04 Jan 2016, 12:04
ދިވެހިރާއްޖޭގެ ހައިކޯޓަށް ފަނޑިޔާރަކު ހޯދަން އިއުލާނުކޮށްފި އެވެ.
ސުޕްރީމް ކޯޓުން މިދިއަ ބުރާސްފަތި ދުވަހު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ ޝަރުތަކީ ގާނޫނާއި އިސްލާމީ ޝަރީއާގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވުމާއި އުމުރުން 25 އަހަރު ފުރިފައިވުމެވެ.
ފަނޑިޔާރު ކަމަށް ކުރިމަތިލާ މީހަކީ ސިޔާސީ މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުމާއި ސިޔާސީ ޕާޓީއެއްގެ މެމްބަރަކު ކަމުގައި ނުވުމާއި އެއްވެސް ބާވަތެއްގެ ބަދުއަހުލާގީ އަމަލެއް ހިންގި ކަމަށް ނުވަތަ ޓެރަރިޒަމްގެ ކުށެއް ކުރި ކަމަށް ސާބިތުވެފައިނުވުމާއި އެފަދަ ކުށެއް ކޮށްފައިވާނަމަ ހުކުމެއް ތަންފީޒުކޮށް ނިމިފައިވާތާ ހަތް ހަތް އަހަރު ވާންޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން ބުންޏެވެ.
ފަނޑިޔާރު ކަމަށް އައްޔަން ކުރާ މީހަކަށް އަސާސީ މުސާރައަށް މަހަކު 36،000 ރުފިޔާ އަދި ލިވިންގް އެލެވެންސެއްގެ ގޮތުން 15،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
ރިސްކް އެލަވަންސަކަށް 3300 ރުފިޔާ ދޭނެ ކަމަށާއި އޭގެ އިތުރުން ފޯނު އެލަވެންސާއި މެޑިކަލް އިންޝިއަރެންސް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން ދޭނެ ކަމަށް އިއުލާނުގައި ބުނެފައިވެ އެވެ.
ދިވެހިރާއްޖޭގެ ހައިކޯޓަށް ފަނޑިޔާރަކު އައްޔަން ކުރަން އިއުލާނުކޮށްފައި މި ވަނީ އެކޯޓުގެ ފަނޑިޔާރުކަމުގައި ކުރިން ހުންނެވި އައްބާސް ޝަރީފު މަގާމުން އިސްތިއުފާ ދެއްވިތާ ދުވަސްކޮޅެއް ފަހުންނެވެ.
ދާދި ފަހުން ހައިކޯޓަށް ވަނީ އިތުރު ދެ ފަނޑިޔާރަކު އައްޔަންކޮށްފަ އެވެ. އެއީ މީގެ ކުރިން ކްރިމިނަލް ކޯޓުގައި ފަނޑިޔާރުކަން ކޮށްފައިވާ ފަނޑިޔާރު އަބްދުﷲ ދީދީ އަދި ފަނޑިޔާރު ޝުޖާއު އުސްމާނު އެވެ.