13 Apr 2011, 16:41
ޓީވީއެމް އާއި ދިވެހި ރާއްޖޭގެ އަޑުގެ މުދާ މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ) އަށް ބަދަލު ކުރުން މޯލްޑިވްސް ނެޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްއެންބީސީ)ގެ މައްޗަށް ވެސް ލާޒިމް ކަމަށް އެމްބީސީގެ ގާނޫނީ ވަކީލާ އައިޝަތު އާޒިމާ ޝަކޫރު ޝަރީއަތުގެ މަޖިލީހުގައި މިއަދު ވިދާޅުވެއްޖެ އެވެ.
ޓީވީއެމް އާއި ދިވެހި ރާއްޖޭގެ އަޑާއި އެ ދެ ތަނުގެ މުވައްޒަފުންނާއި މުދާ ހޯދުމަށް އެމްބީސީން ކުރާ ދައުވާގެ ޝަރީއަތުގައި ސިވިލް ކޯޓުގައި ވާހަކަ ދައްކަވަމުން ކުރީގެ ބަންޑާރަ ނައިބު އާޒިމާ ވިދާޅުވީ އެމްއެންބީސީއަކީ ދައުލަތުގެ ކުންފުންޏެއް ކަމަށާއި ރައްޔިތުންގެ މަޖިލީޙުން ހަދާ ގާނޫނެއް ތަންފީޒު ކުރުން އެ ފަރާތަށް ވެސް ލާޒިމްވާނެ ކަމަށެވެ. އަދި ވިދާޅުވީ އެމްބީސީ އުފެއްދުމުގެ ގާނޫނުގައިވާ ގޮތުގެ މަތިން އެ މުދާ ލިބިގަތުމަކީ އެމްބީސީގެ ވެސް ހައްގެއް ކަމަށެވެ.
އެ މައްސަލައިގެ ހުލާސާ ބަޔާން އިއްވަމުން އާޒިމާ ވިދާޅުވީ ޓީވީއެމް އާއި އަޑުގެ އެއްވެސް މުދަލެއް ނުހުންނާނެ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ޝަރީއަތުގައި ބުނެފައިވާ ކަމަށެވެ. އެކަމަކު ޓީވީއެމް އާއި އަޑުގެ މުދާ އެމްއެންބީސީ އަށް ބަދަލުކޮށްފައިވާ ކަމަށް ވެސް ހަމަ ދައުލަތުން ބުނެފައިވާ ކަމަށް ވަކީލާ ވިދާޅުވި އެވެ.
މީގެ އިތުރުން އާޒިމާ ވިދާޅުވީ އެމްބީސީ އުފެއްދުމުގެ ކުރިން ޓީވީއެމް އާއި އަޑުގެ މުދާތައް ބަދަލު ކުރި ކަމަށް ދައުލަތުން ބުނާ ކަމަށެވެ. ނަމަވެސް ޖޫން 1، 2009ގައި ސަރުކާރާއި އެމްއެންބީސީއާ ދެމެދު ހަދާފައި ވަނީ މުދާ ބަދަލުކުރުމުގެ އުސޫލު ބަޔާންކޮށްފައިވާ އެގްރިމެންޓެއް ކަމަށެވެ. އަދި މުދާ ބަދަލުކޮށްފައިވާ ކަން ސާބިތުކޮށްދޭ އެއްވެސް ލިޔުމެއް ޝަރީއަތަށް ހުށަހަޅާފައިނުވާ ކަމަށް ވެސް ވަކީލާ ވިދާޅުވި އެވެ.
ހުލާސާ ބަޔާން އިއްވަމުން ބަންޑާރަ ނައިބުގެ އޮފީހުގެ ވަކީލާ ޝާފިޔަތު މޫސާ ވިދާޅުވީ އެމްއެންބީސީއަކީ ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ޑިސެމްބަރު 23، 2008 ގައި އުފައްދާފައިވާ ކުންފުންޏެއް ކަމަށެވެ. އަދި ގާނޫނު ހުއްދަ ކުރާ އުސޫލުތަކުގެ މަތިން މުދާ ހޯދުމާއި ލިބިގަތުގެ ހައްގަކީ އެ ކުންފުންޏަށް ވެސް ލިބިގެންވާ ހައްގެއް ކަމަށް ވަކީލާ ވިދާޅުވި އެވެ. އެހެންކަމުން އެމްބީސީ ވުޖޫދަށް އައުމުގެ އެއް އަހަރާއި ތިން މަސް ކުރިން އެމްއެންބީސީގެ މައްޗަށް ބަދަލުކޮށްފައިވާ މުދާތަކެއް ހޯދުމަށް އެމްބީސީން ދައުވާ ކުރުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށް ވެސް ވަކީލާ ވިދާޅުވި އެވެ.
ވަކީލާ ވިދާޅުވީ ކޮންމެ ގާނޫނަކީ ހާއްސަ ގާނޫނެއް ނޫން ކަމަށާއި އެހެން ގާނޫނެއްގެ މަގްސަދު ހާސިލްނުވާނެ ފަދަ ގިނަ މާއްދާތަކާ ފުށުއަރާ ގޮތަށް ގާނޫނު ނުހެދޭނެ ކަމަށެވެ. އަދި އެމްބީސީގެ ގާނޫނަކީ އެހެން ގާނޫނުތަކެއްގެ މަގްސަދު ހާސިލް ނުވާނެ ފަދަ ގޮތަކަށް އޮތް ތަންފީޒު ކުރުން މުސްތަހީއްލު ގާނޫނެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ބަންޑާރަ ނައިބުގެ އޮފީހުން އެދުނީ މި މައްސަލައިގައި ދައުލަތުން ނަގަން ޖެހޭނެ އެއްވެސް ޒިންމާއެއް ނެތް ކަމަށް ކަނޑައަޅައި ދައުލަތާ ދެކޮޅަށް ނެރެންޖެހޭނެ އަމުރެއް ވެސް ނެތް ކަމަށް ކޯޓުން ކަނޑައަޅައިދިނުމަށެވެ.
އެމްއެންބީސީ އާއި އެ ކުންފުނީގެ ބޯޑް ޑިރެކްޓަރުންގެ ފަރާތުން ގާނޫނީ ވަކީލު އިސްމާއިލް ވިޝާމް ވިދާޅުވީ މުދާ ބަދަލު ކުރުމަށް ކޮންމެހެން އެގްރިމެންޓެއް ހަދަން ނުޖެހޭ ކަމަށެވެ. އަދި ވިދާޅުވީ ޓީވީއެމް އާއި އަޑަކީ ސަރުކާރުގެ ދެ އޮފީހުގެ ގޮތުގައި ހިންގަމުން އައި ދެ ތަން ކަމަށާއި އެ ދެ ތަނުގެ ނަމުގައި އެއްވެސް އިރެއްގައި މުދަލެއް ނުހުންނާނެ ކަމަށެވެ.
މިއަދުގެ އަޑުއެހުން ނިންމާލައްވަމުން ސިވިލް ކޯޓު ހިންގުމާ ހަވާލު ހުންނެވި ގާޒީ އާއިޝާ ސުޖޫން މުހައްމަދު ވިދާޅުވީ މި މައްސަލައިގައި އަންނަ މެއި މަހުގެ 15 ގައި ހުކުމް ކުރައްވާނެ ކަމަށެވެ.