03 Jan 2016, 10:35
މޮސްކޯ (ޖަނަވަރީ 3) : އެމެރިކާއަކީ ރަޝިޔާގެ އަމްނާއި ސަލާމަތަށްހުރި ނުރައްކަލެއް ކަމަށް ރައީސް ވަލްޑިމިއަރ ޕޫޓިން ސޮއިކުރެއްވި ރަޝިޔާގެ އަމަނާބެހޭ އައު ސްޓްރެޓެޖީ ބުނެފި އެވެ.
މިސްޓްރެޓެޖީގައި ނޭޓޯ ފުޅާކުރުމަކީ ވެސް ރަޝިޔާގެ އަމްނާއި ސަލާމަތަށް ހުރި ނުރައްކަލެއްގެ ކަމަށް ސިފަކޮށްފައިވެ އެވެ. މިއީ 2009 ވަނަ އަހަރު ރަޝިޔާގެ އޭރުގެ ރައީސް ޑިމިޓްރީ މިޑްވެޑޭވް ސޮއިކުރެއްވި ރަޝިޔާގެ އަމަނާބެހޭ އައު ސްޓްރެޓެޖީ ބަދަލުކޮށް ރަޝިޔާގެ ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން އަލަށް އެކުލަވާލި ސްޓްރެޓެޖީ އެވެ. ދެހާސް ތޭރަ ވަނަ އަހަރުގެ ފަހުކޮޅުގައި ކުރިމަތިވި ޔުކްރޭންގެ މައްސަލައަށް ފަހު އެމެރިކާ އާއި ރަޝިޔާގެ ގުޅުންތަކަށްވަނީ ބުރޫއަރައިފަ އެވެ.
ޔުކްރޭންގް ވެރިކަން އެމެރިކާ އަޑީގައި އޮވެގެން ބަދަލުކޮށްލުމާއި ރަޝިޔާއާ ދިމާއަށް ނޭޓޯ ފުޅާކުރަން ފެށުމުގެ ސަބަބުން ރަޝިޔާ ވެސް ވަނީ އެގައުމުގެ މުލައްދަނޑީގެ ބާރު ދައްކަން ފަށައިފަ އެވެ. އެގޮތުން ކުރިން މަޑުންމަޑުން އޮތް ރަޝިޔާ ވަނީ ޔުކްރޭންގެ ކްރައިމިޔާ ސަރަހައްދަކީ ރަޝިޔާގެ ބައެއްކަމަށް ހަދާފަ އެވެ. އަދި ޖޯޖިޔާގައި ރަޝިޔާ ދަރިކޮޅުގެ މީހުން ގިނަ އަބްޚާޒިޔާގައި އެދަރިކޮޅުގެ މީހުން އިޢްލާންކުރި ދައުލަތަށް ވެސް ރަޝިޔާވަނީ އިޢްތިރާފްވެފަ އެވެ.
އަދި ނޭޓޯ ފުޅާކުރުމާދެކޮޅަށް ރައްދު ދިނުމުގެ ގޮތުން ރަޝިޔާ އިން ވަނީ އެމެރިކާގެ ރަހްމަތްތެރި އިރުމަތީ ޔޫރަޕްގެ ގައުމުތަކަށް އަމާޒުކޮށްގެން ނިއުކްލިޔާ މިސައިލް ރުކުރުވާލާފަ އެވެ. މިއާއެކު އެމެރިކާއާއި ޔޫރަޕުންވަނީ ރަޝިޔާއާ ދެކޮޅަށް އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތައްވެސް އަޅާފަ އެވެ. އަދި ރައްދުގައި ރަޝިޔާ ވެސް ވަނީ އެގައުމުތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފަ އެވެ. މިކަމުގެ ސަބަބުން އެމެރިކާއަށް މާބޮޑު ގެއްލުމެއް ނުލިބުނު ނަމަވެސް ޔޫރަޕަށް ގެއްލުންތައް ލިބެމުންދެ އެވެ.
މީގެއިތުރުން ރަޝިޔާވަނީ އެގައުމުގެ ނުފޫޒު ހިނގަމުންދާ ސޫރިޔާ ފަދަ ގައުމުތަކަށްވެސް އަސްކަރީ ގޮތުން ވަދެގެންފައެވެ. މީގެކުރިން މެދުއިރުމައްޗަށް އަސްކަރީ ގޮތުން ވަދެގަންނަންކެރޭ ގައުމަކީ ހަމައެކަނި އެމެރިކާއާއި އެމެރިކާގެ ބައިވެރި ނޭޓޯގެ ގައުމުތަކެވެ. މީގެއިތުރުން ބައިނަލްއަގްވާމީ ބޮޑެތި މައްސަލަތަކުގައި އެމެރިކާގެ ފިކުރާއި އެމެރިކާގެ ސިޔާސަތުތަކާ ދެކޮޅަށް ރަޝިޔާވަނީ އދ.ގެ ސަލާމަތީ މަޖިލީހުގައި ވީޓޯ ވެސް ކޮށް އެމެރިކާއާ ވާދަކުރަން ފަށާފަ އެވެ. ނަތީޖާއެއްގެ ގޮތުން އެމެރިކާއަށްވަނީ ރަޝިޔާގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. (ނޫސްއެޖެންސީތައް)