މި ދުވަސްކޮޅު އަނެއްކާ ވެސް ރާއްޖޭގެ އެކި ހިސާބުތަކުން ގިނަ އަދަދަކަށް މާވަހަރު ފެންނަން ފަށައިފި އެވެ. މިއަހަރުގެ ކުރީކޮޅު ވެސް، އަދި މިދިޔަ އަހަރު ވެސް ގިނަ އަދަދަކަށް މާވަހަރު ހޮވިފައިވެ އެވެ.

އެހެން ނަމަވެސް ކޮންމެ މީހަކު ވެސް ހޮވާ މާވަހަރަކީ ހަގީގަތުތުގައި މާވަހަރެއްތޯ ޔަޤީން ކުރުމުގެ މަރުހަލާއެއް ކަޑައްތު ކުރެ އެވެ. މާވަހަރު ވިއްކުމާ ދިމާ އަށް ދަނީ އެއަށް ފަހު އެވެ.

މާވަހަރަކީ ސްޕާމް ވޭލް ނުވަތަ "މާވަހަރު ބޮޑުމަސް" ކިޔާ ބޮޑު މަހުގެ ބާވަތެއްގެ ގޮހޮރުގެ ތެރޭގައި އުފެދޭ އެއްޗެކެވެ. މާވަހަރަކީ ގައިގައި ލާ ހުވަނދާއި އަތަރު ފަދަ، މީރު ވަސް ދުވާ ބާވަތްތައް ހެދުމަށް ބޭނުންކުރާ އެއްޗެކެވެ. އެހެންކަމުން މީގެ އަގު ވެސް ވަރަށް ބޮޑެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކަށް ބަލާ އިރު، މާވަހަރެއްގެ އެވަރޭޖް އަގު އުޅެނީ، އެއް ގްރާމު 26 އެމެރިކާ ޑޮލަރަށެވެ. އެހެން ނަމަވެސް މާވަހަރު ކަނޑުން ފެންނަނީ އެތައް ކިލޯގްރާމު ބަރުދަނުގައި ހުންނަ މިންވަރުންނެވެ.

އދ. ހަންޏާމީދޫ ކައުންސިލަރަކު ހޮވި މާވަހަރު ---- ފޮޓޯ: ކިޔުންތެރިއެއް

މާހަވަރުގެ ވަސް

މާވަހަރުގައި އެކި ފަހަރު ދުވާނީ އެކި ކަހަލަ ވަހެވެ. ބައެއް މީހުންނަށް އެއިން މީރު ވަހެއް ދުވި ނަމަވެސް، ބައެއް މީހުންނަށް މާވަހަރުން ދުވަނީ ނޯއް ދަމާލަން ވެސް ނުކެރޭ ވަރުގެ ވަހެކެވެ. މާވަހަރުން ނަޖިހުގެ ވަސް ވެސް ދުވައިފާނެ އެވެ. ބޮޑުމަހުގެ ބަނޑު ތެރެއިން ނުކުތްތާ މާ ގިނަ ދުވަސް ނުވާ މާވަހަރުން މިފަދަ "ބާރުގަދަ" ވަސް ދުވި ނަމަވެސް، ދުވަހެއް ދުވަހަކުން އެވަސްގަނޑު ދާނީ ކެނޑެމުންނެވެ. އަދި އެ ވަސް، މީރު ވަހަކަށް ބަދަލުވެ ދެ އެވެ. މާވަހަރުގެ ވަސް ދެނެގަނެގެން، އެ މާވަހަރެއްގެ ކޮލިޓީއާއި އުމުރު އެނގިދާނެ އެވެ.

މާވަހަރުގެ ސިފަ

އެކި މާވަހަރު ހުންނާނީ އެކި ބައްޓަމަށެވެ. ބޮޑެތި "އެތިގަނޑު ގަނޑަށް" ވެސް ހުރެދާނެ އެވެ. ވަށް ބައްޓަމަކަށް ހުރެދާނެ އެވެ. ކުކުޅު ބިސް ހުންނަ ބައްޓަމަށް ވެސް ހުރުމަކީ އެކަށީގެންވާ ކަމެކެވެ. މާވަހަރުގެ ބައިބައި އެކަތިގަނޑެއްގެ ގޮތުގައި ހިފަހައްޓައިދޭ، ވަށް ބައްޓަމެއް ހުންނަ އެއްޗެހިތަކެއް ވެސް މާވަހަރުގެ ތެރޭގައި ހުރެ އެވެ. އެތަކެތި ހުންނަނީ ޒާތަކަށް ހަރުކޮށެވެ. މާވަހަރު ހުންނަނީ ޗަކަ ކަހަލަ ގޮތަކަށެވެ. ހަރު ކަމެއް އިހްސާސް ކުރެވުނު ނަމަވެސް ފެންނަ ފެނުމަށް ހީވާނީ ތަފާތު ކުލައެއްގެ ޗަކަ ގަނޑެއް ހެންނެވެ.

ސްޕާމް ވޭލް. މާވަހަރު އުފެދެނީ މި ބާވަތުގެ ބޮޑުމަހުގެ ގޮހޮރު ތެރޭގައި --

މާވަހަރުގެ ކުލަ

މާވަހަރުގައި ހުންނަނީ މުށި ކުލައާއި ރީނދޫ ކަހަލަ ކުލައެއްގެ ޝޭޑްތަކެކެވެ. ބައެއް މާވަހަރުގައި ގަދަ މުށި ކުލައެއް ހުންނަ އިރު، އަލި މުށި ކުލައެއް ވެސް ހުރެ އެވެ. އަދި ގަދަ ރީނދުލާއި އާދައިގެ ރީނދޫ ވެސް ހުރެ އެވެ. ކަޅު ކުލައާއި އަޅި ކުލަ ވެސް ހުރެ އެވެ.

ހޫނު ވުމުން ވާ ގޮތް

މާވަހަރުގައި ހޫނުކަމެއް ޖެހިއްޖެ ނަމަ، އެއަށް ކުދިކުދި ބަދަލު އާދެ އެވެ. މިސާލަކަށް، އިރުގެ ހޫނުން މާވަހަރުގެ ބޭރު ފަށަލަ ވިރުން ނުވަތަ މަޑު ވުމަކީ ވެދާނެ ކަމެކެވެ. މަޑު ވެގެން، މާމުއިގައި ހުންނަ ފަދަ އޮލަ ކަމަކަށް ވެސް ބަދަލު ވެދާނެ އެވެ. މާވަހަރު ވިރުމުން އޭގެ ކުލަ ވެސް ބަދަލުވުމަކީ ވާ ކަމެކެވެ. އެގޮތުން، ކުލައަށް އަންނަ ބަދަލަކީ، ކުލަ ގަދަ ވުމެވެ.

މާވަހަރު ރައްކާ ކުރާނެ ގޮތް

މާވަހަރު ރައްކާ ކުރުމަށް އެންމެ އެދެވިގެން ވަނީ ކަފަ ފޮތިގަނޑެއްގެ ތެރޭގަ އެވެ. ޕްލާސްޓިކް ނުވަތަ އެހެން ބާވަތަކުން ވިޔަސް ހަދާފައި ހުންނަ ކޮންޓޭނަރެއްގައި ބަންދު ކޮށްގެން މާވަހަރު ރައްކާ ކުރުމަކީ އެދެވޭ ކަމެއް ނޫނެވެ.