ޓްރިވެންޑްރަމް، އިންޑިއާ (3 ޖަނަވަރީ) -ސާފް ސުޒުކީ ކަޕްގެ ޓީމް ރެކޯޑުގެ ހުރިހާ ރެކޯޑެއް އޮތީ އިންޑިއާ އަތުގައެވެ. އެޓީމުން ވަނީ މުބާރާތް ހަ ފަހަރު ކާމިޔާބުކޮށްފައެވެ. އަދި މުބާރާތް 11 ފަހަރު ބާއްވާފައިވާއިރު އިންޑިއާއިން ވަނީ އެެންމެ ފަހަރަކު ފިޔަވައި ހުރިހާ ފަހަރެއްގައި ފައިނަލު ކުޅުފައެވެ.

އިންޑިއާއިން ސާފް ޗެމްޕިއަންޝިޕް ހަ ފަހަރު ކާމިޔާބުކޮށްފައިވާއިރު، ދެން މުބާރާތް ކާމިޔާބު ކުރި އަނެއް ތިން ޓީމަށް އެއް ފަހަރަށްވުރެ ގިނަ ފަހަރު މުބާރާތް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

އެހެންވެ މިއަދުގެ ފައިނަލު މެޗް އަފުޣާނިސްތާން ކާމިޔާބުކޮށްފިނަމަ، އެއް ފަހަރަށްވުރެ އިތުރަށް މިމުބާރާތް ކާމިޔާބު ކުރި ދެ ވަނަ ޓީމަކަށް އަފްޣާނިސްތާން ވެގެންދާނެއެވެ.

އަފުޣާނިސްތާނަށް މިއަދުގެ ފައިނަލު މެޗް ކާމިޔާބު ކުރެވިއްޖެނަމަ ހާސިލުވާން އޮތް އަނެއް ރެކޯޑަކީ އަމިއްލަ ދަނޑުގައި ކުޅޭ ޓީމު ބަލިކޮށް މުބާރާތް ކާމިޔާބު ކުރި ފުރަތަމަ ޓީމުގެ ޝަރަފު ލިބުމެވެ. ސާފް ޗެމްޕިއަންޝީޕްގެ ތާރީޚްގައި އަމިއްލަ ގައުމުގައި ފައިނަލު ކުޅުނު ޓީމެއް މިހާތަނަށް ބަލިވެފައެއް ނުވެއެވެ.

ޑިސެމްބަރު 27، 2015؛ އިންޑިއާގެ ޓްރިވެންޑްރަމްގައި ކުރިއަށްދާ ސާފް ސުޒުކީ ކަޕްގައި އިންޑިއާ އާއި ނޭޕާލް ބައްދަލު ކުރި މެޗުގައި އިންޑިއާގެ ސަޕޯޓަރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިކަމާބެހޭގޮތުން އަފުޣާނިސްތާން ކޯޗް ޕީޓާ ސާގެޓް ބުނީ މިމުބާރާތުގައި އަފުޣާން ބަލި ކުރި ޓީމުތަކަކީ މީގެ ކުރިން އެޓީމު އަތުން ބަލިނުވާ ޓީމުތައް ކަމަށާއި އެހެންވެ އަމިއްލަ ގައުމުގައި ފައިނަލު މެޗް ކުޅޭ ޓީމު ބަލި ނުކުރެވެންވީ ސަބަބެއް ނެތް ކަމަށެވެ.

މިމުބާރާތުގައި އަފުޣާނިސްތާނަށް ވަނީ މިހާރުވެސް ރެކޯޑެއް ލިބިފައެވެ. އެއީ ޖެހިޖެހިގެން ތިން ފައިނަލު ކުޅޭ ދެ ވަނަ ޓީމަށް އަފުޣާނިސްތާން ވުމެވެ. މީގެ ކުރިން މިރެކޯޑްވެސް އޮތް ހަމަ އެކަނި ޓީމަކީ އިންޑިއާއެވެ.

އެންހެވެ މިއަދުގެ ފައިނަލަށް އަފުޣާނިސްތާން ނިކުންނަނީ އެގައުމުގެ ފުޓްބޯޅައިގެ ތާރީޚުގައި އާ ޞަފްހާއެއް ލިޔެ ދިނުމަށެވެ.

މިއަދުގެ ފައިނަލަށް އަފުޣާނިސްތާން ވަރަށް ބޮޑަށް ތައްޔާރުވެފައިވާއިރު އެގައުމުގެ ބޮޑެތި ސަރަހައްދުތަކުގައި ޕްރޮޖެކްޓަރު މެދުވެރިކޮށް މެޗް ބެލުމުގެ އިންތިޒާމުތައް ވަނީ ހަމަޖައްސާފައެވެ.

އަފުޣާނިސްތާންގެ ކެޕްޓަން ފައިސަލް ޝައިސްތޭ ބުނީ، މިއަދުގެ ފައިނަލަށް އަފުޣާނިސްތާން ނިކުންނަނީ 30 މިލިއަންނަށްވުރެ ބޮޑު އާބަދީއެއް ހިމެނޭ އެގައުމުގެ އެންމެހާ ރައްޔިތުން އުފާކޮށްދިނުމަށް ކަމަށެވެ.

އަދި އެކަމަށް އަފުޣާނިސްތާން އަތުގައި އޮތް ބާރަކީ ޓީމުގެ ކުޅުންތެރިންގެ ހުނަރާއި ބުންވަރުކަމަށް ފައިސަލް ބުންޏެވެ.

އަފުޣާނިސްތާނާ އިންޑިއާ މިއަދުު ބައްދަލު ކުރާ ފައިނަލު މެޗް ފެށޭނީ ރާއްޖޭ ގަޑިން މިއަދު ހަވީރު 6:00 ގައެވެ.