ހުޅުމާލޭ ހޮސްޕިޓަލުން ތެލެސީމިއާ ސްކްރީން ކުރެވޭނެ އިންތިޒާމް މިހަފްތާ ތެރޭގައި ތައާރަފްކުރައްވާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ހުޅުމާލޭ ހޮސްޕިޓަލްގެ ޑިރެކްޓަރު އަހުމަދު ޝާކިރު ވިދާޅުވީ، އެ ޚިދުމަތް ތައާރަފްކުރަން ނިންމާފައިވަނީ އަންނަ އަންގާރަ ދުވަހުން ފެށިގެން ކަމަށެވެ.

ހުޅުމާލޭ ހޮސްޕިޓަލުގައި ތެލެސީމިއާ ސްކްރީން ކުރެވޭނެ އިންތިޒާމް ފަށަން ނިންމަވާފައި މިވަނީ، އަތޮޅު ހޮސްޕިޓަލްތަކުގައި ތެލެސީިމިއާ އަށް ޓެސްޓްކުރެވޭނެ އިންތިޒާމް ހަމަޖެއްސެވުމަށް ސަރުކާރުން ފައްޓަވާފައިވާ މަސައްކަތުގެ ދަށުންނެވެ.

ޝާކިރު ވިދާޅުވީ، ހުޅުމާލެ ހޮސްޕިޓަލުން ތެލެސީމިއާ ސްކްރީނިން ހެދުމުގެ ޚިދުމަތް ކޮންމެ މީހަކަށް ވެސް ހިލޭ ލިބިގެންދާނެ ކަމަށެވެ. އަދި ލޭގެ ސާމްޕަލް ނަގާތާ ދުވަހުން ފެށިގެން ތިން ދުވަހުގެ ތެރޭގައި ނަތީޖާ ފޯރުކޮށްދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މާލޭގައި ތެލެސީމިއާ ސްކްރީން ކުރެވެނީ ހަމައެކަނި މޯލްޑިވްސް ތެލެސީމިޔާ ސެންޓަރާއި ސޮސައިޓީ ފޯ ހެލްތު އެޑިޔުކޭޝަން (ޝީ) އިންނެވެ. ތެލެސީމިއާ ސެންޓަރުން ހިލޭ ސްކްރީން ކުރެވޭއިރު، ޝީން ތެލެސީމިއާ ޓެސްޓް ކުރުމަށް އަގެއް ނަގައެވެ.

"ތެލެސީމިއާ ސްކްރީން ކުރުމަށްފަހު ކައުންސިލިންގެ ހިދުމަތް ބޭނުންފުޅުވާ ބޭފުޅުންނަށް ކައުންސިލިން ދިނުމުގެ ހިދުމަތްވެސް އަޅުނގަޑުމެން ފޯރުކޮށްދޭނަން،" ހުޅުމާލެ ހޮސްޕިޓަލުގެ ޑިރެކްޓަރު ޝާކިރު ވިދާޅުވި އެވެ.

މަހެއްގެ މައްޗަށް ގާތްގަނޑަކަށް 15000 މީހުން ހިދުމަތް ހޯދާ ހުޅުމާލެ ހޮސްޕިޓަލުން ތެލެސީމިއާ ސްކްރީނިންގެ ހިދުމަތްދޭން ނިންމާފައިވަނީ ކަނޑައެޅޭ ވަކި ދުވަސްތަކެއްގަ އެވެ.

ޝާކިރު ވިދާޅުވީ، ކުރިއަށް އޮތް ދެ މަހެއްހާ ދުވަސްތެރޭގައި ލޭ އަޅާ ކުދިންނަށް ލޭ އެޅުމުގެ ހިދުމަތް ވެސް ފެއްޓެވުމަށާއި މި މަސް ނިމުމުގެ ކުރިން އަލްޓްރާ ސައުންޑް ސްކޭނިންގެ ޙިދުމަތް އެ ހޮސްޕިޓަލުން ދިނުމަށްޓަކައި މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ.

މީގެ އިތުރުން، މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި އައިސީޔޫގެ ހިދުމަތާއި، އުފަންވާ ތުއްތު ކުދިންނަށް ހިދުމަތްދޭ، އެން އައިސީޔޫގެ ހިދުމަތް ދެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ހެލްތު މިނިސްޓަރު އިރުތިޝާމް އާދަމް ވަނީ ރަށްރަށުގައި ދިރިއުޅޭ މީހުންނަށް ތެލެސީމިއާ ޓެސްޓް ކުރުމުގެ ޚިދުމަތް ފަސޭހައިން ލިބޭނެ ގޮތް ހަމަޖެއްސުމަށް މިދިޔަ އަހަރާއި މިއަހަރު އެކި ހޮސްޕިޓަލްތަކުގައި އެ ޚިދުމަތް ދޭން ފަށާނެ ކަމަށް ވިދާޅުވެފައެވެ.