04 Jan 2016, 13:46
ނަސަންދުރާ ޕެލެސް ހޮޓެލް ތަޅާލައި އެތަން ޒަމާނީ ފެންވަރަށް ތަރައްގީ ކުރަން ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކުންފުންޏަކަށް ހަވާލުކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރުގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވައިފި އެވެ.
ޕީޖީ އޮފީހުގެ އޮފިޝަލަކު ސަން އަށް ވިދާޅުވީ ފުލުހުން އެ މައްސަލަ އެ އޮފީހަށް ފޮނުވީ އިއްޔެ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ އަދީބާ ސުވާލުކޮށް ބަޔާނެއް ނަގާފައެވެ.
ފުލުހުން ކުރި ސުވާލުތަކުގެ ޖަވާބުގައި އަދީބު ވިދާޅުވެފައި ވަނީ އެތަން ހަވާލުކުރުމުގެ އެގްރީމެންޓުގައި ސޮއިކޮށްފައި ވަނީ ގާނޫނީ ގޮތުން ފުރިހަމަކުރަން ޖެހޭ ކަންތައްތައް ފުރިހަމަ ކުރުމަށް ފަހު ކަމަށެވެ.
ނަސަންދުރާ ތަޅާލުމަށް ފަހު އެތަން ޒަމާނީ ފެންވަރަށް ތަރައްގީކުރަން ހަވާލުކޮށްފައި ވަނީ، މުހައްމަދު މަނިކު (އެއްލައިދޫ މަނިކު)ގެ ގެލެކްސީ އެންޓަޕްރައިޒަސް ޕްރައިވެޓް ލިމިޓެޑާ އެވެ.
އެ ކުންފުނިން މިހާރު ވަނީ އެތަން ތަރައްގީކުރުމަށް ސްރީ ލަންކާގެ ކުންފުންޏަކާއެކު ސޮއިކޮށްފަ އެވެ.
ގެލެކްސީ އެންޓަޕްރައިޒަސް އިން ލަންކާ ބަޔާކާ ގުޅިގެން އުފެއްދި އަލްފާ ކިނަމް ހޮލްޑިން ލަންކާ ޕްރައިވެޓް ލިމިޓެޑަށް އެތަން ތަރައްގީ ކުރުމުގެ ހުއްދަ އެ ގައުމުގެ ބޯޑް އޮފް އިންވެސްޓްމަންޓުން ވަނީ ދީފަ އެވެ.