އަބަދު ވަރުބަލިވެފައި ހުންނަނީ ކީއްވެގެންކަން އެނގޭތަ؟
އަބަދު ވަރުބަލިވެފައި ހުންނަނީ ކީއްވެގެންކަން އެނގޭތަ؟

ބައެއް ދުވަސް ދުވަހު، ވާ ނުވާ ނޭނގި ހަށިގަނޑު ލޮޑުވެ، ވަރުބަލިވާ ގޮތް ދިމާވެ އެވެ. ކިތަންމެ ވަރަކަށް މަސައްކަތަށް ނުވަތަ ހެލިފެލިވެ އުޅުމަށް ތައްޔާރުވެ ހުރި ނަމަވެސް އަބަދު ވަރުބަލިވެފައި ހުރެވެ އެވެ.

އަބަދު ވަރުބަލިވެފައި ހުންނަނީ ކީއްވެގެންކަން އެނގޭތަ؟
އަބަދު ވަރުބަލިވެފައި ހުންނަނީ ކީއްވެގެންކަން އެނގޭތަ؟

މިކަން މި ދިމާވަނީ ނޭނގި ނަމަވެސް ހެދޭ ކުދިކުދި ގޯސްތަކަކާއި ގުޅިގެންނެވެ. މިކަންކަން ރަނގަޅު ކޮށްލުމަށް ބޭނުންވަނީ ކުޑަކުޑަ ހިތްވަރަކާއި ކެތްތެރިކަމެވެ. އޭރުން ގޮތް ނޭނގޭ "ވަރުބަލިކަން" ފިލައިގެން ދިއުމަކީ ވުން އެކަށީގެންވާ ކަމެކެވެ.

1. ކަސްރަތު ނުކުރުން

ޤަވައިދުން ކަސްރަތުކޮށް އުޅޭ މީހަކު، ކަސްރަތު ނުކުރާ ދުވަހެއްގައި ވަރުބަލިކަމެއް އިހްސާސް ކުރެވުމަކީ ވެދާނެ ކަމެކެވެ. ގަވައިދުން ކުރާ ކަސްރަތުތަކަށް ނުވަތަ ވޯކްއައުޓްތަކަށް "މަކަރު ހަދައި" އުޅުމަކީ ތިމާގެ ހަށިގަނޑަށް ނޭދެވޭ އަސަރުތަކެއް ކުރުވާފާނެ ކަމެކެވެ. އެހެންކަމުން، ކޮންމެ ދުވަހަކު ވެސް ކަސްރަތަށް ހޭދަކުރާ ވަގުތުކޮޅު އެކަމަށް ޚާއްސަކޮށްފައި ބޭއްވުމަކީ މުހިންމު ކަމެކެވެ. އެންމެ ކުޑަމިނުން 20 މިނިޓުގެ ވަގުތުކޮޅަކަށް ހިނގާލުމަކީ ވެސް ކުރެވިދާނެ ކެމެކެވެ.

2. ބޭނުންވާ މިންވަރަށް ފެން ނުލިބުން

ފެނަކީ ހަށިގަނޑަށް އެންމެ މުހިންމު އެއް މާއްދާ ކަމަށް ވާ އިރު، ހަށިގަނޑަށް ބޭނުންވާ ވަރަށް ފެން ނުލިބުމަކީ ހަށިގަނޑު ވަރުބަލި ކޮށްލާ ކަމެކެވެ. ހަށިގަނޑުން ފެން މަދުވުން ނުވަތަ ޑީހައިޑްރޭޓް ވުމަކީ ހަށިގަނޑަށް އެކަމުގެ އަސަރު ވަރަށް ބޮޑަށް ކުރުވާ ކަމަކަށްވާ އިރު، މިކަމުގެ ސަބަބުން ވަރުބަލިކަން ވަރަށް ބޮޑަށް އިހްސާސް ކުރުވާނެ އެވެ.

3. ހެނދުނުގެ ނާސްތާ ދޫކޮށްލުން

ކާނާއަކީ ހަށިގަނޑަށް ހަކަތަ ފޯރުކޮށްދޭ އެންމެ މައިގަނޑު ވަސީލަތެވެ. ހަށިގަނޑަށް އަބަދާއި އަބަދު ހަކަތަ ބޭނުންވާ އިރު، ނިދާފައި އޮންނަ ވަގުތު ވެސް ހަށިގަނޑުން ދާނީ ހަކަތަ "އަންދަމުން"ނެވެ. އެހެންކަމުން، ރޭގަނޑުގެ ކޮއްތު ކައިގެން ނިދާލުމަށް ފަހު ހެނދުނު ހޭލާ ވަގުތު، ހަށިގަނޑަށް ރޭގަނޑު ފޯރުކޮށްދިން ހަކަތަ އެއްކޮށް އަންދާލެވިފައި ވުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމުން ހެނދުނުގެ ނާސްތާ ނެގުމަކީ ވަރަށް މުހިންމު ކަމެކެވެ.

އެހެން ނަމަވެސް ގިނަ ފަހަރު ހެނދުނުގެ ނާސްތާ ނުނަގައި ދޫކޮށްލެވެނީ އެވެ. އޮފީހަށް ނުވަތަ ސްކޫލަށް ދާން ގަޑި ޖެހިދާނެތީ، ހެނދުނު ސައި ބޯން ބޭނުން ނުވެދާނެ އެވެ. ފެން ވަރައިގެން ރީތި ވެގެން ހެނދުނު ގަޑީގައި ސްކޫލަށް ނުވަތަ ވަޒީފާއަށް ހުސް ބަނޑާ ގޮސް ހުންނާނީ ވަރުބަލި ވެފަ އެވެ. މޫނުމަތިންނާއި ހަށިގަނޑުން އެއްވެސް ވަރެއް، ހިތްވަރެއް ނުފެންނާނެ އެވެ. މެންދުރުގެ ކެއުމުގެ ގަޑި ޖެހެންދެން ހުންނަން ޖެހޭނީ އެ ވަރުބަލިކަމުގެ މަތީގަ އެވެ.

4. ނިދުމުގެ ކުރިން ފޯނާއި ލެޕްޓޮޕް ފަދަ ތަކެތީން އަތްވީލުން

ޓެކްނޮލޮޖީ ކުރިއަރައި، ކޮންމެ މީހެއްގެ އަތުގައި އިންޓަނެޓާއި ގުޅާލެވިފައިވާ ސްމާޓް ފޯނެއް ނުވަތަ ޓެބްލެޓެއް އޮންނަ މި ޒަމާނުގައި އެއްވެސް ކަމެއް އެތަކެއްޗާ ނުލައި ނުކުރެވޭ ކަހަލަ އެވެ. ފޮތް ކިޔުމާއި ޚަބަރު ކިޔުމަކީ ވެސް އިލެކްޓްރޯނިކް ކަމަކަށް މިވަނީ ވެފަ އެވެ. އެހެންކަމުން މި އިލެކްޓްރޯނިކް ޑިވައިސްތައް އަބަދުވެސް އޮންނަނީ އަހަރެމެންގެ އަތު ތެރޭގަ އެވެ.

އެހެން ނަމަވެސް ރޭގަނޑު ނިދާލުމަށް އެނދަށް އަރައި އޮންނަ ވަގުތުކޮޅުގައި އިލެކްޓްރޯނިކް ވަސީލަތްތައް ދޫކޮށްލަން އެބަ ޖެހެ އެވެ. ސަބަބަކީ، ފޯނާއި، ޓެބްލެޓާއި ލެޕްޓޮޕް ފަދަ ތަކެތީގެ ސްކްރީންތަކުން ދޫކުރާ އައްޔަކީ ނިންޖަށް އަސަރު ކުރުވާ އައްޔަކަށް ވުމެވެ. މިކަމުގައި ސައިންޓިފިކް ހަގީގަތްތަކެއްވެ އެވެ.

ބައެއް ދިރާސާތައް ދައްކާ ގޮތުން، ނޫ ކުލައިގެ އައްޔަކީ، ހަށިގަނޑަށް ނިދި ގެނުވާ ހޯމޯން ކަމުގައިވާ "މެލަޓޯނިން" ރިލީޒް ކުރެވޭ މިންވަރު މަދުކުރާ އެއްޗެކެވެ. ވިސްނާލައިފި ނަމަ ހާމަވާނެ ކަމަކީ، އަހަރެމެންނަށް ބޭނުންކުރެވޭ ގިނަ ސޯޝަލް ނެޓްވޯކްތަކުގެ ތީމް ކުލައަކީ ވެސް ނޫ ކުލަ ކަމެވެ. ފޭސްބުކް، ޓުވިޓާ، ވޯޑްޕްރެސް، ޓަމްބްލާ، ޓެލެގްރާމް އަދި އެންމެ ކުޑަމިނުން މައިކްރޮސޮފްޓްގެ އީމެއިލް ޚިދުމަތް "އައުޓްލުކް"ގެ ތީމް ކުލައަކީ ވެސް ނޫ ކުލަ އެވެ.

ނިދަން އޮށޯވެ އޮވެ، ނިދި "ޚަރާބު ކޮށްލާ" މިފަދަ ކަމެއް ކުރެވިއްޖެ ނަމަ، ޖެހިގެން އަންނަ ދުވަހުގެ ހެނދުނު ހޭލެވޭނީ ލަހުންނެވެ. ދެން ސްކޫލަށް ނުވަތަ އޮފީހަށް ދިއުމުގެ ކުރިން ނާސްތާ ނަގާނެ ވަގުތެއް ނުވާނެ އެވެ. މުޅި ދުވަހު ހުންނާނީ ވަރުބަލި ވެފަ އެވެ.

އެހެންކަމުން، ދިރިއުޅުމުގައި މިކަހަލަ ކުދިކުދި ކަންކަން "އެޖަސްޓް" ކޮށްލައިގެން ވެސް ބޮޑެތި ކަންކަން ހާސިލު ކުރެވޭނެ އެވެ. ދުވަހެއް ފާއިތުވެގެން ދާ އިރު އެދުވަހު ވަރުބަލިކަމެއް އިހްސާސް ނުކޮށް ހިފަހައްޓައިލެވުމަކީ ހަމަ ޔަގީނުން ވެސް ކާމިޔާބަކަށް ވާނެ އެވެ.