03 Jan 2016, 20:48
ޖިންސީ ގުޅުމުން ޖެހޭ ނުރައްކާތެރި ބައްޔެއް ކަމަށްވާ ގޮނޯރިއާއަކީ ފަރުވާކޮށްގެން ރަނގަޅު ނުކުރެވޭ ބައްޔަކަށް ބަދަލުވަމުން އަންނަ ކަމަށް އިނގިރޭސިވިލާތުގެ އެންމެ އިސް ޑޮކްޓަރު ބުނެފި އެވެ.
ބޭހަށް ނުގުޑުމުގެ ނުރައްކާ ބޮޑު ، ގްނޯރިއާ ބަލީގެ މައްސަލަތަކެއް އިނގިރޭސިވިލާތުގެ ލީޑްސްގައި ފެންމަތިވުމުން އެގައުމުގެ އެންމެހާ ޑޮކްޓަރުންނަށާއި ފާމަސިސްޓުންނަށް ފޮނުވި ސިޓީއެއްގައި އެގައުމުގެ އެންމެ އިސް ޑޮކްޓަރު (ޗީފް މެޑިކަލް އޮފިސަރު) ޑެމީ ސެލީ ޑޭވީސް ބުނެފައި ވަނީ "އެންޓިމައިކްރޯބިއަލް ރެސިސްޓެންސްގެ ސަބަބުން ގްނޯރިއާ އަކީ ފަރުވާ ނުކުރެވޭ ބައްޔަކަށް ވުމުގެ ނުރައްކާ ބޮޑުވެފައިވާ" ކަމަށެވެ. އޭނާ އިތުރަށް ބުނެފައި ވަނީ އާ އެންޓިބަޔޮޓިކްތަކުން ނުހުއްޓުވޭ ގޮތަށް ގްނޯރިއާގެ ޖަރާސީމު ވަރަށް އަވަހަށް ބަދަލުވަމުން އަންނަ ކަމަށެވެ. އެހެންވެ މިހާރު ބޭނުންކުރަމުން އަންނަ ބޭސްތަކުގެ ބަދަލުގައި އެ ބައްޔަށް ފަރުވާ ކުރުމަށް ބޭނުންކުރާނެ ބޭސްތައް ވަރަށް ވަރަށް މަދުވެފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.
ގްނޯރިއާ ބަލީގެ ބޭހަށް ނުގުޑާ ޒާތުގެ ޖަރާސީމު ގިނައިން ފެނިފައި ވަނީ އިނގިރޭސިވިލާތުގެ ލީޑްސްގައި އެއްޖިންސުން ގުޅުން ހިންގާ މީހުންގެ ފަރާތުން ކަމަށް ޑޭވީސްގެ ސިޓީއާ ބެހޭ ގޮތުން އެގައުމުގެ ޑެއިލީ މެއިލް އިން ޝާއިއުކުރި ހަބަރުގައި ބުނެފައިވެ އެވެ. ( ޑެއިލީ މެއިލް)