13 Apr 2011, 16:03
ޤާހިރާ: ރައްޔިތުންގެ އުތުރިއެރުމަކާގުޅިގެން މަޤާމުން ދުރުކުރެވުނު މިސްރުގެ ރައީސް މުޙައްމަދު ޙުސްނީ މުބާރަކާއި އޭނާގެ ދެދަރިން ކަމަށްވާ ޢަލާ އާއި ޖަމާލް 15 ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް މިސްރުގެ ޕްރޮސެކިއުޓަރު ޖެނެރަލް ނިންމަވައިފި އެވެ.
މިސްރުގެ ޓީވީ ބުނިގޮތުގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އަމުރު ތަންފީޒު ކުރުމުގެ ގޮތުން މުބާރަކާއި އޭނާގެ ދެ ދަރިން ޝަރްމުއްޝައިޚްގައި ހުންނަ މަޒްރަޢާ ޖަލަށް ގެންދިޔުމުގެ ކަންތައްތައް މިސްރުގެ ފުލުހުންގެ އިދާރާއިން މިހާރުވަނީ ފަށާފައެވެ. މިއީ މިސްރުގައި ޖުމްހޫރީ ވެރިކަމެއް ޤާއިމް ކުރުމަށްފަހު އެޤައުމުގެ ރައީސްކަން ކުރެއްވި ވެރިއަކު ޖަލަށް ލެވޭ ފުރަތަމަ ފަހަރެވެ.
މުބާރަކާ ދެކޮޅަށް ކުރެވިފައިވާ ތުހުމަތުތަކުގެ ތެރޭގައި އޭނާގެ ވެރިކަމުގެ ނިޒާމާ ދެކޮޅަށް ސުލްޙަވެރިކަމާއެކު މުޒާހަރާކުރި މިސްރު ރައްޔިތުންގެ ގަޔަށް ބަޑިޖެހުމަށް އަމުރުކުރެއްވި މައްސަލައާއި ކޮރަޕްޝަނުގެ މައްސަލަތައް ހިމެނެއެވެ.
މީގެތެރެއިން ކޮރަޕްޝަނުގެ މައްސަލައިގެ ތުހުމަތުތަކުގައި އޭނާގެ ދެދަރިންވެސް ޝާމިލްވެއެވެ. މުބާރަކާއި އޭނާގެ ދެދަރިން ޖަލަށް ލުމަށް މިސްރުގެ ޕްރޮސެކިއުޓަރ ޖެނެރަލް ނިންމެވީ މިމައްސަލަތަކުގެ ތަޙްޤީޤްތައް ކުރިޔަށް ގެންދިޔުމައްޓަކައެވެ. ކުށް ސާބިތުވެގެނެއްނޫނެވެ.
މިމައްސަލަތައް ތަޙްޤީޤް ކުރުމަށްޓަކައި މުބާރަކާ އިއްޔެ ސުވާލުކުރުމުން އޭނާއަށް ކުއްލި އާލާސްކަންފުޅެއް ދިމާވެ ކުއްލި ޙާލަތުގައި އޭނާ ހޮސްޕިޓަލުގައި އެނދުމަތިވެސް ކުރެވިފައިވެއެވެ.
މިސްރުގެ މީޑީޔާ ބުނާގޮތުން ތަޙްޤީޤްތަކުގައި މުބާރަކާ ސުވާލު ކުރެވެމުން ދަނިކޮށް އޭނާއަށް ހާޓް އެޓޭކެއް ޖެހުމުން ކުއްލި ޙާލަތުގައި ހޮސްޕިޓަލަށް ގެންދެވުނީއެވެ.
ނަމަވެސް މިސްރުގެ މަޝްހޫރު ނޫހެއްކަމަށްވާ އަލްއަހްރާމް ބުނިގޮތުގައި ބަލިކަމަށް ހެދިވަޑައިގެން މުބާރަކް ހެއްދެވީ މަކަރެކެވެ. މިކަމުގެ ބޭނުމަކީ އޭނާގެ މައްޗަށް ކުރެވެމުންދާ ތަޙްޤީޤްތަކުން ސަލާމަތް ވާނެ ގޮތެއް ހޯއްދެވުމެވެ.
އެންމެ ފަހުން ޚަބަރު ލިބުނު ގޮތުގައި މުބާރަކާއި އޭނާގެ ދެ ދަރިން އަލްމަޒްރަޢާ ޖަލަށް ދާދިދެންމެއަކު ވަނީ ގެންދެވިފައެވެ. (މިސްރުގެ މީޑިޔާ+އަލްޖަޒީރާ)