ނިންޖާ ގުޅިފައިވާ ބައްޔެއް ހުރިތޯ ބެލުމަށް ހަދަން ޖެހޭ ޓެސްޓްތައް ހަދާ "ސްލީޕް ސްޓަޑީ ލެބެއް" އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގައި ގާއިމްކޮށްފި އެވެ.

މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި އެ ލެބުން އޮބްސްޓްރަކްޓިވް ސްލީޕް އެޕްނިއާ (ނިދީގައި ނޭވާ ހޮޅި ބަންދުވެ، ބޮޑެތި މައްސަލަތަކެއް ކުރިމަތިވާ ބައްޔެއް) ހުރިތޯ ބެލުމަށް ޓެސްޓް ކުރެވޭނެ ކަމަށް އެހޮސްޕިޓަލުން ބުންޏެވެ. އަދި އޭގެ އިތުރުން އެ ހޮސްޕިޓަލުގެ ސިކުނޑީގެ ބަލިތަކާ ބެހޭ ޑިޕާޓްމަންޓާއި ނަފްސާނީ ބަލިތަކާ ބެހޭ ޑިޕާޓްމަންޓަށް ވެސް އެ ލެބްގެ ބޭނުން ހިފޭނެ އެވެ.

"... ހަމަ އެކަނި މިއީ ސްލީޕް އެޕްނިއާއަކަށް ނޫން. މި ލެބް ޔޫޒް ކުރައްވާނެ އަޅުގަނޑުމެންގެ ނިއުރޮލޮޖީ ކޮލީގްސް ،އީއެންޓީ، ސައިކޭޓްރީ، މީގެ ތެރޭގައި ހުންނާނެ ނޮކްޓިއަރނަލް ސައިޒުއާ، އެއީ ރޭގަނޑުގައި ފިޓްޖެހުން، އެ ޑައިގްނޯސް ކުރެވޭނެ އަޅުގަނޑުމެންނަށް،" ލެބާ ބެހޭ މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗްގެ ރެސްޕިރޭޓަރީ މެޑިސިން ޑޮކްޓަރު މޫސާ ޙުސައިން ވިދާޅުވި އެވެ.

ބަލިމީހާ ނިންދަވައިގެން ހަދަން ޖެހޭ ޓެސްޓްތައް ހެދުމަށް ތައްޔާރުކޮށްފައިވާ ލެބަކަށް ވާތީ ސްލީޕް ސްޓަޑީ ލެބް ތައްޔާރުކޮށްފައި ވަނީ ނިދާލަން ފަސޭހަ ތަނެއްގެ ގޮތުގަ އެވެ. މެޝިނަރީތަކާ އެކު އެތަން ތައްޔާރުކުރުމަށް ހަރަދުވީ 450،000 ރުފިޔާ ކަމަށް ހޮސްޕިޓަލުން ބުންޏެވެ. އެލެބްގައި ޓެސްޓް ކުރެވޭނީ ދުވާލަކު އެކަކެވެ.

ސްލީޕް ސްޓަޑީ ލެބް ގާއިމް ކުރި އިރު އެތަނުގައި ޓެސްޓް ކުރަން ޖެހޭ 19 ބަލި މީހަކު އައިޖީއެމްއެޗުން އަންނަނީ ފަރުވާ ހޯދަމުންނެވެ. އަދި ލެބްގައި ޓެސްޓް ކުރުމުގެ އެޕޮއިންޓްމެންޓް އަންނަ ފެބްރުއަރީ މަހާ ހަމައަށް އޮތީ ފުލްވެފަ އެވެ.