04 Jan 2016, 09:57
އެސްޓީއޯގެ މެޑިކަލް ގުދަނަ ޒަމާނީ ފެންވަރަށް ތަރައްގީކޮށް، ހަ ބުރީގެ އިމާރާތެއް މިއަހަރުގެ ތެރޭގައި އެޅުމަށް ނިންމާފައިވާ ކަމަށް އެސްޓީއޯ އިން ބުނެފި އެވެ.
އެސްޓީއޯ އިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު ވިދާޅުވީ މި އަހަރު ވެގެން ދާނީ އެސްޓީއޯގެ އިންފްރާސްޓްރަކްޗާ ޑިވެލޮޕްމަންޓް އެންމެ ބޮޑު އަހަރު ކަމަށެވެ.
އެގޮތުން އާންމުންނަށް ދޭ ހިދުމަތް އިތުރަށް ފުޅާކޮށް، ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ގިނަ ކަންތައްތަކެއް ރޭވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ވާނީ އެސްޓީއޯ ވެހިކަލް ގަރާޖު އެހެރަ ތަނުގައި ހަބުރި އިމާރާތެއް އެޅުމަށް ނިންމާފައި،" ޝަހީރު ވިދާޅުވި އެވެ.
ގުދަން އެޅުމަށް ނިންމާފައި ވަނީ އެސްޓީއޯ އިން ރާއްޖޭގެ ހުރިހާ ރަށެއްގައި ފާމަސީގެ ހިދުމަތް ދޭން ފަށާފައި ވުމުގެ ސަބަބުން، މެޑިކަލް ސްޓޯރޭޖް ބޮޑުކުރުމަށް ބޭނުންވާތީ ކަމަށް އެސްޓީއޯ އިން ބުންޏެވެ.
"އިރާދަކުރެއްވިއްޔާ މި އަހަރު ތެރޭ ޕްރޮޖެކްޓް ފެށި މި އަހަރު ނިމުމުގެ ކުރިން އޭގެ ފަސްޓް ފޭސް އަދި ސެކަންޑް ފޭސް ނިމި މި ގުދަން ބޭނުން ކުރަން ފެށޭނެ. އޭގެ ސަބަބުން މިހާރަށް ވުރެ ސްޓޯރޭޖް ބޮޑު ކުރެވި، ބެޗް މެނޭޖް ކުރެވި އަދި އެކްސްޕަޔަރީ ވެސް ކުޑަކުރެވިގެން ދާނެ. އަޅުގަނޑުމެންނަށް ވަރަށް ބޮޑު ފަސޭހަތަކެއް ލިބިގެން ދާނެ،" ޝަހީރު ވިދާޅުވި އެވެ.
ބޭހުގެ އިތުރުން، އެ ގުދަނުގައި އެސްޓީއޯ ސުޕަމާޓާއި ހޯމް އިމްޕްރޫވްމެންޓްގެ މުދާތަައް ވެސް ރައްކާ ކުރެވޭނެ ކަމަށް އެސްޓީއޯ އިން ބުނެ އެވެ.