ބ. ކަމަދޫ ނެރު މައްޗަށް ދޯންޏެއް އުރި އަޑިއަށް ހިނގައްޖެ އެވެ.

ރޭ ފަތިހު 5:30 އެހާކަންހާއިރު ކަމަދޫ ނެރުމައްޗަށް އަރާފައި ވަނީ އެ ރަށާއި އެ އަތޮޅު ލަނޑާގިރާވަރާ ދެމެދު ދަތުރު ކުރާ ފެރީ އެއް ކަމަށް ކަމަދޫ ކައުންސިލުން ވަނީ ބުނެފަ އެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްްލުމެއް ނުވެ އެވެ.

ފޫ ގޮސްގެން އަޑިއަށް ގޮސްފައި ވަނީ 38 ފޫޓުގެ ދޯންޏެކެވެ.

ސަން އާ ވާހަކަ ދައްކަމުން ފެރީގެ ކެޕްޓަން، ބުނީ ދޯނި އަޑިއަށް ގޮސްފައި ވަނީ، އިންޖީނު ހުއްޓިގެން ގޮސް ނެރުފައި ކަށީގައި ޖެހި ދޯނި ފޫ ދިއުމުން ކަމަށެވެ.

"ފަތިހު ރިސޯޓަށް ގޮސް އައިސް 5:15 ހާއިރު ކަމަދު އަށް ވަންނަން ވެގެން އައިސް އިންޖީނު މަޑުކޮށްލީ. އިންޖީނު މަޑުކޮށްލި ތަނާ އިންޖީނު ނިވުނީ. ދެން ސްޓާޓް ނުވެގެން އުތުރު ފައި ކަށްޓަށް ދޯނި އަރައިގެން ދޯނި ފޫގޮސްގެން އަޑިއަށް ދިޔައީ އެތަނަށް،" އޭނާ ބުންޏެވެ.

ކެޕްޓަން ބުނީ، ފެރީ ނެރުމައްޗަށް އެރި އިރު، ފެރީގައި ތިބީ އޭނާގެ އިތުރުން އެހެން ފަޅުވެރިއެއް ކަމަށާއި، އެއްވެސް މީހަކަށް ގެއްލުމެއް ވެފައި ނުވާ ކަމަށެވެ.

ޒަރީރު ވިދާޅުވީ މިހާރު ރަށުގެ ރައްޔިތުންގެ އެހީތެރި ކަމާ އެކު ދޯނި ފުންކޮށްގެން ރަށުގެ ފަޅު ތެރެއަށް ވައްދާފައިވާ ކަމަށެވެ.

"ނެރުފައި ކަށިން ފުން ކޮށްގެން ދޯނި މިހާރު ވަނީ ފަޅު ތެރެއަށް ވައްދާފައި. އެކަމަކު ދޯނި އޮތީ އަދި އަޑީގައި،" ޒަރީރު ވިދާޅުވި އެވެ.

ޒަރީރު ވިދާޅުވީ މިހާރު އެ ހާދިސާ އޭދަފުށީ ޕޮލިސް ސްޓޭޝަނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

ދޯނި ފޫ ގޮސްފައިވާ އިރު، ލިބިފައިވާ ގެއްލުމުގެ ތަފްސީލް އެނގޭނީ ދޯނި ފެނުން މައްޗަށް ނެގުމުން ކަމަށް ކައްޕި ބުންޏެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު އަދުނާން މުހައްމަދު ސަން އަށް ވިދާޅުވީ އެފަދަ ރިޕޯޓެއް ހުށަހަޅާފައި ނުވާ ކަމަށާއި ނަމަވެސް އެކަން އިތުރަށް ބަލަމުން އަންނަ ކަމަށެވެ.