސްޕިޓަލުގައި މަސައްކަތް ކުރާ ބަންގްލަދޭޝް ގެ ހޭނައްތާ ޑޮކްޓަރު ފިލައިފި އެވެ.
އޭދަފުށީ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ވަހީދު މިއަދު ސަން އަށް ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހު މާލެ އައިގޮތަށް ޑޮކްޓަރުގެ ހަބަރެއް ނުވާ ކަމަށެވެ.
ބުރާސްފަތި ދުވަހު ޑޮކްޓަރު މާލެ އައީ އޭނާގެ އަންހެނުން ގައުމަށް ފުރުވާލުމަށެވެ. އޭނާ މާލެ އައީ ހޮނިހިރު ދުވަހު އަނބުރާ ދާގޮތަށް ހޮސްޕިޓަލުގެ ހުއްދަވެސް ހޯދައިގެން ކަމަށް ވަހީދު ވިދާޅުވި އެވެ.
ނަމަވެސް އޭނާ އެނބުރި އޭދަފުށްޓަށް ގޮސްފައި ނުވާ ކަމަށާއި، އޭނާ އާއި ގުޅޭނެ ގޮތެއް ވޭތޯ އެތައް ފަހަރެއްގެ މަތިން މަސައްކަތް ކޮށްފައި ވާކަމަށް ވަހީދު ވަނީ ވިދާޅުވެފަ އެވެ.
"އޭނާ އާއި އެކު މިތާ މަސައްކަތް ކުރާނެ އަދި ބަންގްލަދޭޝްގެ އިތުރު ޑޮކްޓަރަކު. އެ ޑޮކްޓަރާ ވާހަކަ ދައްކާލުމުން ބުނީ ބޮޑަށް ބެލެވެނީ އަންހެނުންނާ އެކީ ފުރައިގެން އޭނާވެސް ދިޔައީ ކަމަށް. އެމީހުންނަށްވެސް އޭނާ އާ ނުގުޅެ،" ވަހީދު ވިދާޅުވި އެވެ.
ވަހީދު ވިދާޅުވީ ކުއްލި ގޮތަށް ޑޮކްޓަރު ފުރައިގެން ދިއުމުން ހޮސްޕިޓަލުން ދެމުން އައި ހިދުމަތް ހުއްޓުނު ކަމަށެވެ.
އެގޮތުން ތިން މީހަކަށް ހިދުމަތް ނުދެވުމުން މިހާރު ހއ އަތޮޅުން ޑޮކްޓަރަކު ގެނެސްފައި ވާކަމަށާއި، ޑޮކްޓަރެއް ހަމަޖައްސައި ދިނުމަށް ހެލްތު މިނިސްޓްރީގައި މިހާރު އެދިފައި ވާކަމަށްވެސް ވަހީދު ވަީ ވިދާޅުވެފަ އެވެ.