04 Jan 2016, 00:26
އިނގިރޭސި ޕްރިމިއަ ލީގުގައި އާދީއްތަ ދުވަހު ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ޗެލްސީ ކުޅުނު މެޗުގެ ފުރަތަމަ 15 މިނިޓް ތެރޭގައި ޗެލްސީގެ ބެލްޖިއަމް މިޑްފީލްޑަރު އެޑެން ހަޒާޑަށް އަނިޔާވުމުގެ ސަބަބުން އޭނާއަށް އެ މެޗުނުކުޅެވި ފައިބާން ޖެހިއްޖެއެވެ.
ކްރިސްޓަލް ޕެލަސްގެ ސެލްހަރސްޓް ޕާކްގައި ކުޅުނު އެމެޗު ފަށައިގެން މާކަ ގިނައިރުތަކެއް ނުވަނީސް ހަޒާޑް ވަނީ، އުކުޅުވަޅުގައި ރިއްސާތީ، ބަދަލުގައި އެހެން ކުޅުންތެރިއަކު އެރުވުމަށް އެދިފައެވެ. އެގޮތުން އޭނާގެ ބަދަލުގައި ކުޅެން ނުކުތީ ޕެޑްރޯއެވެ.
ޗެލްސީން ކުރި ޓްވީޓެއްގައި ބުނެފައިވަނީ، މެޗުގެ ކުރީކޮޅުގައި ބޯޅައެއް ޖަހަން އުޅުމުގެ ތެރޭގައި ހަޒާޑްގެ އުކުޅުވަޅަށް އެރި ތަދު ރަނގަޅު ނުވާ ކަމަށެވެ. އަދި އޭނާއަށް ލިބިފައިވަނީ ކިހާވަރެއްގެ ސީރިއަސް އަނިޔާއެއްކަން ބުނަން ބުނަން އެނގޭނީ ފަހުންކަމަށެވެ.
އުރުން 24 އަހަރުގެ ހަޒާޑް އަނިޔާގައި ހުންނަން ޖެހުމަކީ ޗެލްސީގެ އިންޓަރިމް ކޯޗް ގޫސް ހިޑިންކްސްއަށް "ރިހޭފައިމައްޗަށް ފޮއިވެއްޓުން" ފަދަ ކަމަކަށްވާނެއެވެ. ސަބަބަކީ އެންމެ ފަހުގެ ޗެމްޕިއަންސް ޗެލްސީ 2016 ވަނަ އަހަރާ ކުރިމަތީލާފައި މިވަނީ، ޕްރިމިއަ ލީގް ތާވަލުގެ ރެލިގޭޝަން ޒޯނާ މާކަ ދުރު ނޫންހިސާބަކުން ތާވަލުގެ ކުރިއަށް އެރުމުގެ ބުރަ މަސައްކަތާ އެކުގައި ކަމަށް ވާތީއެވެ.
ހަޒާޑް އިންޖަރީގައި ހުންނަން ޖެހުމުން ޗެލްސީގެ ކުރީކޮޅު ބަލަހައްޓަން މިހާރު، ހުރި ހަމަ އެކަނި ފިޓް ކުޅުންތެރިޔަކީ، ޑިއެގޯ ކޮސްޓާއެވެ. އެހެންކަމުން ދިގު މުއްދަތަކަށް ހަޒާޑް އިންޖަރީވެއްޖެ ނަމަ، ހިޑިންކްސްއަށް ބޮޑު ދަތިތަކަކާ ކުރިމަތިލާން ޖެހޭނެއެވެ.
ޕްރިމިއަ ލީގުގައި ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ޗެލްސީ ކުޅުނު މެޗުން އެޓީމު ވަނީ 3-0 އިން މޮޅުވެފައެވެ. އަދި އެ ނަތީޖާއާއެކު އެޓީމު ވަނީ، 23 ޕޮއިންޓާއެކު ތާވަލުގެ 14 ވަނައަށް ކުރިއަށް ޖެހިލައިފައެވެ.