03 Jan 2016, 16:02
ސްޕެނިޝް ލަލީގާއި ރޭ ބާސެލޯނާއާއި އެސްޕަނިއޯލް 0-0 ގެ ނަތީޖާ އަކުން އެއް ވަރުވެ ބާސާ ދެވަނަ އަށް ވެއްޓިއްޖެ އެވެ.
ބާސާ އިން މޮޅުނުވެވުމުން އެ ޓީމް 39 ޕޮއިންޓާ އެކު ތާވަލުގެ ދެވަނަ އަށް ވަނީ ވެއްޓިފަ އެވެ. އެތުލެޓިކޯ މެޑްރިޑް އެއް ވަނާގައި އޮތީ ރޭ ލެވަންޓޭއާ ދެކޮޅަށް ކުޅުނު މެޗު 0-1 ގެ ނަތީޖާ އަކުން މޮޅުވެގެން ނެވެ.
އެސްޕަނިއޯލްގެ އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗުގައި ބާސާ އަށް ވަނީ ގޯލް ޖަހާނެ ހުސް ފުރުސަތު ތަކެއް ލިބި ބޭކާރު ވެފަ އެވެ. އެ ގޮތުން އެ ޓީމުގެ މެސީއާއި ސުއަރޭޒް ފޮނުވާލި ދެ ހަމަލާއެއް ވަނީ ހުރަސް ދަނޑީގައި ޖެހި ކުޅުމުގެ ތެރެއަށް އައިސްފަ އެވެ.
އެ މެޗަށް ފަހު ވާހަކަ ދައްކަމުން ބާސާގެ ކޯޗް ލުއިސް އެންރިކޭ ބުނީ އެ ނަތީޖާ އަކީ ދެ ޓީމަށް ވެސް ހައްގު ނަތީޖާއެއް ކަމަށާއި ދެ ޓީމުގެ ފަރާތުން ވެސް ފެނިފައި ވަނީ ދާދި ހަމަ ހަމަ ކުޅުމެއް ކަމަށެވެ.
"ފުރަތަމަ ހާފްގައި އިދިކޮޅު ޓީމުން އަހަރެމެން ނަށް ވަރަށް ޕްރެޝާ ކުރި ނަމަވެސް ދެވަނަ ހާފްގައި ލިބުނު ފުރުސަތުތަށް ބޭނުން ނުކުރެވުމުން ނަތީޖާ އަށް ބަދަލެއް ނައިސް މި ނިމުނީ،" އެންރިކޭ ބުންޏެވެ.
ލީގްގައި މިރޭ ރެއާލް މެޑްރިޑް ކުޅޭ މެޗު ކާމިޔާބް ކޮށްގެން ބާސާ ފަހަތަށް ޖައްސާލައި ދެވަނަ އަށް އެރުމުގެ ފުރުސަތު އޮތް އިރު އެ ޓީމު މިރޭ ނިކުންނާނީ ރަށުން ބޭރުގައި ތާވަލުގެ 11 ވަނާގައި އޮތް ވެލްންސިއާ ދެކޮޅަށެވެ.