04 Jan 2016, 12:41
އެމެރިކާގެ ޓީވީ ސީރީޒް އެއް ކަމަށްވާ "ކުއަންޓިކޯ" އަކީ ގިނަ ބައެއްގެ މެދުގައި މަގުބޫލު ސީރީޒް އެކެވެ. "ކުއަންޓިކޯ"ގެ ފޭނުން ދުނިޔޭގައި މިލިއަނުން ގުނާލެވެ އެވެ.
ތޭރަ އެޕިސޯޑުގެ މައްޗަށް ބިނާކޮށް މިދިޔަ އަހަރު ސެޕްޓެމްބަރު މަހުގައި އޭބީސީ އިން ދައްކަން ފެށި އެ ސީރީޒް ގެ ފުރަތަމަ ސީޒަންގެ 11 އެޕިސޯޑު މިހާތަނަށް އައި އިރު ވަނީ ދައްކާފަ އެވެ.
ކޮންމެ އަކަސް "ކުއަންޓިކޯ"ގެ ފުރަތަމަ ސީޒަންގެ ނިމުމަކާ ހަމައަށް އައިސްފައިވާ އިރު، އެ ސީރީޒްގެ ލީޑު ރޯލު އަދާ ކުރާ ބޮލީވުޑްގެ ތަރި ޕްރިޔަންކާ ޗޯޕްރާ (ޕީސީ) ވަނީ ބެލުންތެރިންނަށް އުފާވެރި ހަބަރެއް ދީފައެވެ.
އެގޮތުން ޕީސީއާ ހަވާލާދީ ނޫސްތަކުން ބުނަނީ، ކުއަންޓިކޯގެ ފުރަތަމަ ސީޒަން އަށް އިތުރު 22 އެޕިސޯޑު އިތުރު ކުރަން ނިންމާފައިވާ ކަމަށެވެ.
ހަމައެހެންމެ "ކުއަންޓިކޯ" ސީރީޒް 44 ބަހުރުވައަކުން ޑަބް ކުރަން ނިންމާފައިވާ ކަމަށްވެސް ޕީސީ އާ ހަވާލާދީ ނޫސްތަކުން ބުނެއެވެ.
ކޮންމެއަކަސް އެ ހަބަރާއެކު ޝޯވްގެ ފޭނުން ވަނީ ހެއްވާލާފައެވެ.
ހަބަރުތައް ބުނާ ގޮތުން، ކުއަންޓިކޯ ސީރީޒްގެ ބާކީ އެޕިސޯޑުތައް އަންނަ މާޗު މަހު ދައްކަން ފަށާއިރު، ޕްރިޔަންކާ އަށް ބޮޑެތި ބަދަލުތަކެއް އަންނާނެއެވެ.
ހަމައެހެންމެ އެ ސީރީޒް އިންވެސް ތަފާތު ގިނަ ކަންތައްތަކެއް ފެނިގެން ދާނެއެވެ.
ޕްރިޔަންކާ "ކުއަންޓިކޯ" ގައި ކުޅޭ ރޯލަށް، ގިނަ ބައެއްގެ ތައުރީފު އޭނާ އަށް އަންނަނީ އޮހެމުންނެވެ.