03 Jan 2016, 11:01
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީގެ ޕާމަނަންޓް ސެކްރެޓަރީއަކު ހަމަޖެއްސުމަށް ޓަކައި، އެ މަގާމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ފިނޭންސް މިނިސްޓްރީގެ ޕާމަނަންޓް ސެކްޓަރީގެ މަގާމް ހުސްވީ ފިނޭންސް މިނިސްޓްރީގެ ގިނަ އަދަދެއްގެ މުވައްޒަފުން ވަކިކޮށް، މުހިންމު ބައެއް ސެކްޝަންތައް އުވާލުމަށް ރައީސް އޮފީހުން އެންގުމާ ގުޅިގެން، އެމިނިސްޓްރީގެ ޕާމަނަންޓްސެކްޓަރީ އިސްމާއިލް އަލިމަނިކު އެމަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
އެމަގާމުގެ މުސާރައިގެ ގޮތުގައި މަހަކު 20500 ރުފިޔާ ދޭއިރު ލިވިން އެލަވަންސްއަށް 15000 ރުފިޔާ ދިނުމަށް ވަނީ ނިންމައިފަ އެވެ.
އެމަގާމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 17 ވަނަ ދުވަހުގެ 14:00 ގެ ކުރިން ސިވިލް ސާވިސް ކޮމިޝަނަށް އެޕްލިކޭޝަން ހުށައެޅުމަށް އެކޮމިޝަނުން ވަނީ އަންގައިފަ އެވެ.