04 Jan 2016, 11:56
މަތިންދާ ބޯޓުތައް އުދުހިފައިދާ މަންޒަރަކީ އޭނާ ވަރަަށް ހިތްގައިމު މަންޒަރެކެވެ. ކުޑައިރުއްސުރެ އޭނާއަށް ފެންނަ އެ މަންޒަރު، އަބަދުވެސް ހިތުތެރޭގައި ކުރަހާފައިވެ އެވެ. އިތޯޕިއާގެ އުތުރުގައި އޮންނަ ޓިގްރޭ ސަރަހައްދަށް މަތިންދާ ބޯޓު ތިރިކުރާތަން ފެނި، އެ މަންޒަރަށް ފަރިތަވެފައިވާ ޒުވާނާ ދެކޭ ހުވަފެނެއްވެ އެވެ. އެއީ ޕައިލެޓަކަށްވުމަށް އޭނާ ކުރާ އުންމީދެވެ. އޭނާއަކީ އިތޯޕިއާއަށް އުފަން އަސްމެލާޝް ޒެފެރަ އެވެ.
ޕައިލެޓަކަށްވުމާ އޭނާ ކުރާ އުންމީދު ހަގީގަތަކަށް ހެދުމަށް މީގެ 14 އަހަރު ކުރިން އޭނާ މަސައްކަތް ފެށި އެވެ. ނަމަވެސް އޭރު "އިތޯޕިއަން އެއާލައިންސް ޕައިލެޓް" ސްކޫލަށް ވަނުމަށް ބޭނުންވާ އިސްކޮޅު ހަމަ ނުވެގެން އެކަމެއް އޭނާއަކަށް ކާމިޔާބެއް ނުވެ އެވެ.
އުމުރުން 35 އަހަރުގެ އަސްމެލާޝް ދެކެމުންދާ ހުވަފެން އަދިވެސް ހަގީގަތަކަށްނުވެ އެވެ. ނަމަވެސް އޭނާގެ އަޒުމަކަށް ބަދަލެއް ނާދެ އެވެ. އޭނާ މިހާރު މަސައްކަތް ފަށާފައި ވަނީ އަމިއްލަ ވައިގެ އުޅަނދެއް އުފައްދާފައެވެ.
އޭނާ އުފެއްދި ވައިގެ އުޅަނދުގެ ކޮކްޕިޓްގައި ދެ މީހުންނަށް ތިބެވޭއިރު، މަތިންދާ ބޯޓް ހަދާފައި ވަނީ ލަކުނޑިއާއި ދަނގަޑު އަދި އެލުމިނިއަމް ބޭނުންކޮށްގެންނެވެ.
އަސްމެލާޝް އުފެއްދި ވައިގެ އުޅަނދަށް ދީފައިވާ ނަމަކީ ކޭ- 570އޭ އެވެ. ކޭ ރަމްޒީ ކޮށްދެނީ އޭނާގެ މަންމަ، ކިރޯސް ވޮލްޑޭ މިޝައިލްގެ ފުރަތަމަ އަކުރެވެ. އަދި 570 އަކީ އެ އެއާކްރާފްޓް ހެދުމަށް ހޭދަވި ދުވަހުގެ އަދަދެވެ. އޭ އިން ރަމްޒު ކޮށްދެނީ އެއާކްރާފްޓެވެ.
އަސްމެލާޝް އަމިއްލަ އުފެއްދުމަކަށް ހެދި އެ ވައިގެ އުޅަނދުގެ ފުރަތަމަ ޓެސްޓް ދަތުރު ކޮށްފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުއެވެ. ނަމަވެސް އެ ދަތުރު ވަނީ ނާކާމިޔާބު ވެފައެވެ.
އޭނާގެ އަމާޒު މިހާރު ހުރީ ކުރިއަށް އޮތް ހަފްތާއެއްގެ ތެރޭގައި އޭނާގެ ފައިލް ޓެސްޓް ދަތުރު ކުރުމަށެވެ. އެ ދަތުރު އޭނާ ކުރަން ނިންމާފައި ވަނީ ގެޔާ ޖެހިގެން ވިނަ ހެދިފައި އޮންނަ ހުސް ބިމެއްގަ އެވެ. އަދި އުއްމީދަކީ ބިމުން މައްޗަށް 10 މީޓަރަށް އެ އުޅަނދު އުދުއްސުމެވެ.
އަސްމަލޭޝް ބުނާ ގޮތުން، އޭނާއަށް އެކަމުގައި އެންމެ ބޮޑު ހިތްވަރަކަށްވީ ޗައިނާގެ ޓެލެކޮމް ކުންފުނި، ޒެޑްޓީއީ އޭނާ ކުރާ މަސައްކަތަށް އެހީތެރިވުމަށް ސްޕޮންސާ ދިނުމުންނެވެ.
"ހުރިހާ ކަމެއް ވަނީ ހައްލުވެފައި. އުޅަނދުގެ އިންޖީނުގެ ފެންވަރު ވަނީ މަތިކޮށްފަ. މިހާރު ހުރިހާ ކަމެއް ވެސް އޮތީ ފައިނަލް ޓެސްޓް ދަތުރަށް ފައްކާވެފައި،" ޒެޑްޓީއީގެ ސްޕޮންސާޝިޕް ލިބުމުން އުފާވާކަމަށް ބުނެ އަސްމެލާޝް ބުނެފައިވެ އެވެ.
އޭނާގެ އުއްމީދަކީ، އޭނާ އުފެއްދި ވައިގެ އުޅަނދު ކޭ- 570އޭ ބްރޭންޑަކަށްވެ 2031 ވަނަ އަހަރު އެ ވައްތަރުގެ މަތިންދާ ބޯޓު އުފައްދަން ފެށުމެވެ.