04 Jan 2016, 11:55
ޖާސޫސުން ކަމަށް ބުނެ، އިނގިރޭސި ވިލާތަށް ނިސްބަތްވާ ފަސް މީހަކު ޤަތުލުކުރާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް އައިއެސް އިން އާންމުކޮށްފި އެވެ.
އައިއެސް އިން އާންމު ކުރި މި ވީޑިއޯއިން ފެންނަނީ، އެޖަމާޢަތަށް ނިސްބަތްވާ ހަނގުރާމަވެރިއަކު، އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ޑޭވިޑް ކެމެރަން އާއި އެޤައުމުގެ ސަރުކާރަށް އިންޒާރުގެ މެސެޖެއް ދޭ މަންޒަރެވެ. އަދި، ކެމެރަންއަކީ އެމެރިކާގެ ވައިޓްހައުސް އާއި ޔަހޫދީންގެ "އަޅެއް" ކަމަށް ވެސް އައިއެސްގެ އެ ހަނގުރާމަވެރިޔާ ބުނެ އެވެ.

އަދި އައިއެސްއިން އިނގިރޭސި ވިލާތަށް އަރައި، އެޤައުމު ހިފާނެ ކަމަށްވެސް އެ ހަނގުރާމަވެރިޔާ ބުނެ އެވެ.
އެގާރަ މިނިޓަށް ދިގު ދެމިގެންދާ މި ވީޑިއޯއިން ދެން ފެންނަނީ، އަތުލައިގެންފައިވާ ކޮންމެ އިނގިރޭސި އަސީރެއްގެ ބޮލަށް ބަޑި ޖަހައި، މަރާލާ މަންޒަރެވެ. މި ވީޑިއޯވެސް ހަދާފައި ވަނީ، އައިއެސްއިން އާންމުކޮށް ހަދާ ވީޑިއޯތަކުގައި ހުންނަ ޕްރޮޑަކްޝަން ކޮލިޓީއާއި އިފެކްޓްތައް ބޭނުން ކޮށްގެންނެވެ.
މި ވީޑިއޯ ނިމޭ ތަނުން ފެންނަނީ، މިލިޓަރީ ޔުނިފޯމެއް ލައިގެން ހުރި ކުޑަ ފިރިހެން ކުއްޖަކު، "އެފަރާތުގައި ތިބި ހުރިހާ ކުއްފާރުން މަރާލާނަމޭ" ބުނާ މަންޒަރެވެ.

މި ވީޑިއޯއާ ގުޅިގެން އިނގިރޭސިވިލާތުން ބުނީ، މި ވީޑިއޯއަކީ އިރާޤުގައި އައިއެސްއަށް ލިބެމުން އަންނަ އަކްސަރީ ނާކާމިޔާބީތަކާއި، އެ ޖަމާޢަތުގެ ބާރު ހިނގާ ސަރަހައްދުތަކުގައި ދިރިއުޅޭ މީހުންނަށް އައިއެސްއިން އަޅައިނުލެވޭތީ، އެޖަމާޢަތަށް ވާގިވެރިވާ ފަރާތްތަކުގެ ވިސްނުން ބަދަލުކޮށްލުމަށް ނެރުނު ޕްރޮޕެގެންޑާ ވީޑިއޯއެއް ކަމަށެވެ.
އައިއެސްއާ ދެކޮޅަށް ބައިނަލްއަޤްވާމީ ދެ ކޯލިޝަނަކުން ދަނީ ހަމަލާ ދެމުންނެވެ. އެއީ ސައުދީ އާއި އެމެރިކާއިން ގުޅިގެން ހަދާފައިވާ ކޯލިޝަނަކާއި، ރަޝިޔާ އާއި ސީރިޔާ ގުޅިގެން ހަދާފައިވާ ކޯލިޝަނެވެ.