13 Apr 2011, 16:48
ޑީއާރްޕީގެ ނައިބު ލީޑަރު އިލްހާމް އަހުމަދާއި ޒުވާނުންގެ ގޮފީގެ ރައީސް އަހުމަދު މަހުލޫފާއި ކައުންސިލް މެންބަރު މުހައްމައްދު ވަހީދު އިބްރާހިމްގެ މައްސަލަ ޕާޓީގެ މެންބަރުންގެ ކަންތައް ބަލަހައްޓާ ކޮމެޓީއަށް މިއަދު ފޮނުވައިފި ކަމަށް ޑީއާރްޕީ ކަށަވަރުކޮށްދީފި އެވެ.
ޑީއާރްޕީގެ އޮފިޝަލަކު ވިދާޅުވީ ކައުންސިލް މެންބަރު ވައްޑޭ އާއި އިލްހާމާއި މަހުލޫފުގެ މައްސަަލަ މެންބަރުންގެ ކަންތައް ބަލަހައްޓާ ކޮމެޓީއަށް ފޮނުވީ 18 ވަނަ ކައުންސިލް ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ކަމަށެވެ. އެ ގޮތަށް އިއްތިފާގުވީ ހަތް ސަބަބެއް އޮތުމުން ކަމަށް ވެސް ވިދާޅުވި އެވެ.
އިލާހާމާއި މަހުލޫފާއި ޒައީމް މައުމޫންގެ ވަކީލް ވައްޑޭގެ މައްސަލަ މުވައްޒަފުންކައްތައް ބަލަހައްޓާ ކޮމެޓީއަށް ފޮނުވަން ކައުންސިލްގެ އިއްތިފާގުން ނިންމި ހަތް ސަބަބު ކަމަށް ޑީއާރްޕީން މިއަދު ބުނީ ސަބަބުތަކުގެ ތެރޭގައި ފުރަތަމައަށް ހިމެނެނީ ޕާޓީގެ މަސްލަހަތަށް އުނިކަން ލިބި ޕާޓީގައި ފިތުނަ އުފެދޭ ވާހަކަތައް ތަންތަނުގައި ދެއްކަމުން ދިއުމެވެ.
އެހެން ސަބަބުތަކުގެ ތެރޭގައި ޒިންމާ ދާރުކަމެއް ނެތި ޕާޓީ ބައިބައިވާގޮތަށް ވާކަދެއްކުމާއި ޕާޓީގެ ލީޑަރު މަސައްކަތް ކުރައްވާ ގޮތާއި ސަރުކާރު ޖަވާބުދާރީކުރުވަން ކުރާ މަސައްކަތްތަކާ ބެހޭ ގޮތުން ހަގީގަތާ ހިލާފު ދޮގުވާގަކަ ދައްކާފައިވުމާއި މެންބަރުންގެ މެދުގައި ފިތުނަ އުފެއްދުމާއި އެ ތިން ބޭފުޅުންގެ ވާހަކަތަކާ އަމަލުތަކަކީ ޕާޓީ ބައިބައިވާފަދަ އަމަލުތަކަކަށް ވުމާއި އަންނަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ހުރަސް އެޅުމާއި ޕާޓީން އަންގާ އެންގުންތަކަށް ތަބާ ނުވެ ޕާޓީގެ މަސައްކަތްތައް ނުކުރާނެ ކަމަށް ބުނެ ނުރުހުން ފާޅު ކުރުން ހިމެނެ އެވެ.
މީގެ އިތުރުން ސިޔާސީ ގޮތުން ޑީއާރްޕީއާ ވާދަވެރި ޕާޓީތަކަށް ކުރިއެރުމާއި ހިތްވަރު ލިބޭ ޑީއާރްޕީ ބަލިކަށިވާ ގޮތަށް ވާހަކަ ދައްކާ އަމަލު ކުރުން ވެސް ސަބަބުތަކުގެ ތެރޭގައި ހިމެނެ އެވެ.
ކައުންސިލް މެންބަރު ވައްޑޭ މިއަދު ވިދާޅުވީ އޭނާގެ ނަން މެންބަރުންގެ ކަންތައް ބަލަހައްޓާ ކޮމެޓީއަށް ފޮނުވިކަން އެނގިވައިގެންފައި ނުވާ ކަމަށާއި އެކަމަކު ގާނޫނާއި ގަވައިދާ ހިލާފަށް ފިޔަވަޅެއް އަޅައިފިނަމަ ޕާޓީގެ ލީޑަރު ތަސްމީން ގޮވައިގެން ކޯޓަށް ވަޑައިގަންނަވާނެ ކަމަށެވެ.
"ތަސްމީނަކީ ތަސްމީން އެއީ އަންނިއަށް ވުރެ މާ ގޯސް މީހެއް... އަޅުގަނޑު ކަމެއްކޮށްފައި އޮތިއްޔާ އޮންނާނީ ގާނޫނުގެ އިމުގެ ތެރޭގައި،" އޭނާ ވިދާޅުވި އެވެ. މި މައްސަލައާ ގުޅިގެން އިލްހާމާއި މަހުލޫފުގެ ބަހެއް އަދި ލިބޭ ގޮތެއް ނުވެއެވެ.