ސްޕެނިޝް ލަލީގާގައި ވެލްންސިއާއާ ދެކޮޅަށް ރެއާލް މެޑްރިޑް ކުޅުނު މެޗު 2-2 ގެ ނަތީޖާ އަކުން އެއްވަރުވުމުން، ތާވަލުގެ ދެ ވަނަ އަށް އަރަން އެ ޓީމަށް ލިބުނު ފުރުސަތު ގެއްލިއްޖެ އެވެ.

ރޭގެ މެޗުން މޮޅުވެގެން، ތާވަލުގެ ދެވަނާގައި 39 ޕޮއިންޓާއި އެކު އޮތް ވާދަވެރި ބާސެލޯނާ ފަހަތަށް ޖައްސާލަން ފުރުސަތު އޮތް ނަމަވެސް އެ މެޗުން އެއްވަރު ވުމުން ރެއާލް އޮތީ 37 ޕޮއިންޓާއެކު ތިން ވަނާގަ އެވެ. އެއް ވަނާގައި އެތުލެޓިކޯ މެޑްރިޑް އޮތީ 41 ޕޮއިންޓް ލިބިގެންނެވެ. ވެލެންސިއާ އޮތީ 23 ޕޮއިންޓާއެކު 10 ވަނާގައެވެ.

ސްޕެނިޝް ލަލީގާގައި ރެއާލް މެޑްރިޑްއާ ވެލެންސިއާ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ

ވެލްންސިއާގެ އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗުގައި ރެއާލް އިން ވަނީ ފުރަތަމަ ގޯލެއް ޖަހައި ލީޑު ނަގައިފަ އެވެ.

އެ ގޯލް މެޗުގެ 16 ވަނަ މިނެޓްގައި ކުރިސްޓިއާނޯ ރޮނާލްޑޯ ގެ އެހީތެރިކަމާއެކު ކާމިޔާބު ކުރީ ކަރިމް ބެންޒެމާ އެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ވެލެންސިއާއިން ނަތީޖާ ހަމަހަމަ ކުރީ އިތުރު ވަގުތުގައި ރެއާލް ގެ ޕެނެލްޓީ އޭރިއާ ތެރެއިން ޕެޕޭ ކުރި ފައުލަކާއި ގުޅިގެން އެ ޓީމަށް ލިބުނު ޕެނަލްޓީ ޑެނީ ޕަރިޖޯ ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

ދެވަނަ ހާފްގައި ރެއާލްގެ މާޓިއޯ ކޮވިކިކް ކުރި ފައުލަކާއި ގުޅިގެން ސީދާ ރަތް ކާޑެއް ދެއްކި ނަމަވެސް ގެރެތް ބޭލް ވަނީ ޓޯނީ ކުރޫސްގެ އެހީތެރިކަމާ އެކު އެ ޓީމަށް ދެވަނަ ފަހަރަށް ލީޑު ނަގައިދީފަ އެވެ.

ސްޕެނިޝް ލަލީގާގައި ވެލްންސިއާއާ ދެކޮޅަށް ރެއާލް މެޑްރިޑް ކުޅުނު މެޗުގައި ވެލެންސިއާގެ ގޯލް ކާމިޔާބް ކުރުމަށް ފަހު އެ ޓީމުގެ ކުޅުންތެރިން އުފާފާޅު ކުރަނީ --- ފޮޓޯ: އޭޕީ

އެހެން ނަމަވެސް ރެއާލް އިން ގޯލެއް ޖެހިތާ އެއް މިނެޓް ފަހުން 83 ވަނަ މިނެޓްގައި ވެލެންސިއާގެ ޕަކޯ އެލްސަސާ ވަނީ ގޯލެއް ކާމިޔާބް ކޮށް ރެއާލް މޮޅުވިޔަނުދީ ހިފަހައްޓައިފައެވެ.

ރޭގެ މެޗަށް ފަހު ވާހަކަ ދައްކަމުން ރެއާލް ގެ ކޯޗް ރެފެއެލް ބެނިޓޭޒް ބުނީ އޭނާގެ ޓީމުގެ ފަރާތުން ފެނުނީ މޮޅުވުން ހައްގު ކުޅުމެއް ކަމަށާއި 10 ކުޅުންތެރިންނާއި އެކީ ކުޅެންޖެހުމުން މޮޅުވާން އުނދަގޫވީ ކަމަށެވެ