ކެންސަރުގެ ބަލިތަކަށް ފަރުވާދިނުމަށް ހާއްސަ ޑޮކްޓަރެއް އޭޑީކޭ ހޮސްޕިޓަލުގައި ހިދުމަތްދޭން ފަށައިފި އެވެ.

މިދިއަ އަހަރުގެ މެދުތެރޭގައި އޭޑީކޭ އިން ވަނީ ކެންސަރަށް ހާއްސަ ކްލިނިކެއް ހުޅުވައި ކެންސަރަށް ސްކްރީން ކުރުމުގެ ހިދުމަތް ދޭން ފަށައިފަ އެވެ. އެކްލިނިކުގައި ފުލްޓައިމް ޑޮކްޓަރެއްގެ ގޮތުން މަސައްކަތް ކުރަން ފަށާފައި ވަނީ އިންޑިއާގެ ޑޮކްޓަރެކެވެ.

މިއަދު އޭޑީކޭގައި ކެންސަރަށް ހާއްސަ ފުލް ޓައިމް ޑޮކްޓަރެއް ހިދުމަތް ދޭން ފަށާފައިވާ އިރު އެއީ ކެންސަރު ކްލިނިކަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި އޭޑީކޭގެ މެނޭޖިންގް ޑިރެކްޓަރު އަހުމަދު އައްފާލް ފާހަގަކުރެއްވި އެވެ.

މީގެ ކުރިން އޭޑީކޭގެ ކެންސަރު ކްލިނިކުގައި ސްކްރީން ކުރުމާއި ޑޮކްޓަރި ބެލުން ކުރިއަށް ދަނީ ހަފްތާއަކު އެއްދުވަހު އެވެ. އައްފާލް ވިދާޅުވީ ފުލްޓައިން އޮންކޮލޮޖިސްޓެއް ލިބުމާ ގުޅިގެން ކެންސަރު ކްލިނިކުން "ހަފްތާއަކު ހަ ދުވަހު ހިދުމަތް ލިބޭނެ" ކަމަށެވެ.

"ފުލްޓައިން އޮން ކޮލޮޖިސްޓެއް ހިދުމަތްދޭން ފެށުމުން ހިދުމަތް ހޯއްދަވާ ފަރާތްތަކަށް އިތުރަށް ފަސޭހަވެގެން ދާނެ. މީގެ ކުރިން ބައެއް ޓެސްޓުތައް ހަދާފަ ޑޮކްޓަރަށް ދެއްކުމަށް ރާއްޖޭން ބޭރަށް ދާން ޖެހުނު ނަމަވެސް މިހާރު ޓެސްޓުތައް ޑޮކްޓަރަށް ދެއްކުމުގެ މަގު އޭޑީކޭއިން ފަހިވެގެން ދާނެ"އައްފާލް

އޭޑީކޭ ހޮސްޕިޓަލުގެ ލެބޯޓްރީއިންވެސް ކެންސަރު ސްކްރީނިންއަށް ބޭނުންވާ ގިނަ ޓެސްޓިތަކެއް މިހާރު ހެދޭ ކަމަށް އައްފާލް ވިދާޅުވި އެވެ. އަދި ލެބޯޓްރީން ނުހެދޭ ހެދުމަށް އިންޑިއާގެ ކެންސަރު ހޮސްޕިޓަލަކާ ގުޅިގެން ހޮސްޕިޓަލުން ސާމްޕަލް ފޮނުވައިގެން ހެދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށް އައްފާލް ވިދާޅުވި އެވެ.

އޭޑީކޭގެ އެމްޑީ އަހުމަދު އައްފާލް

ކެންސަރަށް ފަރުވާ ހޯދުމަށް ގިނަ އަދަދެއްގެ ދިވެހިން ދަނީ ރާއްޖޭން ބޭރުގައި ދިރިއުޅުން ހޭދަކުރަމުނެވެ. އަދި ކެންސަރަށް ފަރުވާ ހޯދުމަށް ފަހުވެސް ކޮންމެ ތިން މަހަކުން ނުވަތަ ހަމަހަކުން ހަދާ ޗެކްއަޕް ހެދުމަށް ދިވެހިން ބޮޑު ހަރަދުކޮށްފައި ރާއްޖޭން ބޭރަށް ދެ އެވެ.

އިތުރު ޗެކްއަޕް ހެދުމަށް ރާއްޖޭން ބޭރަށް ނުގޮސް ފޮލޯއަޕް ޗެކެއަޕް ރާއްޖޭން ހެދޭނެ ކަމަށް އައްފާލް ވިދާޅުވި އެވެ. އަދި މިހާރު އޭޑީކޭއިން ވަނީ ކެންސަރުގެ ފަރުވާތަކަށް ހާއްސަކޮށްގެން އިންޑިއާއަށް ނަރުހުން ފޮނުވައިގެން ތަމްރީން ކޮށްފަ އެވެ.

އައްފާލް ވިދާޅުވި ގޮތުން މާދުރުނޫން މުސްތަގްބަލެއްގައި ކެންސަރު ޕޭޝެންޓުންނަށް ކީމޯ އަދި ރޭޑިއޭޝަންގެ ހިދުމަތް ދިނުމުގެ މަގު ފަހިވެގެން ދާނެ އެވެ. އަދި އެކަމަށް ތައްޔާރުވުމުގެ މަސައްކަތް މިހާރު އޭޑީކޭއިން ކުރަމުން ދާކަމަށް އޭޑީކޭއިން ވަނީ ބުނެފަ އެވެ.