04 Jan 2016, 13:12
ފުލުހުންގެ ބަންދުގައި ހުރި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލް ޣަފޫރުގެ އާއިލާއަށް އެމަނިކުފާނާ ބައްދަލު ކުރުމަށް ހަމަހަމަ ފުރުސަތު ނުދޭ ކަމަށް ބުނެ ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައިގެންފި އެވެ.
ބަންދުގައި ތިބޭ އެހެން މީހުންނާ ޚިލާފަށް، އަދީބަށް އާއިލީ ބައްދަލުވުމުން ދިނުމުގައި ފުލުހުން ހަރުކަށިކޮށް، ތަފާތުކުރަމުން ގެންދާ ކަމަށް ބުނެ އެމަނިކުފާނުގެ ގާނޫނީ ވަކީލުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނީ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހު އެވެ.
އެ މައްސަލަ ކޯޓުން ބަލައިގެންފައިވާ ކަމަށް، އަދީބުގެ ގާނޫނީ ވަކީލް ހުސައިން ޝަމީމް ވަނީ "ސަން"އަށް ވިދާޅުވެފަ އެވެ.
އަދީބުގެ ގާނޫނީ ވަކީލް ހުސައިން ޝަމީމް މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ އާއިލީ ބައްދަލުވުން ދިނުމުގައި ފުލުހުން ތަފާތު ކުރަމުން ގެންދަނީ ގާނޫނުއަސާސީ އާއި، ފުލުހުންގެ ޢާންމު ގަވާއިދުގެ އިތުރުން ބައިނަލް އަގުވާނީ މުއާހަދާތަކުން ޚަޞްމުންގެ މެދުގައި ހަމަހަމަކަން ލިބިދެވުމުގެ ހައްގާ ޚިލާފަށް ކަމަށެވެ.
އެހެންކަމުން ކުށުގެ ތުހުމަތުގައި ތިބޭ ސިޔާސީ ފަރާތްތަކަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން އިންތިޒާމުކޮށް ދެމުން ގެންދިޔަ އިނާޔަތްތައް ތަފާތުކުރުމެއްނެތި އަދީބަށް ލިބިދިނުމަށާއި، އާއިލީ ބައްދަލުވުން ހަމަޖެއްސުމުގައި ތަފާތު ނުކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ މައްޗަށް އަމުރުކޮށްދެއްވުމަށް އެ މައްސަލާގައި އެދިފައިވާނެ ކަމަށް ޝަމީމް ވިދާޅުވިއެވެ.
އަދީބު ބަންދުކޮށްފައި ވާއިރު، އެމަނިކުފާނުގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާ ދައުލަތުން ވަނީ އުފުލާފައެވެ.
އެ ދައުވާ އަދީބުގެ މައްޗަށް އުފުލީ ޓޫރިސްޓު ރިސޯޓެއް ތަރައްގީކުރުމަށް މާލެ އަތޮޅުގެ ފަޅެއް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ރާއްޖެއިން ބޭރުގެ ބަޔަކަށް ދޫކުރުމަށްފަހު ލިބުނު ފައިސާ ނަހަމަގޮތުގައި ބޭނުންކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން ކަމަށެވެ.
މައްސަލައިގެ ޝަރީއަތް ފަށައި ވަކީލަކު ހަމަޖެއްސުމަށް އަދީބަށް ފުރުސަތު ދީފައި ވާއިރު އެމަނިކުފާނު ފިސްތޯލަ ގެންގުޅުނު ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ޓެރަރިޒަމްގެ ދައުވާ ވަނީ އުފުލާފައެވެ.
ހަމައެންމެ އަދީބު ފުލުހުންނަށް ރިޝްވަތު ދިންކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ވަނީ ޕީޖީ އޮފީހަށް ފޮނުވާފަ އެވެ.