ރަޝިއާގައި 2018 ވަނަ އަހަރު ބާއްވަން ނިންމާފައިވާ ދުނިޔޭގެ ތައްޓަށް ކުޅޭ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް، ފީފާ ވޯލްޑް ކަޕް ހުޅުވާ މެޗާއި ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވާ ސްޓޭޑިއަމްގެ މަސައްކަތް މިއަހަރުގެ ފަހުކޮޅު ނިމޭނެ ކަމަށް ރަޝިއާ އިން ބުނެފި އެވެ.

ރަޝިއާގެ ވެރިރަށް މޮސްކޯގައި ހުންނަ ލަޒްނިކީ ސްޓޭޑިއަމް އަލުން އެޅުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އެ ސްޓޭޑިއަމްގެ މަސައްކަތްތައް މުބާރާތް ފެށުމުގެ ހަ މަސް ކުރިން ނިންމާލެވޭނެ ކަމަށް ރަޝިއާގެ ކަމާބެހޭ އިދާރާތަކުން ބުނެއެވެ.

ލަޒްނިކީ ސްޓޭޑިއަމް އަލުން އެޅުމުގެ މަސައްކަތް ފަށާފައިވަނީ 2013 ވަނަ އަހަރު އެވެ. ޖުމްލަ 81،000 މީހުންނަށް ވަދެވޭ ގޮތަށް ހަދާ އެ ސްޓޭޑިއަމްގެ މަސައްކަތް ކުރިން ނިމޭނެ ކަމަށް ލަފާކުރެވިފައިވަނީ އަންނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.

"ރަޝިއާގެ މައި ސްޓޭޑިއަމް، ލަޒްނިކީ އަލުން އެޅުމުގެ މަސައްކަތް މިދިޔައީ ޝެޑިއުލް ކުރި ވަރަށްވުރެއް ވެސް އަވަހަށް. އެހެންކަމުން ކުރިން ޝެޑިއުލްކުރެވުނު ތާރީހަށްވުރެއް ހަ މަސް ކުރިން ސްޓޭޑިއަމްގެ މަސައްކަތް ނިންމާލެވޭނެ،" ކޮންސްޓްރަކްޝަން ޑިޕާޓްމަންޓުގެ ހެޑް އެންޑްރެއި ބޮޗްކަރޭވް ވިދާޅުވި އެވެ.

ލަޒްނިކީ ސްޓޭޑިއަމް އަށް އަލުން ގެންނަ ބަދަލުތަކުގެ ތެރޭގައި ދަނޑު ވަށައިގެންވާ ދުވާ ޓްރެކް ނަގައި ދަނޑާ ގާތަށް ސީޓުތައް ގެނައުމަށް ވަނީ ނިންމާފައެވެ.

ލަޒްނިކީ ސްޓޭޑިއަމް ފުރަތަމަ އަޅާފައިވަނީ 1956 ވަނަ އަހަރު އެވެ. މިއީ ގިނަ ކުޅިވަރުތަކެއް ކުރިން ބާއްވާފައިވާ އެ ސްޓޭޑިއަމް އަޅާ ދެވަނަ ފަހަރެވެ. މޮސްކޯގައި 1980 ވަނަ އަހަރު ބޭއްވި ސަމާ އޮލިމްޕިކަށް ވެސް އެ ސްޓޭޑިއަމް ވަނީ އަލުން އަޅާފައެވެ.

ލަޒްނިކީ ސްޓޭޑިއަމް މިހާރު ބޭނުންކުރަމުން އަންނަނީ ރަޝިއާގެ ގައުމީ ފުޓްބޯޅަ ޓީމުގެ ފަރިތަކުރުންތަކަށެވެ.

ދެހާސް އަށާރަ ވަނަ އަހަރު ރަޝިއާގައި ބާއްވާ ފީފާ ވޯލްޑް ކަޕުގެ މެޗުތައް 12 ސްޓޭޑިއަމެއްގައި ކުޅޭއިރު އޭގެ ތެރެއިން ދެ ސްޓޭޑިއަމް ހުންނަނީ މޮސްކޯގައެވެ.

މައުލޫމާތު: ރަޝިއާ ޓުޑޭ