03 Jan 2016, 15:03
ނިއުދިއްލީ (ޖަނަވަރީ 3) : ޕަންޖާބުގައިވާ އިންޑިއާގެ ވައިގެ އަސްކަރީ މަރުކަޒަރަކަށް ދިން ޓެރަރިސްޓް ހަމަލާތަކާ ގުޅިގެން އިންޑިޔާގެ ރޭލްވޭތަކާއި އެއަޕޯޓްތަކާއި ބަސްސްޓޭޝަންތަކާ ފަތުރވެރިކަމުގެ ސަރަހައްދުތަކާ އަދި ދައުލަތުގެ މުހިއްމު އިމާރާތްތަކުގައި ސަލާމަތީ ފިޔަވަޅުތައް އާދަޔާ ޚިލާފަށް ވަރުގަދަކޮށްފި އެވެ.
އިންޑިއާގެ މައި ސަރުކާރުން ބުނީ ސްޓޭޓްތަކުގައިވާ ރޭލްވޭތަކާއި އެއަރޕޯޓްތަކާ އަދި ބަސްސްޓޭޝަންތަކާ ފަތުރުވެރިކަމުގެ ސަރަހައްދުތަކުގައާ އަދި ދައުލަތުގެ މުހިއްމު އިމާރާތްތަކުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް މައިސަރުކާރުން ސްޓޭޓްތަކުގެ ލޯކަލް ސަރުކާރުތަކަށް އަންގާފައިވާނެ ކަމުގަ އެވެ. އިންޑިއާ ސިފައިންގެ ތަރްޖަމާނެއްކަމަށްވާ ރޮޝެލް ޑިސިލްވާ ވިދާޅުވީ ސިފައިންގެ ހުރިހާ މުއައްސަސާތަކެއްގައި މިހާރު ސަލާމަތީ ފިޔަވަޅުތައް އާދަޔާ ޚިލާފަށް ވަރުގަދަކޮށްފައިވާ ކަމުގަ އެވެ.
ދިއްލީގައި ދަތުރުކުރާ ޒަމާނީ އަދި އަވަސް ރޭލެއްގައި ބޮމެއް އޮތްކަމުގެ ޚަބަރު ލިބިގެން އެރޭލް ހުއްޓުވުމަށް ފަހު ޕޮލިސް ކުއްތާބޭނުންކޮށްގެން ވަނީ ބަލައިފާސްކޮށްފަ އެވެ. އިންޑިއާގައި ޓެރަރިޒަމްގެ ބިރުވެރިކަން އުފެދިފައި މިވަނީ ޕަންޖާބުގައިވާ އިންޑިއާގެ ވައިގެ ސިފައިންގެ މަރުކަޒަކަށް ހަތިޔާރުއެޅި ބަޔަކު ވަދެ އިއްޔެ ހެނދުނު ދިން ބަޑީގެ ޙަމަލާތަކެއްގައި އިންޑިއާ ސިފައިންގެ ހަ މީހުން މަރުވެ އެތައް ބަޔަކު ޒަޚަމްވުމާ ގުޅިގެންނެވެ.
މިޙަމަލާތަކުގައި ސިފައިންވަނީ ހަތިޔާރުއެޅި މީހުންގެ ތެރެއިން ހަ މީހުން ވެސް މަރާލާފަ އެވެ. ނަމަވެސް ބައެއް ހަނގުރާމަވެރިން ހަތިޔާރާ އެކު އެ އަސްކަރީ މަރުކަޒުން ބޭރަށް ނުކުމެ ފިލާފައިވާކަމަށް ޚަބަރުތައް ބުނެ އެވެ. މިއާއެކު އެމީހުން ހިންގަފާނެ ހަމަލާތަކެއްގެ ބިރުވެރިކަން އިންޑިޔާގައިވަނީ ފެތުރިފަ އެވެ. އިންޑިއާގެ ޕަންޖާބަކީ ޕާކިސްތާނާ އިންވެގެންވާ ސްޓޭޓެކެވެ. އެސްޓޭޓްގެ އަސްކަރީ މަރުކަޒަށް ހަމަލާދިން ހަތިޔާރުއެޅި މީހުންނަކީ އިންޑިއާގެ އަތްދަށުން ޖަންމޫ ކަޝްމީރު މިނިވަންކުރުމަށް މަސައްކަތްކުރާ ޖަމާއަތްތަކުގެ ތެރޭގައި ހިމެނޭ މުހައްމަދު އާމީ ޖަމާއަތަށް ނިސްބަތްވާ ބައެއްކަމަށް އިންޑިއާގެ މައިސަރުކާރުން ތުހުމަތު ކުރެ އެވެ. ޕާކިސްތާނުން ވެސްވަނީ އިންޑިޔާގެ އަސްކަރީ މަރުކަޒަށްދިން ޙަމަލާތައް ކުށްވެރިކޮށް އެއީ ޓެރަރިޒަމްގެ އަމަލެއްކަމަށް ސިފަކޮށްފަ އެވެ. (އަލްޖަޒީރާ)