އެސްޓީއޯއިން 2014 ވަނަ އަހަރު ތައާރަފު ކުރި އެކުންފުނީގެ އަމިއްލަ ބްރޭންޑް ކަމުގައިވާ "ނޫފަހި" ބްރޭންޑްގެ މުދާ އިތުރަށް ނުގެނައުމަށް އެކުންފުނިން ނިންމައިފި އެވެ.

އެސްޓޯއީގައި ކުރިޔަށް ދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ އަހްމަދު ޝަހީރު ވިދާޅުވީ، ނޫފަހި ބްރޭންޑްގެ ތަކެތި އިތުރަށް ގެނައުން ހުއްޓާލުމަށް ނިންމީ، އެތަކެތީގެ ކޮލިޓީގައި މައްސަލަތަކެއް އުޅޭތީ ކަމަށެވެ. އަދި އެތަކެއްޗާ ބެހޭ ގޮތުން ކަސްޓަމަރުންގެ ފީޑްބެކް ވެސް އެހާ ރަނގަޅު ނޫން ކަމަށް ޝަހީރު ވިދާޅުވި އެވެ.

"މިހާރު ސްޓޮކުގައި ހުރި ތަކެތި އުޅެދާނެ. އެކަމަކު ދެން އިތުރަކަށް ނުގެންނާނަން،" ޝަހީރު ވިދާޅުވި އެވެ.

އެސްޓީއޯގެ ނޫފަހި ބްރޭންޑުގެ ޕެކެޓުގައި ރާއްޖެ އެތެރެ ކޮށްފައި ވަނީ ހިކި ކިރާއި ކާށި ކިރު ޕެކެޓާއި ކުކިންގް އޮއިލް، ދޮންނަ ކުނޑި އަދި ގެރި ކިރު ފަދަ ބާވަތްތަކެވެ. މިތަކެއްޗަކީ ސިންގަޕޫރާއި މެލޭޝިޔާގައި ބަންދު ކުރުމަށް ފަހު ރާއްޖެ އެތެރެ ކުރާ ބާވަތްތަކެކެވެ.