ހުޅުމާލެ އާއި މާލޭގެ ދަތުރުތައް ކުރުމަށް އެމްޓީސީސީ ކުއްޔަށް ނަގައިގެން ދުއްވި ޑަބަލް ޑެކް ފެރީ އެކުންފުނިން ގަނެ އޭސީ ކޮށްފައިވާ ދެ ފެރީއެއް ތައާރަފް ކުރުމަށް ނިންމައިފި އެވެ.

އެމްޓީސީސީގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ ޑަބަލް ޑެކް ފެރީ މިދިޔަ މަހު 15 އިން ފެށިގެން އެކުންފުނިން ގަނެފައިވާ ކަމަށެވެ. ކުރިން ކުއްޔަށް ނަގައިގެން ދުއްވި ޑަބަލްޑެކް ފެރީ މިހާރު އޮޕަރޭޓް ކުރަނީ އެމްޓީސީސީގެ އުޅަނދެއްގެ ގޮތުގައި ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ޑަބަލްޑެކް ފެރީ އެމްޓީސީސީ އިން ގަނެފައިވާއި މިމަހު ފަހުކޮޅު އޭސީ ކޮށްފައިވާ ދެ ފެރީއެއް ހުޅުމާލެ އާއި މާލެއާއި ދެމެދުގެ ދަތުރުތަކަށް ނެރުމަށް ނިންމާފައިވާ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ. އެ ދެ ފެރީއަކީ 150 މީހުންގެ ޖާގައިގެ ދެ ފެރީ އެވެ.

"ހިދުމަތުގެ ފެންވަރު މިހާރަށް ވުރެ ވަރަށް ބޮޑުތަން ރަނގަޅުވެގެންދާނެ އޭރުން. އޭރުން ކޮންމެ ގޮތެއް ވިޔަސް ފެރީތައް އެބައިތުރުވޭ ދެއްތޯ، އެހެންވީމާ ފެރީތައް ދަތުރުކުރާ ވަރު އިތުރުވެގެންދާނެ." މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ފެރީގެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް އެމްޓީސީސީ އިން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އެކުންފުނިން ބުނެ އެވެ.