04 Jan 2016, 12:19
ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އިތުރު 24 ރަށެއްގެ ބަޔަކަށް ދިން މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ދައުވާ ކުރަން ޕީޖީއަށް ފޮނުވައިފި އެވެ.
އަދީބުގެ މައްޗަށް 24 ރަށެއްގެ މައްސަލާގައި ދައުވާ ކުރަން އިއްޔެ ފޮނުވާފައިވާކަން ޕީޖީގެ އޮފިޝަލަކު ވަނީ 'ސަން' އަށް ކަށަވަރުކޮށްދީފަ އެވެ.
ޓޫރިސްޓް ރިސޯޓް ތަރައްގީކުރުމަށް 24 ރަށެއް ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އެކި ކުންފުނިތަކަށް ކުއްޔަށް ދޫކުރި ކަމަށް ތުހުމަތު ކުރެވޭ މައްސާލާގައި ފުލުހުން އަދީބާ ސުވާލުކޮށްފައިވާ ކަން ސަންއަށް ވަނީ އެނގިފަ އެވެ.
އެނގިފައިވާ ގޮތުން އެމައްސަލާގައި ސުވާލު ކުރުމުން އަދީބު ވިދާޅުވެފައި ވަނީ އެރަށްތައް ކުއްޔަށްދޫކުރުމުގެ އެގްރީމެންޓުގައި ސޮއިކޮށްފައި ވަނީ ގާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ ހުރިހާ ކަމެއް ފުރިހަމަ ކުރުމަށްފަހުގައި ކަމަށެވެ.
މާލެ އަތޮޅުގެ ފަޅެއްގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރަން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކުންފުންޏަކާ ހަވާލު ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށް ދައުލަތުން ވަނީ ދައުވާ އުފުލައިފަ އެވެ.
އޭގެ އިތުރުން ޓޫރިސްޓު ރިސޯޓު ތަރައްގީކުރުމަށް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ޓޫރިސްޓު ރިސޯޓު ތަރައްގީކުރަން އިތުރު 24 ރަށެއް ތަފާތު އެކި ކުންފުނިތަކަށް ކުއްޔަށް ދޫކުރި މައްސަލައެއް ވެސް މިހާރު ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ވަނީ ހުށަހެޅިފަ އެވެ.