ބ. ދަރަވަންދޫ އެއާޕޯޓަށް ޖެއްސި މޯލްޑިިވިއަންގެ ފުލައިޓެއްގައި އިރުވާހުދެއް ޖެހުމުން ފުލައިޓް ޑިލޭވެއްޖެ އެވެ.

މިއަދު ހެނދުނު 8:45ގައި ހަނިމާދޫއިން ފުރައިގެން ދަރަވަންދޫގައި ޖައްސަން ދިޔަ ފުލައިޓެއްގެ ފިޔަގަނޑުގައި އިރުވާހުދެއް ޖެހުމުން ދަރަވަންދޫގައި ޖެއްސުމަށް ފަހު ފުލައިޓުން ފަސިންޖަރުން ވަނީ ބާލައިފަ އެވެ.

ސަންއަށް މައުލޫމާތު ދެއްވަމުން އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އަބްދުލްހާރިސް ވިދާޅުވީ ފިޔަގަނޑުގައި ދޫނި ޖެހުން ނަމަވެސް ފުލައިޓަށް ގެއްލުމެއް ލިބިފައިނުވާ ކަމަށެވެ.

ފުލައިޓުން ފަސިންޖަރުން ބާލައި ފުލައިޓަށް ގެއްލުމެއް ލިބިފައިވޭތޯ ބެލުމަށް ފަހު ފުލައިޓް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) އަށް އައުމަށް ފުރާފައިވާ ކަމަށް ހާރިސް ވިދާޅުވި އެވެ.

"އެއްވެސް މޭޖާ ގެއްލުމެއް ނުވޭ، އަޅުގަނޑުމެން މާލެ ގެނެސް މިބަލާލަނީ ކޮންކަހަލަ މައްސަލަތަކެއް ތޯ ހުރީ." ހާރިސް ވިދާޅުވި އެވެ.

ހާރިސް ވިދާޅުވީ ރަންވޭ ސަރަހައްދުން ދޫނި މަދުކުރުމަށް އެއާޕޯޓްތަކުން ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމަށާއި އެހެން ނޫން ނަމަ އެއީ ނުރައްކާތެރި ހާދިސާއެއް ހިނގާފާނެ ސަބަބެއް ކަމަށެވެ.