03 Jan 2016, 10:57
އިނގިރޭސި ޕްރިމިއާ ލީގްގައި ރޭ އަސެނަލް 0-1ގެ ނަތީޖާ އަކުން ނިއުކާސަލް ބަލިކޮށް އެއް ވަނަ އަށް އެރި ނަމަވެސް އާސެނަލްގެ ފަރާތުން ފެނިގެންދިޔައީ ވަރަށް ދަށް ކުޅުމެއް ކަމަށް އެ ޓީމުގެ ކޯޗް އާސެން ވެންގާ ބުނެފި އެވެ.
ރޭގެ މޮޅާ އެކު އާސެނަލް އެއް ވަނާގައި އޮތީ 42 ޕޮއިންޓާއި އެކީގަ އެވެ. ލެސްޓާ ސިޓީ ރޭ އޭއެފްސީ ބޯންމައުތާ ކުޅުނު މެޗު 0-0ގެ ނަތީޖާއަކުން އެއްވަރު ވުމުން އެ ޓީމް އޮތީ ދެވަނާގައި 40 ޕޮއިންޓާ އެކީގަ އެވެ. ތިން ވަނާގައި މެންޗަސްޓާ ސިޓީ އޮތީ ރޭ ވެޓްފޯޑްއާ ކުޅުނު މެޗު 1-2ގެ ނަތީޖާ އަކުން ކާމިޔާބް ކޮށް 39 ޕޮއިންޓް ލިބިގެންނެވެ.
މެޗަށް ފަހު ވާހަކަ ދަށް ކަމުން ވެންގާ ބުނީ އެ މެޗުގައި އާސެނަލްގެ ކުޅުންތެރިންގެ ފަރާތުން ފެނިގެން ގޮސްފައި ވަނީ އެ މީހުންގެ އެންމެ ރަނގަޅު ކުޅުން ނޫން ކަމަށާއި ކުރިއަށް އޮތް މެޗުތައް ކާމިޔާބު ކުރުމަށް އެ އަށް ވުރެން ރަނގަޅު ކުޅުމެއް ދައްކަން ޖެހޭ ކަމަށެވެ.
"ބައެއް މެޗުތަކުގައި ކުޅުންތެރިންގެ ފަރާތުން ދަށް ކުޅުމެއް ފެނިގެން ދިޔަ ނަމަވެސް މި ޓީމުގައި ތިބީ ހުނަރުވެރި މޮޅު ކުޅުންތެރިން ތަކެއް. ބައެއް ކުޅުންތެރިން ފޯމް ގެއްލުނަސް ޓީމެއްގެ ގޮތުގައި ރަނގަޅު ކުޅުމެއް ފެނިގެންދޭ،" ވެންގާ ބުންޏެވެ.
އޭނާ ބުނީ އެންމެ ފަހުން ކުޅުނު ދެ މެޗުގައި އާސެނަލްގެ ކުޅުން ދަށް ކޮށްފެނިގެން ގޮސްފައި ވަނީ ކައިރި ކައިރީ ގިނަ މެޗުތަކެއް ކުޅެ ކުޅުންތެރިން ވަރުބަލި ވެފައިވާތީ ކަމަށާއި ކުރި އަށް އޮތް ޓްރާންސްފާގައި އާސެނަލް އެއްވެސް ކުޅުންތެރި އެއް ގެނައުމުގެ ވިސްނިމެއް އަދި ނެތް ކަމަށެވެ.
އާސެނަލްގެ އެމެރޭޓްސް ސްޓޭޑިއަމްގައި ރޭ ނިއުކާސަލް ޔުނައިޓެޑާއި ދެކޮޅަށް ކުޅުނު މެޗުގައި އާސެނަލްއަށް ވަނީ ރަނގަޅު ކުޅުމެއް ދެއްކޭގޮތް ނުވެފަ އެވެ. ނިއުކާސަލް އިން އާސެނަލްގެ ގޯލަށް ނުރައްކާ ކުރި ނަމަވެސް އެ ޓީމަށް ގޯލެއް ކާމިޔާބު ނުކުރުވުމުގެ ފައިދާ ނަގައި އާސެނަލް އިން ވަނީ މެޗުގެ 72 ވަނަ މިނެޓްގައި ގޯލެއް ކާމިޔާބްކޮށް ލީޑް ނަގާފަ އެވެ.
އެ މެޗުގައި ފެނިގެން ދިޔަ ހަމައެކަނި ގޯލް އެ ޓީމަށް ކާމިޔާބް ކޮށްދިނީ އޮލިވާ ޖިރޯ ތަނަވަސް ކޮށްދިން ފުރުސަތަކުން ލައުރެންޓް ކޮޝެއެލްނީ އެވެ.