04 Jan 2016, 11:20
އީރާނާއި ސައޫދީ އަރަބިޔާއާ ދެމެދުގައިވާ މައްސަލަތަކާ ގުޅިގެން ސައޫދީ އިސް މަސްއޫލުވެރިން އެމެރިކާދެކެ ކޯފާވެ އެބޭފުޅުންގެ ކެތްތެރިކަން ކޮޅުންލާ ހިސާބަށް ގޮސްފައިވާ ކަމަށް ޚަބަރު ލިބިއްޖެ އެވެ.
ސައޫދީ އަރަބިޔާގެ ވަރަށް އިސް ފަރާތްތަކާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އީރާނުގެ މައްސަލާގައި ސައޫދީން ރުޅި ގަދަވެފައި ވަނީ ހަމައެކަނި އީރާން ދެކެއެއްނޫނެވެ. ސައޫދީ ދައުލަތާއި ސަރުކާރާ އަދި ޝާއިހީ އާއިލާގެ ޒަމާންވީ އަދި ތާރީޚީ ރަހްމަތްތެރިޔާ ކަމަށްވާ އެމެރިކާ ދެކެވެސް ވަނީ ވަރަށް ބޮޑަށް ރުޅި އައިސް ހިތްހަމަ ނުޖެހިފަ އެވެ. ސައޫދީ މަސްއޫލުވެރިން ދެކޭ ގޮތުގައި އެމެރިކާ ވަނީ އީރާނާ ގާތްވުމަށްޓަކައި ސައޫދީންގެ މަސްލަހަތުތަކަށް ވަރަށް ބޮޑަށް އިހްމާލްކޮށްލާފަ އެވެ. އަދި އެމެރިކާ ގެންގުޅެނީ އީރާނަށް މާބޮޑަށް ދޫދިނުމުގެ ސިޔާސަތެއްކަމަށް ވެސް ސައޫދީ މަސްއޫލުވެރިން ދެކެވަޑައިގަންނަވަ އެވެ.
ސައޫދީ އަރަބިޔާއިން އެ ގައުމުގެ ޝިޔައީ އިސް ދަންނަބޭކަލެއް ކަމަށްވާ ނިމްރު ބާގިރް އައްނިމްރުގެ މައްޗަށް މަރުގެ ހުކުމްކޮށް އެ ހުކުމް ތަންފީޒުކުރުމާ ގުޅިގެން ދެ ގައުމުގެ އަރާރުންތައް ވަނީ މިފަހަކަށް އައިސް ނުދާ ހިސާބަށް މައްޗަށް ގޮސްފަ އެވެ. މި މައްސަލާގައި އީރާނުގެ އިސް މަސްއޫލުވެރިން ސައޫދީންނަށް ރުޅިވެރިކަން ފާޅުކުރައްވައި ސައޫދީ މަސްއޫލުވެރިންނަށް ބަހުގެ ޙަމަލާތައް ދެއްވާފައިވާއިރު ރުޅިއައިސްފައިވާ އީރާނުގެ އާންމުންގެ ބަޔަކު ވަނީ ތެހެރާންގައި ހުންނަ ސައޫދީ އެންބަސީގެ ބައެއްގައި ހުޅުޖަހާފަ އެވެ. މި މައްސަލާގައި ސައޫދީ މަސްއޫލުވެރިން ކޯފާވެވަޑައިގެން ސައޫދީ ސަރުކާރުން ވަނީ އީރާނާއެކު ބާއްވަމުންގެންދިޔަ ޑިޕްލޮމެޓިކް ގުޅުންތައް ވެސް ކަނޑާލާފަ އެވެ. މިކަން ސައޫދީ ޚާރިޖީ ވަޒީރު އާދިލްއަލްޖުބައިރު އިއްލާން ކުރައްވާފައި ވަނީ ރޭގަ އެވެ.
ސައޫދީ އަރަބިޔާއިން އެ ގައުމުގެ ޝިޔައީންގެ އިސް ދަންނަބޭކަލެއް ކަމަށްވާ ޝައިޚް ނިމްރު އައްނިމްރު ގެ ކަރުބުރިކޮށްލައިގެން މަރުގެ އަދަބު ދިނީ ޓެރަރިޒަމްގެ އަމަލުތައް ހިންގުމާއި ފިތުނަ އުފެއްދުމުގެ ހަރަކާތްތެރިވާކަމުގެ ކުށް އޭނާގެ މައްޗަށް ސާބިތުވާކަމަށް ބުނެފަ އެވެ. މިގޮތަށް އީރާނުގެ މަދަދު ލިބޭ އިރާގުގެ ސަރުކާރުން ވެސް ވަނީ ސުންނީން އަތުވެދާނެ ރުޅިއަކަށް ނުބަލައި 2005 ވަނަ އަހަރުގެ ފަހުކޮޅު އިރާގުގެ ކުރީގެ ރައީސް ސައްދާމް ޙުސައިން އަށް މަރުގެ އަދަބު ދީފަ އެވެ. އިރާގުން ސައްދާމަށް މަރުގެ އަދަބު ދިނީ ދަންޖައްސައިގެންނެވެ.
މީގެ އިތުރުން އީރާނުން ވެސް އެގައުމުގެ ސުންނީންނަށް ޓެރަރިޒަމްގެ ކުށް ސާބިތުވެގެންކަމަށް ބުނެ މަރުގެ އަދަބުތައް ދެމުން ގެންގޮސްފައިވެ އެވެ. މިފަދަ ޙާލަތްތަކުގައި ސައޫދީ އަރަބިޔާ އިން ވެސް އީރާނުގެ މިފަދަ އަމަލުތައް ކުށްވެރިކޮށް އީރާނުގެ މަސްއޫލުވެރިންނަށް ބަހުގެ ހަމަލާތައް ދެމުން ގެންގޮސްފައިވެ އެވެ. ނަމަވެސް ދެގައުމުގެ ގުޅުންތައް ކަނޑާލާހިސާބަށް މިފަހަރު ނޫނީ ކަންތައް ގޮސްފައެއް ނުވެ އެވެ.
އީރާނުން އިރާގާއި ސޫރިޔާއަށް ނުސީދާކޮށްވަދެ ލުބްނާނަށް ނުފޫޒު ފޯރުވަމުންދާތަން ބެލުމަކީ ސައޫދީ އަށް ބޮޑު މައްސަލައެކެވެ. އަދި ސައޫދީން އަސްކަރީގޮތުން ޔަމަނަށް ވަދެގަތުންވެފައި ވަނީ އީރާނުގެ ނަޒަރުގައި ބޮޑުމައްސަލައަކަށެވެ. އީރާނާއި ސައޫދީ އަރަބިޔާއަކީ އިސްލާމީ ބޮޑު ދެބާރެވެ. މި ދެގައުމުގެ ދެމެދުގައި ސަރަހައްދީ އަދި ސިޔާސީ ވާދަވެރިކަން ވަރަށް ބޮޑެވެ. ސައޫދީން ސުންނީންނަށް ނިސްބަތްވެފައި އީރާން ޝިޔައީންނަށް ނިސްބަތްވިޔަސް މި ދެގައުމުގެ ދެމެދުގައިވާ އަރާރުންތަކަކީ ސަރަހައްދަށް ބާރާއި ނުފޫޒު ފޯރުވުމުގެ ސިޔާސީ އަރާރުންތަކެކެވެ. ސުންނީ ޝިޔައީ ވާދަވެރިކަން ވެސް ފެންނަނީ މި ސިޔާސީ ކޯޅުންތަކުގެ ތެރެއިންނެވެ.
މިކަން އެނގެނީ އީރާނުގެ ރަސްކަމުގެ ދުވަސްވަރު (ޝާހް ރިޒާ ޕަހެލަވީގެ ވެރިކަމުގެ ދުވަސްވަރު) ސައޫދީ އަރަބިޔާއާއި އީރާނުގެ ގުޅުންތައް ބޮޑު ކަމުންނެވެ. އޭރު ދެގައުމަކީ ވެސް އެމެރިކާގެ ސަފުގައި އެމެރިކާގެ ބައިވެރިންގެ ގޮތުގައި އޮތް ދެގައުމެވެ. ވަރަށްގާތް ދެ ގައުމެވެ. އޭރުވެސް އީރާނަކީ ޝިޔައީ ގައުމެކެވެ. ސައޫދީއަކީ ސުންނީ ގައުމެކެވެ. ނަމަވެސް ސުންނީ ޝިޔައީ އަރާރުމެއް ނެތެވެ. ދެގައުމުގެ ޝާހީ އާއިލާގެ ގުޅުންތައް ވެސް އަދި އިސްލާމް ދީނުގެ ކަންކަމުގައި އެއްބާރުލުމުގެ ގުޅުންތައް ވެސް ދެގައުމުގެ މެދުގައި ވަރަށްބޮޑަށް ރަނގަނޅެވެ.
ދެގައުމުގެ ގުޅުންތައް އެންމެ ފުރަތަމަ ގޯސްވީ 1979 ގައި އާޔަތުﷲ ޚުމައިނީގެ ޒަޢާމަތުގައި އީރާނަށް އައި ރައްޔިތުންގެ އިންގިލާބެވެ. މަޝްހޫރު އީރާނުގެ އިސްލާމީ އިންގިލާބެވެ. މިއިންގިލާބާއެކު އެމެރިކާގެ ނުފޫޒުގެ ދާއިރާއިން އީރާން ދުރަށްގޮސް އަމިއްލަ މުސްތަގިއްލު ސިޔާސަތުތަކެއް ގެންގުޅޭ ގައުމަކަށް އީރާން ވެގެންދިޔައެވެ. އަދި އީރާނަށް އައިފަދަ ރައްޔިތުންގެ އިންގިލާބެއް އަވަށްޓެރި އަރަބި ގައުމުތަކަށް އައިސް އެގައުމުތަކުގެ ވެރިކަމުގެ ނިޒާމްތައް ފުރޮޅި ހަމަނުޖެހުންތަކެއްގެ ތެރެއަށް ވެއްޓިގެން ހިނގައިދާނެތީ އީރާން ދެކެ އަރަބި ގައުމުތައް ބިރުގަންނަން ފެށިއެވެ.
މިއާއެކު ގަލްފުގެ ގައުމުތަކާއި އިރާގު (ސައްދާމް ވެރިކަމުގައި) ގުޅިގެން އީރާނާދެކޮޅަށް ހަނގުރާމަ އިޢްލާންކޮށް 1980 ވަނައަހަރު އިރާގުން އީރާނަށް އަރައިގަތެވެ. މިހަނގުރާމައިގާ ގަލްފުގެ މާލީ އެހީއާއެކު އެމެރިކާއާއި ކުރީގެ ރޫސީވިލާތް (ސޮވިއެޓް ޔުނިޔަން) އާއި ފަރަންސޭސިވިލާތުގެ ހަތިޔާރުގައި އިރާގުން އީރާނުގެ މިލިޔަނެއްހާ މީހުން މަރައި އީރާނުގެ ތިންބައިކުޅަ އެއްބައި ބިން ހިފައި އީރާނަށް ބޮޑެތި ގެއްލުންތަކެއް ދިނެވެ. ނަމަވެސް 8 އަހަރުގެ ދިގު ހަނގުރާމައިން އެންމެ ފަހުން އިރާގަށް އީރާން ބައްޔެއް ނުކުރެވުނެވެ. އަދި އެންމެފަހުން ހޯހޯ ގޮވައި ހަނގުރާމަ ހުއްޓާލުމަށް އެދުނެވެ.
އަދި އެންމެފަހުގެ ނަތީޖާއަކަށްވީ އިރާގުގެ ސައްދާމްގެ ސަރުކާރާއި އެސަރުކާރަށް ވާގިވެރިވި ގަލްފުގެ އަރަބި ގައުމުތައް ޖެހި އީރާނުގެ ބަދަލުގައި އިރާގުގެ ދުޝްމަނުންނަށް ގަލްފުގެ އަރަބި ގައުމުތައް ވެގެންދިޔުމެވެ. އަދި އީރާނާދެކޮޅަށް ތެދުވި އިރާގާއި ގަލްފުގެ އެލަޔަންސް ރޫޅި އިރާގުން އެއެލަންސްގައި ހިމެނޭ ކުވައިތަށް ގަދަބާރުން އަރައި ކުވައިތު ހިފުމެވެ. އަދި އިރާގުން ސައޫދީ އަރަބިޔާވެސް ހިފައި ކުވައިތަށް ހެދިގޮތް ހަދާފާނެކަމުގެ ބިރުވެރިކަން ސައޫދީ މަސްއޫލުވެރިން އިޙްސާސް ކުރައްވަން ޖެހިވަޑައިގަތުމެވެ.
މިއާއެކު އިރާގާދެކޮޅަށް އެމެރިކާ އިސްވެ އޮވެގެން ކުރި ފުރަތަމަ ހަނގުރާމައިގާވެސް ގަލްފުގެ ގައުމުތައް އެމެރިކާ ބައިވެރިވިއެވެ. އެއީ އިރާގުން ކުވައިތުގެ ސިފައިން ނެރުމަށާއި ކުވައިތު އިރާގުގެ ކިބައިން މިނިވަން ކުރުމަށެވެ. އަރަބިން އެއްބަޔަކު އަނެއް ބަޔަކަށް ތަޅާފޮޅަމުން ދިޔައިރު އީރާން ދިޔައީ އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކާއެކުވެސް ނިއުކްލިޔަރ ޓެކްނޮލޮޖީއާއި މިސައިލް ޓެކްނޮލޮޖީ ތަރައްގީކޮށް ރޮކެޓް ސައެންސާއި ނިއުކްލިޔާ ސައެންސްގައި އަމިއްލަ ނަފްސަށް ބަރޯސާވެގެން ޓެކްނޮލޮޖީގެ ގޮތުން ވަރަށް ބޮޑަށް ބާރުގަދަކުރަމުންނެވެ. އަދި ދަތިކުރުމުގެ ފިޔަވަޅުތަކާއެކު ވެސް އީރާން ގެންދިޔައީ އިރާގުން ކުރި ހަނގުރާމައިގާ ލިބުނު ބޮޑެތި ގެއްލުންތައް ފޫބައްދައި ޚަރަދުކުޑަ އަމިއްލަ ނަފްސަށް ބަރޯސާވުމުގެ ސިޔާސަތެއްގެ ދަށުން ގައުމުއަލުން ބިނާކޮށް އާރަސްތުކުރަމުންނެވެ. އަދި ސައެންސާއި ޓެކްނޮލޮޖީގައި ބޮޑެތި މަސައްކަތްތަކެއް ކޮށް ކުރިއެރުންތަކެއް ހޯދަމުންނެވެ.
އަރަބިންގެ ފަޅިއަކުން މިކަމެއް ނުފެނެއެވެ. އަރަބިންގެ ފަޅިން ފެނުނީ ސައްދާމްގެ ވެރިކަން ވައްޓާލުމަށް ޓަކައި އެމެރިކާގެ ކުރީގެ ރައީސެއްކަމަށްވާ ޖޯޖްޑަބްލިޔު ބުޝްގެ ހެއްދެވި ދޮގުތަކަށް ހިއްވަރުދީގެން ސައްދާމްގެ ސަރުކާރު ވައްޓާލުމަށް އެމެރިކާއަށް އެހީތެރިވާ މަންޒަރެވެ. ގަލްފުގެ ގައުމުތަކުގެ އެހީއާއެކު އެމެރިކާ އިރާގާ ދެކޮޅަށް ކުރި އުދުވާނީ ނަތީޖާއަކަށް ވެގެންދިޔައީ އީރާނާ ކުރިމަތިލެވޭވަރުގެ ހަމައެކަނި އަރަބި ގައުމުކަމަށްވާ އިރާގު މުޅިން ފުނޑުފުނޑުވެ ސައްދާމްގެ ވެރިކަން ވެއްޓި އީރާނަށް ތާއީދުކުރާ ޝިޔައީންގެ އަތްމައްޗަށް އިރާގުގެ ވެރިކަން ފުރޮޅިގެން ދިޔުމެވެ. މިއާއެކު އީރާނަށްވަނީ އީރާނުން އިރާގަށް އިސްވެ ހަމަލާނުދީ އިރާގު 'ފަތަހަ' ކުރެވިފައެވެ.
އީރާނާ ދެކޮޅަށް 8 އަހަރު ހަނގުރާމަކޮށް އީރާނުގެ ރައްޔިތުންނާ ދެކޮޅަށް ކެމިކަލް ހަތިޔާރު ބޭނުންކުރި ސައްދާމް އީރާނުގެ މުށުތެރެއަށް ގެނެވިފައެވެ. މިއީ އީރާން އިރާގުގެ ހަނގުރާމައިގާ އިރާގުން އީރާނަށް ދީފައިވާ ޓްރިލިޔަން ޑޮލަރުގެ ބަދަލުހޯދަން ރަނުގެ ފުރްސަތެއް އީރާނަށް ލިބިގެންދިޔުމެވެ. މި ފާއިތުވެ ދިޔަ މުއްދަތުގައި އީރާންވަނީ ވިސްނުންތެރި ސިޔާސަތެއްގެ ދަށުން ދަތިކުރުމުގެ ފިޔަވަޅުތަކާއެކުވެސް އެމެރިކާއަށްވެސް އަދި އިސްރާއީލަށްވެސް އިސްވެ ހަމަލާދޭން ނުކެރޭވަރުގެ ބާރުގަދަ ގައުމަކަށް ވެފައެވެ.
ނަތީޖާއަކީ އިރާގުގެ އިތުރުން ސޫރިޔާގެ ވެރިކަމުގެ ނިޒާމަކީވެސް އީރާނުގެ ބާރު ހިނގާ ނިޒާމަކަށް ވެ އިސްރާއީލަށްވެސް ބިރުދެއްކޭފަދަ ގައުމަކަށް އީރާންވެފައިވާތީ އީރާނާ ދިމާކުރުމުގެ ބަދަލުގައި އީރާނާ ގާތްވުމަށް އެމެރިކާ މަސައްކަތް ފެށުމެވެ. އިރާގާ ދެކޮޅަށް އެމެރިކާ ކުރި ހަނގުރާމަތަކުން ލިބުނު ހިތި ފިލާވަޅުތަކުގެ އަލީގައި އީރާނާ ކުރިމަތިލާކަށް އަދި އީރާނުގެ ނިއުކްލިޔަރ މަރުކަޒުތަކަށް ބޮންއަޅާކަށްވެސް އެމެރިކާއަކަށް ނުކެރުނެވެ.ސަބަބަކީ އީރާނުގެ އަތުގައި ނިއުކްލިޔަރ ބާރާއި ބެލަސްޓިކް މިސައިލް ޓެކްނޮލޮޖީގެ ބާރު ހުރުމެވެ. މީގެއިތުރުން ޑިމޮކްރަސީއާއި އިންސާނީ ހައްގުތަކުގެ ނަމުގައި އީރާނުގެ އެތެރޭގައި ހަމަނުޖެހުންތައް އުފައްދައިގެން އީރާން ހަލާކުކުުރުމަށް އެެމެރިކާ ކުރިމަސައްކަތްތައްވެސް ވަނީ މުޅިން ނާކާމިޔާބުވެފައެވެ. އަދި އީރާނާ ކުރިމަތިލައިފިނަމަ ދެން އައިއެސްއަށްވުރެވެސް ނުރައްކާތެރި ޝިޔައީންގެ ޖަމާއަތްތަކެއް އުފެދިގެން ހިނގައިދާނެކަމުގެ ބިރު އެމެރިކާ އާއި ޔުރަޕް ވަނީ އިޙްސާސް ކޮށްފައެވެ. އަނެއްކޮޅުން އިސްރާއީލަށް ހަމަލާނުދިންނަމަވެސް އިސްރާއީލުގެ ކޮންމެ ތަނަކަށްވެސް ފޯރާފަދަ ދުރުރާސްތާގެ މިސައިލް އީރާނުގައި އެބަހުއްޓެވެ. އަދި ބޮންއަޅައިގެން ހަލާކުކޮށް ނުލެވޭވަރުގެ ނިއުކްލިޔަރ ސައެންސާއި އޭގެ އިލްމު އީރާން މީހުންގެ ސިކުނޑިތަކުގައި ހުރިކަން އެމެރިކާ ގަބޫލުކުރެއެވެ.
މިހަގީގަތާއެކު އެމެރިކާ މިހާރުވަނީ އީރާނާއެކު ނިއުކްލިޔަރ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އަދި އެމެރިކާއާއި ޔޫރަޕުން ގެންދަނީ އީރާނާދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމުގެ މަސައްކަތްވެސް ކުރަމުންނެވެ. އީރާނާދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުގައި ގަލްފުގެ ގައުމުތަކުގެ ދައުރުވެސް ބޮޑެވެ. އީރާނާދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައި ބޭއްވުމަކީ ގަލްފުގެ ގައުމުތަކުގެ ވަރަށް ބޮޑު ބޭނުމެކެވެ. ނަމަވެސް މަސްރަހު ބަދަލުވެފައިވާގޮތުން މިކަން މިހާރުމިވަނީ ގަލްފުގެ ގައުމުތަކުގެ އަތަދަށުންގޮސްފައެވެ. މިހާރު ބަދަލުވެފައިވާގޮތުން ގަލްފުގެ ގައުމުތަކަށްވުރެ އެމެރިކާއަށް މުހިއްމީ ޓެކްނޮލޮޖީގެ ގޮތުން ބާރުގަދަ އީރާނެވެ. އީރާނާ ގުޅުންތައް ރަނގަނޅު ނުކޮށް މެދުއިރުމައްޗާއި ގަލްފުގެ ސަރަހައްދުގައި އެމެރިކާގެ މަސްލަހަތު ހިމާޔަތް ނުކުރެވޭނެ ކަމަށް އެމެރިކާ ދެކެއެވެ.
އެމެރިކާވެސް އަދި ބޮޑެތި އެހެން ބާރުތަކަކީވެސް އަމިއްލަ މަސްލަހަތަށް މަސައްކަތްކުރާ ގައުމުތަކެކެވެ. އެހެންކަމުން ބާރުގަދަ ފަރާތާ އެގައުމުތަކުން ގުޅޭނެއެވެ. ސައްދާމް ހުސައިންގެ ދުވަސްވަރު ކަންހިނގި ގޮތަށް ބަލާއިރު ސައޫދީ އާއި ގަލްފުގެ ގައުމުތަކަށް އޮތީ ހިކްމަތްތެރިކަމާއެކު އީރާނާ ކުރިމަތިލުމެވެ. އެދުވަސްވަރު ގޮތަށް ހިކްމަތްތެރިކަމެއްނެތި އީރާނާ ކުރިމަތިލުމަކީ ކާމިޔާބީއާ ހަމައަށް ދެވޭނެކަމެއް ނޫނެވެ. މިއަދުގެ އީރާނަކީ އެދުވަސްވަރުގެ އީރާނަށްވުރެ ހުރިހާ ގޮތަކުންވެސް ތަފާތު އީރާނެކެވެ. އަދި މިއަދު އަރަބިންވަނީ ބައިބައިވެފައެވެ. ކުރިޔަށްވުރެވެސް ބޮޑަށް ބައިބައިވެފައެވެ. އަރަބި ބާރުގަދަ ގައުމުތައްވަނީ ދާޚިލީ ހަނގުރާމަތަކުގައި ބަލިކަށިވެފައެވެ. މިކަމުގެ އެޑްވާންޓޭޖް އީރާނުން ނަގާނެކަން އަރަބިން ދަންނަންވާނެއެވެ.