އަނބިމީހާ އަށް ޖިންސީ އަނިޔާ ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ، އިބްރާހިމް ޝާހު، 40،ގެ ބަންދުގެ މުއްދަތު އިއްޔެ ކްރިމިނަލް ކޯޓުން ހަތަރުވަނަ ފަހަރަށް އިތުރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު "ސަން" އަށް ވިދާޅުވީ އެމީހާގެ ބަންދުގެ މުއްދަތަށް ކްރިމިނަލް ކޯޓުން އިތުރު 10 ދުވަސް ޖަހާދީފައިވާ ކަމަށެވެ.

ފިރިމީހާ އަނިޔާކޮށްގެން ޖިންސީ އަނިޔާތަކެއް ލިބުނު ގދ. ތިނަދޫ، ތޭންކް، ޒިޔާދާ ނައީމަށް ލިބުނު އަނިޔާތަކަށް އައިޖީއެމްއެޗުގައި ފަރުވާ ހޯދަމުން ދަނިކޮށް އޭނާ ނިޔާވީ މިދިޔަ ހަފްތަގެ ތެރޭގަ އެވެ.

ޖެންޑާ މިނިސްޓްރީން ބުނެފައި ވަނީ ޒިޔާދާއަށް އިންސާފު ހޯދައިދިނުމަށް މިނިސްޓްރީގެ ބާރުގެ ދަށުން ކުރެވެން ހުރި ހުރިހާ ކަމެއް ކުރަމުންދާ ކަމަށެވެ.

ހަމައެއާ އެކު މުޖުތަމައުގެ ނާޒުކު ހާލަތްތަކުގައި ތިބި ފަރާތްތަކުގެ ހައްގުތަކަށް އުނިކަންދީ އަނިޔާ ކުރާ ފަރާތްތަކަށް ގާނޫނުގެ ދަށުން ދެވެން އޮތް އެންމެ ހަރުކަށި އަދަބު ދޭނެ ކަމަށާއި އެ އަދަބު ވީހާވެސް އަވަހަކަށް އެ މީހަކަށް ދޭނެ ކަމަށް ވަނީ ބުނެފަ އެވެ.