04 Jan 2016, 13:24
އެމެރިކާގެ ކޮލޮރާޑޯގައި ހުންނަ، މަހުގެ ބާވަތްތައް އުފައްދާ ކާގިލް މީޓް ސޮލިއުޝަންސްގެ ޕްލާންޓެއްގައި، މުސްލިމުން ނަމާދު ކުރުން މަނާ ކުރުމުން އެކަމާ ދެކޮޅަށް ހަޅުތާލު ކުރި 190 މުސްލިމު މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި އެވެ.
ކޮލޮރާޑޯގެ ފޯޓް މޯގަންގައި ހުންނަ އެ ޕްލާންޓުގެ މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކޮށްފައި މި ވަނީ، އެ ކުންފުނީގެ މުސްލިމު މުވައްޒަފުން ދުވާލުގެ ވަގުތުތަކުގައި އަދާކުރަން ޖެހޭ ފަރުޟު ނަމާދުތައް އަދާކުރުމާއި ދެކޮޅަށް އެ ކުންފުނިން އައު އުސޫލަކުން އަމަލު ކުރަން ފެށުމުންނެވެ.
ކައުންސިލް އޮން އެމެރިކަން އިސްލާމިކް ރިލޭޝަންސްއިން ބުނާ ގޮތުގައި، ކާގިލް މީޓް ސޮއިލުޝަންސްއިން މީގެ ކުރިން ވަނީ މުސްލިމު މުވައްޒަފުން ނަމާދު ކުރުމަށް ޚާއްސަ ކޮޓަރިއަކާއި، 15 މިނިޓުގެ ހުސްވަގުތުކޮޅެއް ފޯރުކޮށްދެމުންނެވެ. ނަމަވެސް އެކުންފުނިން މިހާރު ވަނީ ނަމާދު ކުރުމުގެ ހުއްދަ އަނބުރައި ގެންގޮސްފަ އެވެ.
އެމެރިކަން އިސްލާމިކް ރިލޭޝަންސް ކައުންސިލުގެ ތަރުޖަމާނު ޖައިލާނީ ހުސައިން ވިދާޅުވީ، ވަޒީފާ ގެއްލުމަށް ވުރެ ނަމާދު އޭގެ ވަގުތުގައި އަދާ ނުކުރެވުމާއި މެދު ކާގިލްގައި މަސައްކަތް ކުރާ މުސްލިމު މުވައްޒަފުން މާ ބޮޑަށް ބިރު ގަންނަ ކަމަށެވެ.
ނަމަވެސް، ކާގިލް އިން ވަނީ، ނަމާދު ކުރުމަށް ހުރަސް އަޅާ ކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށްފަ އެވެ. އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ކޮލޮރާޑޯގައި ހުންނަ އެކުންފުނީގެ ޕްލާންޓުގައި 2009 ވަނަ އަހަރުން ފެށިގެން، އެކި ދީންތަކުގެ މުވައްޒަފުން އެ މީހުންގެ އަޅުކަންތައް އަދާކުރުމަށް ޚާއްސަ ކޮޓަރިއެއް ޤާއިމުކުރެވިފައިވާނެ ކަމަށާއި، އެތަން ބޭނުންކުރުމުގެ ހުއްދަ، ޑިއުޓީ ގަޑީގައި ލިބޭ ހުސް ވަގުތުތަކުގައި ދެވިފައި އޮންނާނެ ކަމަށެވެ.
ހަޅުތާލު ކުރި މުވައްޒަފުން ވަޒީފާއިން ވަކިކުރި މައްސަލައާ ގުޅިގެން ކާގިލްއިން ބުނީ، ނަމާދު ކުރުމަށް ހުރަސް އަޅާ ކަމަށް ބުނާ މައްސަލައާ ގުޅިގެން މުވައްޒަފުންނާއި ކުންފުންޏާ ދެމެދު މަޝްވަރާތަކެއް ކުރެވުނު ކަމަށެވެ. އަދި އެ މުވައްޒަފުން ވަޒީފާއިން ވަކިކުރީ މަޝްވަރާގެ ތެރެއިން ވެސް އެ މީހުން ހިތްހަމަޖެހޭ ވަރުގެ ހައްލެއް ނުހޯދެވުމުން ކަމަށް ކާގިލްއިން ބުނެ އެވެ.
ވަޒީފާއިން ވަކި ކުރެވުނު މުވައްޒަފުންގެ ތެރެއިން ގިނައީ ސޯމާލިޔާއަށް ނިސްބަތްވާ މީހުންނެވެ. ކާގިލްގައި 68 ޤައުމަށް ނިސްބަތްވާ 155،000 މުވައްޒަފުން ވަޒީފާ އަދާ ކުރެ އެވެ.