04 Jan 2016, 00:05
ޓްރިވެންޑްރަމް، އިންޑިއާ (3 ޖެނުއަރީ) -ނިމިގެން ދިޔަ ސާފް ސުޒުކީ ކަޕްގައި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ އެވޯޑް އަފުޣާނިސްތާންގެ ފޯވަޑް ހައިބަރު އަމާނީ ހޯދައިފިއެވެ.
އޭނާ ވަނީ މުބާރާތުގައި ހަތަރު ލަނޑު ޖަހައިފައެވެ.
އެގޮތުން މުބާރާތުގެ ގުރޫޕް ސްޓޭޖުގައި އޭނާ ވަނީ ބޫޓާން ކޮޅަށް ދެ ލަނޑު ޖަހައިފައެވެ. އަނެއް ދެ ލަނޑު ޖަހައިފައިވަނީ ގުރޫޕް ސްޓޭޖުގައި ބަނގުލަދޭޝްއާ ދެކޮޅަށް ކުޅުނު މެޗާއި ސެމީފައިނަލުގައި ސްރީލަންކާއާ ދެކޮޅަށް ކުޅުނު މެޗްގައެވެ.
އަމާނީއާ އެންމެ ގާތް ކުރި ކުޅުންތެރިންނަކީ ސާފް ސުޒުކީ ކަޕްގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދި ޗެމްޕިއަން އިންޑިއާގެ ކެޕްޓަން ސުނިލް ޗެތުރީއާއި އަފުޣާނިސްތާންގެ ކެޕްޓަން ފައިސަލް ޝައިސްތޭއެވެ. މި ދެކުޅުންތެރިންވެސް ވަނީ ކޮންމެ ކުޅުންތެރިޔަކު ތިން ލަނޑު ޖަހައިފައެވެ.
ސާފްޗެމްޕިއަންޝިޕްގެ ތާރީޚްގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑު އޮންނަނީ ރާއްޖޭގެ ކެޕްޓަން ޢަލީ އަޝްފާޤް (ދަގަނޑޭ) އަތުގައެވެ. އޭނާ ވަނީ ސާފް ޗެމްޕިއަންޝިޕްގައި މިހާތަނަށް 20 ގޯލް ޖަހައިފައެވެ.
އަދި އެއް މުބާރާތެއްގައި އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑުވެސް އޮތީ ދަގަނޑޭ އަތުގައެވެ. އޭނާ ވަނީ ނޭޕާލުގައި 2013 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި 10 ލަނޑު ކާމިޔާބުކޮށްފައެވެ.