13 Apr 2011, 17:07
ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީން އަންނަ ޖޫން މަހު ފަށާ 72 ކޯހަށް ކުރިމަތިލުމުގެ ފުރުސަތު އެ ޔުނިވާސިޓީން މިއަދު ހުޅުވާލައިފި އެވެ.
ރާއްޖޭގައި އުފެއްދި ފުރަތަމަ ޔުނިވާސިޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނަނީ، އެ ކޯސްތަކުގެ ތެރޭގައި ގްރޭޑް 7ގެ ފެންވަރު ހުންނަ ކުދިންނަށް ވަދެވޭ ކޯސްތަކުން ފެށިގެން، އޯ ލެވެލް، އޭ ލެވެލް އަދި ބެޗްލާ ޑިގްރީ ހާސިލް ކުރުމަށް ފަހު ވަދެވޭ ކޯސްތަށް ހިމެނެ އެވެ.
"މީގެ ތެރޭގައި އެކި ބާވަތުގެ ފަންނީ މަސައްކަތްތެރިކަމުގެ ދާއިރާ، މުދައްރިސްކަމުގެ ދާއިރާ، ސިއްހީ ދާއިރާ، ޝަރީއަތާއި ގާނޫނުގެ ދާއިރާ، އިދާރީ ހިންގުމާއި، ވިޔަފާރި އާއި ކޮމްޕިއުޓިންގެ ދާއިރާ، މެހެމާންދާރީ އާއި ފަތުރުވެރިކަމުގެ ދާއިރާ އަދި ފައުންޑޭޝަން ލެވެލްގެ ކޯސްތައް ހިމެނެ އެވެ." ގައުމީ ޔުނިވާސިޓީން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
އަދި އެ ހުރިހާ ކޯސްތަކުން ޖުމްލަ 2187 ޖާގަ ޔުނިވާސިޓީން ވަނީ ހުޅުވާލައިފަ އެވެ.
ގައުމީ ޔުނިވާސިޓީގެ މީޑިއާ ކޯޑިނޭޓާ ހުސެއިން ހަލީމް މިއަދު ވިދާޅުވީ، އަންނަ ޖޫން މަހު ފަށާ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހަމަވާނީ އަންނަ މެއި މަހުގެ 13 ވަނަ ދުވަހު ކަމަށެވެ. އަދި މި ބުރުގައި މުޅިން އަލަށް އަށް ކޯހެއް ފަށަން ހަމަޖެހިފައިވާ ކަމުގައި އޭނާ ވިދާޅުވި އެވެ.
އޭގެ ތެރޭގައި ނަރުސްކަމުގެ ޑިގްރީ އާއި، އިނގިރޭސިބަހާއި ދިވެހި ބަހާއި އަދި އީ- ލާނިންގެ ރޮނގުން ޕޯސްޓް ގްރެޖުއޭޓް ފެންވަރަށް ކިޔަވައިދޭ ތިން ކޯހާއި އިސްލާމް އަދި ދިވެހިން ޑިޕްލޮމާ ފެންވަރުގެ ކޯހާއި ޕޭސްޓްރީ އެންޑް ބޭކަރީގެ ރޮނގޮން ސެޓްފިކެޓް ތިނެއް ފެންވަރުގެ ކޯހުގެ އިތުރުން އިންފޯމޭޝަން ޓެކްނޮލޮޖީގެ ދާއިރާ އިން އެޑްވާންސް ސެޓިފިކެޓް ފެންވަރުގެ ކޯސް ހިމެނެ އެވެ.
ޔުނިވާސިޓީގެ މީޑިއާ ކޯޑިނޭޓާ ވިދާޅުވީ، އެ ކޯސްތަކުގެ ތެރެއިން ގިނަ ކޯސްތައް ޔުނިވާސިޓީގެ މާލޭ ކެމްޕަސްގެ އިތުރުން އަތޮޅު ތެރޭގެ ތިން ކެމްޕަހެއްގައި ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އަދި ޔުނިވާސިޓީ އަށް ކުރިމަތިލުމުގެ ދެވަނަ ބުރު ހުޅުވާލާނީ އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ކަމަށާއި އެ ބުރުގައި ހޮވޭ ދަރިވަރުންނަށް ކިޔަވައިދޭން ފަށާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ކަމަށް ވެސް ހަލީމް ވިދާޅުވި އެވެ.
ގައުމީ ޔުނިވަރސިޓީ އިން މިއަދު އިއުލާން ކުރި މި ކޯސްތަކާ ގުޅޭ މައުލޫމާތު ހިމެނޭ އަތްމަތީ ފޮތް، ޔުނިވާސިޓީގެ ވެއބްސައިޓުން ލިބޭނެކަމަށާއި، އަދި މިފޮތުގެ ކަރުދާސް ކޮޕީ، ދަރިވަރުންގެ އިދާރީ ބައިންނާއި، ކޮލެޖްގެ ކެމްޕަސްތަކުން ހިލޭ ލިބެން ހުންނާނެ ކަމަށް އެ ޔުނިވާސިޓީން ބުނެ އެވެ.
ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ކޯސްތައް ހިންގަމުންދިޔަ މޯލްޑިވްސް ކޮލެޖް އޮފް ހައާ އެޑިއުކޭޝަން ގައުމީ ޔުނިވާސިޓީއަކަށް ބަދަލުކުރެއްވީ ފެބްރުއަރީ 15، 2011 ގަ އެވެ. އެ ޔުނިވާސިޓީގެ ދަށުން މިހާރު މާލޭގެ ހަތް ފެކަލްޓީއަކާއި ދެ ސެންޓަރުގެ އިތުރުން އަތޮޅުތެރޭގައި ތިން ކެމްޕަހެއްގައި ކޯސްތައް ހިންގަ އެވެ. ކޮންމެ އަހަރަކު 1200 އަށް ވުރެ ގިނަ ކުދިން ކޮލެޖުން ދަސްވެނިވެ ނިމޭ ކަމަށް އެ ކޮލެޖުން ބުނެ އެވެ.