04 Jan 2016, 12:40
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ގަނެފައިވާ މުދަލަށް ދައްކަން ޖެހޭ ފައިސާގެ ގޮތުގައި 1.2 މިލިއަން ރުފިޔާ ދެއްކުމަށް ވިމްލާ ކޮންސްޓްރަކްޝަން އެންޑް ޓްރޭޑް ޕްރައިވެޓް ލިމިޓެޑް ގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.
ސިވިލް ކޯޓުން މިދިޔަ ހަފްތާގައި ހުކުމްގައި ކޮށްފައި ވަނީ ވިމްލާ ކުންފުނިން ގަނެފައިވާ މުދަލަށް ދައްކަން ޖެހޭ 1،259،939.26 ރުފިޔާ މިހާތަނަށް ދައްކާފައި ނުވާކަމަށް ބުނެ އެމްޓީސީސީން އެކޯޓަށް ހުށަހެޅި މައްސަލަ ބެލުމަށްފަހު އެވެ.
ދައުވާއަށް ޖަވާބު ދާރީވުމަށް ދެވުނު އެންމެ ފަހު ފުރުސަތުގައި ވިމްލާ އިން ބުނެފައި ވަނީ، އެމްޓީސީސީއަށް ދައްކަން ޖެހޭ ފައިސާ ދެއްކުމަށް ވިމްލާގެ ދޯންޏެއް އެމްޓީސީސީއަށް ކުއްޔަށް ދޫކޮށްފައި ވާ ކަމަށެވެ.
ނަމަވެސް ވިމްލާ އަށް އެކަން ކޯޓުގައި ސާބިތުކޮށްދެވިފައެއް ނުވެ އެވެ.
ވިމްލާއިން ބުނީ ފައިސާ "ސެޓްލްކުރުމަށް" އެމްޓީސީސީއާއެކު އެއްބަސްވުމެއްވެފައިވާ ކަމަށެވެ. ރައްދުގައި އެމްޓީސީސީން ވަނީ އެކަން އެކުންފުންޏަށް އެނގިފައި ނުވާ ކަމަށް ބުނެފަ އެވެ. އަދި އެކުންފުނިން ވިމްލާގެ މައްޗަށް ކޮށްފައިވާ ދައުޗާ ސާބިތު ކޮށްދިނުމަށް އެމްޓީސީސީން ވަނީ ކްރެޑިޓް އެޕްލިކޭޝަން ފޯމާއި، އިންވޮއިސް އާއި، ރިޓާން ވެފައިވާ ޗެކް ތަކާއި، އެ ޗެކުތައް ރިޓާންވިކަން އެނގޭ ލިޔުންތަކާ، ކަސްޓަމާ ސްޓޭޓްމަންޓުގެ އިތުރުން، ވިމްލާ ކުންފުންޏާ އެކު ބަދަލު ކުރެވިފައިވާ ސިޓީތައް ހުށަހަޅާފަ އެވެ.
އެހެންކަމުން ސިވިލް ކޯޓުން ވަނީ އެމްޓީސީސީން ވިމްލާގެ މައްޗަށް ކޮށްފައިވާ ދައުވާ ސާބިތުވެފައިވާ ކަމަށް ނިންމާ ހުކުމްކޮށްފަ އެވެ. އަދި އެ ކުންފުނިން އެމްޓީސީސީއަށް ދައްކަން ޖެހޭ ފައިސާ މިދިޔަ މަހުގެ 28 އިން ފެށިގެން އެއް މަސް ދުވަހުގެ ތެރޭގައި ދައްކާ ހަލާސް ކުރުމަށް ހުކުމް ގައި ވެއެވެ.