ރިޔާޒް (ޖެނުއަރީ 4): އީރާނުގައި ހުންނަ ސައުދީ އެމްބަސީއަށް ބަޔަކު ވަދެ އަލިފާން ރޯކުރުމާ ގުޅިގެން ސައުދީ އަރަބިއާ އިން އީރާނާ އެކު އޮތް ގުޅުންތައް ކަނޑާލައިފި އެވެ.

އީރާނުގައި ހުންނަ ސައުދީ އެމްބަސީ އަށް އީރާނުގެ ރައްޔިތުން އިއްޔެ ހަމަލާދީފައި ވަނީ މަޝްހޫރު ޝީއީ އިލްމުވެރިއެއް ކަމަށްވާ ޝެއިހް ނިމްރު އަލް ނިމްރުގެ މައްޗަށް ސައުދީ އަރަބިއާ އިން މަރުގެ ހުކުމް ތަންފީޒު ކުރުމުންނެވެ.

ސައުދީ އަރަބިއާގެ ފޮރިން މިނިސްޓަރު އާދިލް އަލް ޖުބެއިރު ވަނީ އެގައުމުގައި ހުންނަ އީރާންގެ އެންވޯއީ އަށް ސައުދީ އަރަބިއާ ދޫކޮށް ދިޔުމަށް 48 ގަޑިއިރު ދީފަ އެވެ. ނިއުސް ކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަމުން ޖުބެއިރު ވިދާޅުވީ އެ ހަމަލާއަކީ އީރާނުން ސައުދީ އަރަބިއާގައި "ޓެރަރިސްޓް ސެލްސް" ގާއިމުކޮށް، މެދުއިރުމަތީގައި ހަމަނުޖެހުން އުފެއްދުމަށް އިރާނުން ގެންގުޅޭ ސިޔާސަތުގެ ދަށުން ދިން ހަމަލާއެއް ކަމަށެވެ.

ސައުދީ އަރަބިއާ އިން އެޅި އެފިޔަވަޅުގެ ރައްދުގައި އީރާނުން ބުނެފައި ވަނީ ދެގައުމުގެ މެދުގައި އޮތް ގުޅުންތައް ކަނޑާލުމަކީ "ޝެއިހް ނިމްރު މަރާލުމުން ސައުދީ އަރަބިއާ އަށް ހެދުނު ބޮޑު ކުށް" ފޮރުވޭނެ ކަމެއް ނޫން ކަމަށެވެ.

ހޮނިހިރު ދުވަހު ސައުދީ އަރަބިއާ އިން ވަނީ ޝެއިހް ނިމްރު އަލް ނިމްރުއާ އިތުރު 46 މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކޮށްފަ އެވެ. އެމީހުންނަށް މަރުގެ ހުކުމް ކުރީ ޓެރަރިޒަމްގެ ކުށް ސާބިތުވުމުގެ ސަބަބުންނެވެ. (ނޫސްއޭޖެންސީތައް)