ޖަރުމަނު ވިސާ ހޯދުމަށް ދަތިތަކާ ކުރިމަތިވަނީ ހަމައެކަނި ރާއްޖެއަށް ނޫން ކަމަށާއި ވިސާ ހޯދުމަށް ދަތި ވަނީ ވިސާ ދޫކުރުމުގެ އުސޫލުތަކަށް ގެނައި ބަދަކުތަކުގެ ސަބަބުން ކަމަށް ފޮރިން މިނިސްޓްރީ އިން ބުނެފި އެވެ.

ފުރާންސްގެ ވެރިރަށް ޕެރިހަށް ދިން ހަމަލާއާ ގުޅިގެން ޖަރުމަނުގެ ވިސާ ދޫކުރުމުގެ އުސޫލުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ. މިހާރު ވިސާއަށް އެދި އެމްބަސީއަށް ދާން ޖެހޭނީ ދަތުރުކުރައްވާ ފަރާތްތަކުންނެވެ.

ފޮރިން މިނިސްޓްރީގެ އޮފިޝަލަކު 'ސަން' އަށް ވިދާޅުވީ ވިސާ ހޯދުމުގައި ދަތިވަނީ ހަމަ އެކަނި ދިވެހިންނަށް ނޫން ކަމަށެވެ. އަދި ރާއްޖެ އާއި ޖަރުމަނާ ދެމެދު އޮތް ޑިޕްލޮމެޓިކް ގުޅުމަށް އެއްވެސް ބަދަލެއް ނާންނަ ކަމަށް ފޮރިން މިނިސްޓްރީ އިން ވަނީ ބުނެފަ އެވެ.

"އެއީ ރާއްޖެ އާއި ޖަރުމަނާ ދެމެދު އޮތް ގުޅުމަށް ބަދަލެއް އައިސްގެން ދިމާވާ މައްސަލައެއް ނޫން. އެއީ ހަމަ ހުރިހާ ގައުމަކުން ވެސް ފޮލޯކުރަން ޖެހޭ އުސޫލު،" ފޮރިން މިނިސްޓްރީ އިން ބުންޏެވެ.

ޖަރުމަނު ވިސާއަށް އެދޭ ނަމަ ދިވެހިން ދާން ޖެހޭނީ ސްރީލަންކާގައި ހުންނަ ޖަރުމަނުގެ އެމްބަސީއަށެވެ. ދިވެހި ސަރުކާރުގެ މިނިސްޓަރު ފެންވަރުގެ ބޭފުޅުން ވެސް އެ އުސޫލާ އެކު އެމްބަސީއަށް ގޮސް ވިސާ ހޯދުމުގެ އުސޫލަށް އަމަލު ކުރަން ޖެހޭ ކަމަށް ފޮރިން މިނިސްޓްރީ އިން ބުންޏެވެ.