ނޫސްގަނޑެއްގައި ހުންނަ ވަރުގެ ތުނިކަން ހުންނަ ނޫސްގަނޑެއް ހެން އޮޅާލެވޭ ފަދަ 18 އިންޗީގެ އޯގެނިކް ލައިޓް އެމިޓިން ޑަޔޯޑް (އޯލެޑް) ޑިސްޕްލޭއެއް އެލްޖީ އިން ދައްކާލައިފި އެވެ.

އެ ޓެކްނޮލޮޖީއަކީ އާ ޓެކްނޮލޮޖީއެއް ނޫނެވެ. އެގޮތުން އެލްޖީއިން ވެސް ވަނީ އޭގެ ޓެކްނޮލޮޖީގެ ކޮންސެޕްޓްތަކެއް ދައްކާލައިފަ އެވެ. ހަމަ އެފަދައިން ސޮނީ އާއި ޝާޕް އަދި ސެމްސަންގް ފަދަ ކުންފުނިތަކުން ވެސް ވަނީ އެފަދަ ޓެކްނޮލޮޖީތަކެއް ދައްކާލަފަ އެވެ. ނަމަވެސް އެއީ ކޮންސެޕްޓްތަކެވެ.

މީގެ ކުރިން އެލްޖީ އިން ވެސް ދައްކާލާފައި ވަނީ ތުނި ޑިސްޕްލޭގެ ނަމޫނާއެކެވެ. އެހެން ނަމަވެސް މިހާރު އެ ޓެކްނޮލޮޖީ އުފެއްދުންތަކުގައި ބޭނުން ކުރުމަށް ތައްޔާރުވެފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

ފަތް ޖަހާލައި އޮޅާލެވޭ ގޮތަށް ހުންނަ ޑިސްޕްލޭތައް އުފެއްދުންތަކުގައި ބޭނުން ކުރަން ފެށުމުން އުފެއްދުންތަކުގެ ޑިޒައިން އާއި ބޭނުން ކުރުމަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް އެކުންފުނިން ވަނީ ބުނެފަ އެވެ.

އެގޮތުން ސްމާޓްފޯނާއި ބޮޑެތި ތަންތަނުގައި އެފަދަ ޑިސްޕްލޭ ބޭނުން ކުރަން ފެށުމުން ބޭނުން ކުރާ ފަރާތްތަކަށް ފަސޭހަ ވެގެންދާނެ އެވެ. އޭގެ އިތުރުން ބޮޑެތި ކޮޓަރި އާއި އުޅަނދު ފަދަ ތަކެތީގެ އިންޓީރިއާގައި އެއްކޮށް އެފަދަ ޑިސްޕްލޭ ހަރުކުރެވުމަކީ ވެސް އެފަދަ ޑިސްޕްލޭއަށް ކުރެވޭނެ ކަންތައްތައް ކަމަށް އެލްޖީ އިން ބުންޏެވެ.

ރިޕޯޓުތަކުން ބުނާ ގޮތުގައި ބުދަ ދުވަހު ލަސް ވޭގަސް، ނެވާޑާގައި ފެށުމަށް ހަމަޖެހިފައިވާ ކޮންޒިއުމާ އިލެކްޓްރޯނިކްސް ޝޯ (ސީއީއެސް)ގައި އެލްޖީ އިން އެ ޑިސްޕްލޭ ރަސްމީކޮށް އިއުލާންކުރާނެ އެވެ.