ލެސްޓާ ސިޓީގެ ފޯވާޑް ޖެމީ ވާޑީގެ އުކުޅުވަޅުގެ އޮޕަރޭސަނެއް ކުރަން ޖެހި ދެ ހަފްތާއެއްހާ މުއްދަތަކަށް ކުޅުމާ ދުރަށް ދާން ޖެހިއްޖެ އެވެ.

ލެސްޓާ ގެ އޮފިސަލަކާއި ހަވާލީދީ ބިބީސީ އިން ބުނި ގޮތުގައި އެ ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރެއާ ކަމަށްވާ ވާޑީގެ އުކުޅުވަޅަށް އަނިޔާވެފައިވާ ކަމަށާއި ޑޮކްޓަރުން ބެއްލެވުމަށް ފަހު އޮޕަރޭޝަނަކަށް ދާން ޖެހިއްޖެ ނަމަ އޭނާ އަށް ކުޅުމުގެ ތެރެއަށް އާދެވޭނީ އެކެއް ނުވަތަ ދެ ހަފްތާ ފަހުން ކަމަށް ބުނެފައިވެ އެވެ.

މި ސީޒަނުގައި 15 ގޯލް ޖަހައިގެން ޕްރިމިއާ ލީގްގެ ޓޮޕް ސްކޯރާއެއް ގޮތުގައި ހުރި ވާޑީ ވަނީ އެންމެ ފަހުން އެ ޓީމް ލީގުގައި ކުޅުނު މެޗުގައި ވެސް ކުޅެފަ އެވެ. ނަމަވެސް ވާޑީގެ އޮޕަރޭޝަން ކުރަން ޖެހިއްޖެނަމަ އެ ޓީމު ކުޅެންޖެހޭ މުހިންމް ގިނަ މެޗުތަކެއް ވެސް ގެއްލޭނެ އެވެ.

އެގޮތުން ލީގް ތާވަލުގެ ދެވަނާގައި މި ވަގުތު އޮތް ލެސްޓާ ސިޓީ ވަޑީއާ ނުލައި ނުކުންނަށް ޖެހިއްޖެ ނަމަ އެ ޓީމު ތާވަލުގެ އެންމެ ކުރިއަށް އަރަން ކުރަމުން އަންނަ މަސަތްކަތްތަކަށް ގިނަ ހުރަސް ތަކެއް ކުރިމަތި ވެގެން ދާނެއެވެ.

މި ސީޒަނުގައި އިނގިރޭސި ޕްރިމިއަ ލީގުގައި ބޮޑެތި ގިނަ ޓީމްތަކެއް ސިއްސުވާލުމަށް ފަހު ތާވަލުގެ ދެވަނާގައި އޮތް ލެސްޓާ ދެން އެންމެ އަވަހަށް މެޗެއް ކުޅުން ޖެހޭނީ އެފްއޭ ކަޕްގައި ވާދަވެރި ޓޮޓެންހަމާ ދެކޮޅަށެވެ.