03 Jan 2016, 15:28
އެގާރަ އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމް ހިތުގެ އޮޕަރޭޝަނެއް ކުރުމަށް ސިންގަޕޫރަށް ދިއުމުގެ ހުއްދަ ކަރެކްޝަންސް އިން ދީފި އެވެ.
ކޮމިޝަނަރު އޮފް ޕްރިޒަންސް މުހައްމަދު ހުޝާމް މިއަދު ސަން އަށް ވިދާޅުވީ ނާޒިމުގެ ބޭސް ފަރުވާއަކަށް ސިންގަޕޫރަށް ދިއުމުގެ ހުއްދަ މެޑިކަލް ބޯޑުން އޭނާ އަށް ދީފައިވާ ކަމަށާއި އެ ހުއްދަ ދީފައި ވަނީ އާއިލާ އިން ކަނޑަައަޅާ ދުވަހަކުން ފެށިގެން 15 ދުވަހަށް ކަމަށެވެ. ނަމަވެސް އާއިލާއިން އެދިފައި ވަނީ 30 ދުވަހުގެ މުއްދަތަކަށް ކަމަށް ނާޒިމުގެ އާއިލާ އިން ސަން އަށް ބުންޏެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި ނާޒިމު ބޭސްފަރުވާއަކަށް ސިންގަޕޫރަށް ވަޑައިގަތުމަށް ބޭނުންފުޅު ވަނީ ހިތުގެ އޮޕަރޭޝަނަކަށެވެ.
ކަރެކްޝަންސް އިން މިއަދު ސަން އަށް ބުނީ 15 ދުވަހުގެ މުއްދަތެއް ދިނުމަށް ނިންމާފައި ވަނީ ކަރެކްޝަންސްގެ މެޑިކަލް ބޯޑުން ބެލުމަށްފަހުގައި ކަމަށެވެ.
ހުޝާމް ވިދާޅުވީ ނާޒިމް ސިންގަޕޫރަށް ވަޑައިގަންނަވާނީ ޕާސްޕޯޓްގައި ނޫން ކަމަށާއި ޓްރެވަލް ޑޮކިއުމެންޓެއްގައި ކަމަށެވެ. އަދި އެ ޓްރެވަލް ޑޮކިއުމެންޓްގައި ދަތުރު ކުރެވޭނީ ސިންގަޕޫރަށް އެކަނި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނާޒިމްގެ ލޮލުގެ އޮޕަރޭޝަނެއް ކުރުމަށް އިންޑިއާ އަށް ދިއުމުގެ ހުއްދަ އަށް އޭނާ ވަނީ ކުރިން އެދިފަ އެވެ. ނަމަވެސް ކަރެކްޝަނަލް ސާވިސް އިން އޭނާ އަށް ހުއްދަ ދިނީ ސިންގަޕޫރަށް ދިއުމަށެވެ. އެކަމަކު ނާޒިމްގެ އާއިލާ އިން ބޭނުންވީ އިންޑިއާ އަށް ނާޒިމް ގެންދިއުމަށް ކަމަށް ވުމުން، އެ ފަހަރު ނާޒިމް ރާއްޖެ އިން ބޭރަށް ވަޑައިގެންފައެއް ނުވެ އެވެ.
ނާޒިމް މައްޗަށް ހުކުމް އިއްވާފައި ވަނީ ދައުލަތުން އޭނާގެ މައްޗަށް އުފުލި ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ކުށުގެ ދައުވާ ޝަރީއަތަށް ސާބިތުވުމުންނެވެ.
ކާނަލް ނާޒިމް 11 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައި ވަނީ މިދިޔަ މާޗު މަހުގެ 27 ވަނަ ދުވަހު އެވެ.
މި މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތައް މިހާރު ހައި ކޯޓުގައި ކުރިއަށް އެބަދެ އެވެ.