ށ.ޅައިމަގު ކައުންސިލް އިދާރާ ފަޅާލައި، ބައެއް ސާމާނު ވަގަށް ނަގައިފި އެވެ.

ޅައިމގު ކައުންސިލްގެ ރައީސް، އަބްދުލްޣަނީ އިބްރާހިމް ސަން އަށް ވިދާޅުވި ވައްކަން ކޮށްފައި ވަނީ ރޭ މެންދަމުގެ ވަގުތެއްގައި ކަމަށް ބެލެވޭ ކަމަށާއި މައްސަލަ މިހާރު ފުލުހުންނަށް ހުށަހަޅާފައި ވާކަމަށެވެ.

އޭނާ ވިދާޅުވީ ވައްކަން ކޮށްފައި ވަނީ ސީދާ ވަކި އެއްޗެއް ކަން ދަންނަވަން ނޭނގުނު ނަމަވެސް، އޮފީހުގައި ހުރި ބައެއް ތަކެތި ހަލާކު ކޮށްފައި ވާކަމަށް ފާހަގަ ކުރެވޭ ކަމަށެވެ.

ކައުންސިލުން ވައްކަން ކޮށްފައި ވަނީ ކުޑަ ދޮރެއް ހަލާކު ކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޅައިމަގު ކައުންސިލް އިދާރާއިން ވައްކަން ކުރި ކަމުގެ މައްސަލައެއް މިއަދު ހެނދުނު ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ.

"އެއް ލެޕްޓޮޕާ، ކެމެރާ އަކާ ހަތަރު ހާޑް ޑިސްކެއް ގެއްލިފައި ވާކަމަށް،" އޮފިޝަލް ވިދާޅުވި އެވެ.

ފުލުހުން މިހާރު އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.