ސައުދީ އަރަބިއްޔާގެ ޝޫރާ ކައުންސިލްގެ ރައީސް ޑރ. އަބްދުﷲ ބިން މުހައްމަދު ބިން އިބްރާހިމް ބިން އާލްޝެއިހް ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީއަށް 100،000 އެމެރިކާ ޑޮލަރު ހަދިޔާ ކުރައްވައިފި އެވެ.

އިސްލާމިކް ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މިއަދު ޔުނިވާސިޓީގައި ބޭއްވި ބައްދަލުވުމެއްގައި ޝޫރާ ކައުންސިލްގެ ރައީސް އެއް ލައްކަ ޑޮލަރުގެ އެހީއެއް ވެފައިވާ ކަމަށެވެ.

ޝޫރާ ކައުންސިލްގެ ރައީސް ޑރ. އަބްދުﷲ ބިން މުހައްމަދު ބިން އިބްރާހިމް ބިން އާލްޝެއިހް މަޖިލީހުގެ ރައީސް އާ ބައްދަލު ކުރައްވަނީ--- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

މިއަދުގެ ބައްދަލުވުމުގައި އޭނާ ވަނީ ޔުނިވާސިޓީގެ ޗާންސެލަރާއި އެހެން އިސް މަގާމުތަކުގެ ބޭފުޅުންނާ ބައްދަލު ކުރައްވާފައެވެ. އަދި އިސްލާމިކް ޔުނިވާސިޓީގެ މަސައްކަތްތައް ދާގޮތް އެބޭފުޅާ ވަނީ ބައްލަވާލައްވާފަ އެވެ.

ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ ދައުވަތަކަށް ރަސްމީ ދަތުރުފުޅެއްގައި އޭނާ ވަޑައިގެންފައިވަނީ އިއްޔެ އެވެ.

ޑރ. އަބްދުﷲގެ އެ ދަތުރުފުޅުގައި އޭނާ ވަނީ ފޮރިން މިނިސްޓަރު ދުންޔާއާ ވެސް ބައްދަލުކުރައްވާފަ އެވެ. އަދި އިސްލާމިކް މިނިސްޓްރީއަށް ވެސް އޭނާ ވަނީ ޒިޔާރަތް ކުރައްވާފަ އެވެ.