ފޮރިން މިނިސްޓަރު ދުންޔާ މައުމޫނާއި އެކަމަނާގެ ކޮއްކޯފުޅު އަދި ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނުގެ ޕާސްޕޯޓް ސްރީލަންކާ ސަރުކާރުން ހިފެހެއްޓި ކަމަށް މިއަދު މީޑިއާގައި ފެތުރުނު ވާހަކަ ފޮރިން މިނިސްޓްރީން ދޮގުކޮށްފި އެވެ.

ފޮރިން މިނިސްޓްރީގެ ރަސްމީ ޓުވިޓާ އެކައުންޓުން ކުރި ޓުވީޓެއްގައި ބުނެފައި ވަނީ "މިނިސްޓަރު ދުންޔާއާއި މެމްބަރު ފާރިސްގެ ނަންފުޅު ބްލެކްލިސްޓް ނުކުރާ ކަމަށާއި ޕާސްޕޯޓް ވެސް ނުހިފަހައްޓާ" ކަމަށެވެ.

ބައެއް މީޑިއާތަކުން މިއަދު އާއްމުކުރި ހަބަރެއްގައި ބުނެފައި ވަނީ މިދިޔަ ޑިސެމްމަބަރު މަހު ދުންޔާއާއި ފާރިސް ކުރެއްވި އަމިއްލަ ދަތުރުފުޅެއްގައި އަވަށްޓެރި ސްރީލަންކާއަށް ވަޑައިގެންނެވި އިރު އެބޭފުޅުންގެ ނަންފުޅު އެގައުމުގެ އިމިގްރޭޝަނުން ބްލެކްލިސްޓްކޮށް، ޕާސްޕޯޓް ހިފަހައްޓާފައިވާ ކަމަށެވެ. އަދި އެކަން އެހެން ހިނގީ އޮޅުމަކުން ކަން، އެނގިފައިވާ ކަމަށް ވެސް މީޑިއާތަކުން ބުނެފައިވެ އެވެ. އެ ދެބޭފުޅުންގެ ޕާސްޕޯޓް އޮޅުމަކުން ހިފެހެއްޓިފައި ވުމުން އެ ދަތުރުފުޅުގައި ލަންކާ އެއާޕޯޓްގައި ދެގަޑިއެއް ހާއިރު މަޑު ކުރައްވަން ޖެހިވަޑައިގެންނެވި ކަމަށް ވެސް ރިޕޯޓްތަކުގައި ބުނެފައިވެ އެވެ.